ވެރިންނަށް ލިބޭ ހަދިޔާތަކާ މެދު ދައުލަތުން އަމަލު ކުރާނީ ކިހިނެއް؟

އަންކާރާގައި ބޭއްވި ނޭޓޯ ސަމިޓް ނިންމަވާލެއްވުމަށްފަހު ބެލްޖިއަމްގެ ބޮޑު ވަޒީރު ގައުމަށް އެނބުރި ވަޑައިގެން އޭނާގެ ދަބަސް ހުޅުއްވާލެއްވިއިރު، ގަމީސްތަކާއި ރަސްމީ ލިޔެކިޔުންތަކުގެ ދެމެދުގައި އޮތީ ފިސްތޯލައަކާއި ދިރިހުރި ވަޒަންތަކެކެވެ. އެއީ ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ދެއްވި ވަދާއީ ހަދިޔާއެކެވެ. އޮމާންކޮށް ޖަރީކޮށާފައިވާ ލަކުޑި ފޮއްޓެއްގައި އޮތް، "ގުމުސޭ .357 މެގްނަމް" ރިވޯލްވަރެކެވެ. މި ހަދިޔާ އުރުދުޣާން ކޮންމެ ވެރިއަކަށްވެސް ދެއްވިއެވެ. އަދި އޭގައި ކޮންމެ ލީޑަރެއްފގެ ނަން ޖައްސަވާފައި އޭގެއާއެކު މަދު ވަޒަން ވަޒަން ކޮޅެއްވެސް ހިމަނާފައި އޮތެވެ.

ބައެއް ވެރިން އެ ހަތިޔާރު ސީދާ އެއާޕޯޓް ފުލުހުންގެ ތިޖޫރީތަކަށް ފޮނުއްވި އެވެ. އަނެއް ބަޔަކު ފޮނުއްވީ ތުރުކީގައި ހުންނަ އެމީހުންގެ އެމްބަސީތަކަށާއި ދާރުލްއާސާރުތަކަށް ނުވަތަ ކަސްޓަމްސްގެ ގުދަންތަކަށެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ލިބުނު ރިވޯލްވަރުގައި އޭތި ސާފުކުރާ ކިޓަކާއި 500 ވަޒަނާ ހިމަނާފައި އޮތެވެ.

ކުއްލިއަކަށް ލިބުނު ހަތިޔާރަކާ މެދު އަމަލުކުރާނެ ގޮތަކާ ބެހޭގޮތުން ނޭޓޯގެ ވެރިން ހިމޭންކަމާއެކު މަޝްވަރާ ކުރެއްވުމަކީ ހަމައެކަނި ހާރިޖީ ހައިރާންކަމެއް ނޫނެވެ. އެއީ ގައުމުތަކުގެ ވެރިންނަށް ލިބޭ ހަދިޔާތަކާ ގުޅިފައިވާ ގާނޫނުތަކާއި، އުސޫލުތަކާއި، އަދި އެ ހަދިޔާތަކަކީ ސިޔާސީ ނުރައްކާތަކުގެ ބޮޑު އަދި ގިނަ ފަހަރަށް ނުބައިކޮށް މާނަކުރެވޭ ދުނިޔެއަކަށް ހުޅުވައިދޭ ކުޑަދޮރެކެވެ.

ދައުލަތަށް ލިބޭ ހަދިޔާގެ ނުރައްކާ ސިޔާސީ ގޮތުން އެންމެ ބޮޑަށް ދިމާވެފައިވަނީ ޕާކިސްތާނުގައެވެ. ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ބޭރުގެ ސަރުކާރުތަކުން ލިބުނު ހަދިޔާތަކާ މެދު އަމަލުކުރެއްވި ގޮތުގެ ސަބަބުން އޭނާއާ ދެކޮޅަށް ކޮރަޕްޝަންގެ މައްސަލައެއް ބަލަން ފެށިއެވެ.

ހަދިޔާތަކުގެ ނާޒުކު ސިޔާސަތު

ދައުލަތުގެ ހަދިޔާތަކަކީ ހަނދާނީ ހަދިޔާތަކެއްޗެއް ނޫނީ ސުވެނިއަރތަކެއް ނޫނެވެ. އެއީ ޚާރިޖީ ގުޅުން ގާއިމް ކުރުމުގެ ވަސީލަތެކެވެ. އިހުތިރާމާއި، ސަގާފީ ފަޚުރާއި ސްޓްރެޓެޖިކް މެސެޖުތަކުގެ ރަމްޒުތަކެކެވެ. މިސާލަކަށް، އުރުދުޣާންގެ ރިވޯލްވަރަކީ ތުރުކީގެ ދިފާއީ ސިނާއަތް ދައްކާލުމަށް ދެއްވި ހަދިޔާއެކެވެ. މިއީ ތުރުކިގެ ހާރިޖީ ސިޔާސަތުގެ ވަސީލަތަކަށް އަދި ގައުމީ ފަހުރަކަށް ހައްދަވާފައިވާ ދާއިރާގެ ރަމްޒެކެވެ.

ނަމަވެސް ހަދިޔާ ހަވާލުކުރުމުން، ދެވަނަ ސުވާލެއް އުފެދެއެވެ. އޭގެ ވެރިޔަކީ ކާކު ހެއްޔެވެ؟ ވެރި މީހާ ހެއްޔެވެ؟ ދައުލަތް ހެއްޔެވެ؟ ނުވަތަ ރައްޔިތުން ހެއްޔެވެ؟

ގިނަ ގައުމުތަކުގައި މިއަށް ޖަވާބުދޭ ގާނޫނުތައް ހަދާފައި ހުރެއެވެ. ނަމަވެސް އުސޫލުތައް ވަރަށް ތަފާތެވެ.

  • އެމެރިކާ: 'ފޮރިން ގިފްޓްސް އެންޑް ޑެކަރޭޝަންސް އެކްޓް' ގެ ދަށުން، އެމެރިކާގެ އޮފިޝަލުންނަށް އަމިއްލަ އަތުގައި ބެހެއްޓޭނީ 415 ޑޮލަރަށްވުރެ އަގު ދަށް ހަދިޔާތަކެވެ. އެއަށްވުރެ މަތީ އަގެއް ހުރި އެއްޗެއް ނަމަ ގައުމީ އަރުޝީފާ ހަވާލުކުރަންޖެހެއެވެ. ނުވަތަ ބާޒާރުގައި އެ އެއްޗެއްގެ އަގު ހުރި މިންވަރެއް ދައްކައި އަމިއްލައަށް ގަންނަންޖެހެއެވެ.

  • އިނގިރޭސިވިލާތް: އިނގިރޭސި ވަޒީރުންނަށް އަތުގައި ބެހެއްޓޭނީ 140 ޕައުންޑަށްވުރެ އަގު ހެޔޮ ހަދިޔާތަކެވެ. އެއަށް ވުރެން އަގުބޮޑު ތަކެތި ދައުލަތާ ހަވާލު ކުރަން ޖެހެއެވެ. ނޫންނަމަ ފައިސާ ދީފައި އެ އެއްޗެއް އެ އޮފިޝަލަކު ގަންނަންޖެހެއެވެ.

  • އިންޑިއާ: އިންޑިއާގައި ވެސް ހަރުކަށި 'ތޯޝާހާނާ' ނިޒާމެއް އޮވެއެވެ. އާދައިގެ އަގަކަށްވުރެ މަތީގެ އަގެއް ހުރި ހަދިޔާތައް ދައުލަތަށް ޖަމާކޮށް ދޭން ޖެހެއެވެ. ނުވަތަ ފައިސާ ދީފައި އެއްޗެއް ގަންނަން ޖެހެއެވެ.

  • ޖަޕާން: ޖަޕާނުގައޮ އޮންނަނީ ނުރަސްމީ އުސޫލުތަކެކެވެ. ނަމަވެސް ސާފެވެ. ވަޒީރުންނަށް ނުވަތަ ބޮޑުވަޒީރަށް ލިބޭ ހަދިޔާތަކަކީ، އެއީ ސީދާ އަމިއްލަ އެއްޗެއްކަން ސާފުކޮށް ބަޔާން ނުކުރާހައި ހިނދަކު، އެއީ ދައުލަތުގެ މިލްކިއްޔާތެކެވެ.

  • ޔޫރަޕްގެ އިއްތިހާދު (EU): އީޔޫގެ ކޮމިޝަނަރުންނަށް 150 ޔޫރޯއަށްވުރެ މަތީގެ ހުރިހާ ހަދިޔާއެއް ކޮމިޝަނާ ހަވާލު ކުރަން ޖެހެއެވެ.

ޔޫރަޕްގެ އެކި ގައުމުތަކުގައި، ނޭޓޯގެ ސަމިޓްގެ ހަދިޔާ ރިވޯލްވަރުތަކާ މެދު އަމަލުކުރީ މި ހަމައިގެ ދަށުންނެވެ.

ބެލްޖިއަމްގެ ބޮޑުވަޒީރު އޭނާގެ ރިވޯލްވަރު ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އެއާޕޯޓް ފުލުހުންނާ ހަވާލުކުރެއްވިއެވެ.
ޕޮލެންޑްގެ ރައީސް އޭނާގެ ހަދިޔާ ކަސްޓަމްސްއަށް ފޮނުއްވީ "އެކަށީގެންވާ ތަނެއްގައި" ރައްކާކުރުމުގެ ކުރިން ހުއްދަ ލިބެންދެން ނެވެ.
ނެދަލޭންޑްސް އަދި ސްވިޑަންގެ ވެރިން އެމީހުންގެ ރިވޯލްވަރުތައް އަންކާރާގައި ހުންނަ އެމްބަސީތަކަށް ފޮނުވިއެވެ. އޭގެ ތެރެއިން ނެދަރލެންޑްސްގެ ހަދިޔާ ބޭނުން ނުކުރެވޭ ގޮތް ހަދާއިރު، ސްވިޑްން އިން އޮތީ އެހަދިޔާ އެތެރެކުރުމުގެ ލިޔެކިޔުންތަކުގެ އިންތިޒާރުގައެވެ.
އިޓަލީން ބޮޑު ވަޒީރުގެ ހަދިޔާ ރިވޯލްވަރު ދައުލަތުގެ އެހެން ހަދިޔާތަކާއެކު ހަދިޔާ ބަހައްޓާ ޕަލާޒޯ ޗީޖީ ގައި ބެހެއްޓިއެވެ.
އުރުސުލާ ވޮން ޑެ ލޭއަން ގަސްތުކުރައްވަނީ އޭނާގެ ރިވޯލްވަރު އަސްކަރީ ދާރުލްއާސާރަކަށް ހަދިޔާކުރެއްވުމަށެވެ.

މިއީ އާންމު ނިންމުންތަކެވެ. ހިމޭން، އިޖުރާއީ، އަދި ބަހުސެއް ނެތް ކަންކަމެވެ. ނަމަވެސް ޕާކިސްތާނުގައި، މި ސުވާލު، ދައުލަތަށް ލިބޭ ހަދިޔާއަކާ މެދު އަމަލުކުރާނީ ކިހިނެއް؟ ވެގެންދިޔައީ ސިޔާސީ ބިންހެލުމަކަށެވެ.

ތޯޝާހާނާގެ ފަޅާއެރުން: ހަދިޔާއެއް ކުށަކަށް ވުން

ޕާކިސްތާނުގައި 'ތޯޝާހާނާ' އަކީ ބޭރުގެ ސަރުކާރުތަކުން ލިބޭ ހަދިޔާތައް އޮފިޝަލުން ޖަމާކުރަންޖެހޭ ދައުލަތުގެ ގުދަނެކެވެ. އެ ތަކެތި އަގުކުރުމަށްފަހު، އޮފިޝަލުންނަށް އެ ތަކެތި ގަނެވޭނީ ކަނޑައެޅިފައިވާ އިންސައްތައެއް ދެއްކުމަށްފަހުގައެވެ. އެތައް އަހަރެއް ވަންދެން ތޯޝާހާނާއަކީ އިދާރީ ހަވާސާއެއްގެ ގޮތުގައި އޮތް ތަނެކެވެ. ނަމަވެސް ދެން އައީ އިމްރާން ޚާންގެ ވެރިކަމެވެ.

އޭނާގެ ބޮޑުވަޒީރުކަމުގެ ދައުރުގައި، އިމްރާން ހާނަށް އަގުބޮޑު އެތައް ހަދިޔާއެއް ލިބިވަޑައިގަތެވެ. އޭގެ ތެރޭގައި އަގުބޮޑު ގަޑިތަކާއި، ގަހަނާތަކާއި، ޖަވާހިރު ޖެހިބަޑިއާއި އަދި ބޭރުގެ އިއްޒަތްތެރިން ދެއްވި ތަކެތި ހިމެނެއެވެ. މި މައްސަލަ ބޮޑުވީ، ބައެއް ހަދިޔާތައް ހާމަނުކޮށް އަމިއްލައަށް ވިއްކާލާފައިވާ ކަމަށާއި، އަދި އަނެއް ބައެއް ތަކެތި ކަނޑައެޅިފައިވާ އަގަށްވުރެ ދަށް އަގުތަކެއްގައި ގަނެފައިވާ ކަމަށް ތުހުމަތު ކުރުމުންނެވެ.

ލިޔެކިޔުންތަކުގެ އިދާރީ މައްސަލައަކުން ފެށުނު ކަމެއް ބަދަލުވެގެންދިޔައީ މުޅި ގައުމީ ބޭޒާރުވުމަކަށެވެ. އިމްރާން ހާނާ ދެކޮޅު މީހުން އެއީ ކޮރަޕްޝަންގެ އަމަލެއްގެ ގޮތުގައި ސިފަކުރިއިރު، އޭނާއަށް ތާއީދުކުރާ މީހުން ބުނީ އެއީ ސިޔާސީ ގޮތުން ދޭ އަނިޔާއެއް ކަމަށެވެ. ކޯޓުތަކުން މިއަށް ގޮތް ނިންމިއެވެ. މީޑިއާއިން ކޮންމެ އައިޓަމެއް ވަކިވަކިން ދިރާސާކުރިއެވެ. ކުރިން ނޭނގޭ އިދާރާއެއްގެ ގޮތުގައި އޮތް ތޯޝާހާނާ، މުޅި ގައުމަށް މަޝްހޫރު ނަމަކަށް ވެގެންދިޔައެވެ.

މި ބޭޒާރުވުމުން މާ ފުން ކަމެއް ދުނޔެއަށް ހާމަވިއެވެ. ދައުލަތުގެ ހަދިޔާތަކަކީ އޭގެ މާލީ އަގަށްވުރެ މާ މަތީގެ ރަމްޒީ ބަރުދަނެއް އުފުލާ ތަކެތިކަން ހާމަވިއެވެ. އެ ތަކެއްޗާ މެދު ނުބައިކޮށް އަމަލުކުރުމަކީ އެ ހަދިޔާ ދެއްވި ބޭރުގެ ވެރިޔާއަށް ކުރެވޭ އިހުތިރާމް ކުޑަކުރުމެއް ނުވަތަ އާންމު މިލްކިއްޔާތެއް ނާޖާއިޒު ގޮތުގައި ބޭނުންކުރުން ކަމަށް މާނަކުރެވިދާނެ ކަމެއް ކަމުގައި ވިއެވެ.

ޕާކިސްތާނުގެ ހާލަތުގައި، މީގެ ނަތީޖާ ސިޔާސީ ވާހަކަތަކާއި، ގާނޫނީ ހަނގުރާމަތަކާއި، އަދި އާންމުންގެ އިތުބާރު ބަދަލުކޮށްލާ މިންވަރަށް ވަރުގަދަވިއެވެ.

ދައުލަތުގެ ހަދިޔާތައް ބަލަހައްޓާ ގާނޫނުތަކަކީ ހަމައެކަނި ހަދިޔާތައް ބެލެހެއްޓުމާ ބެހޭ ގާނޫނުތަކެއް ނޫނެވެ. އެއީ ނަޒާހަތްތެރިކަމާ ބެހޭ ގާނޫނުތަކެކެވެ.

އެ ގާނޫނުތަކުގެ ބޭނުމަކީ:

  • ހެޔޮއެދުމެއްގެ ނަމުގައި ދެވޭ ރިޝްވަތު ހުއްޓުވުން
  • އާންމު މަގާމެއްގެ ބޭނުން ހިފައިގެން އަމިއްލައަށް މުއްސަނދިވުން މަނާކުރުން
  • ހާރިޖީ ގުޅުންތަކުގައި އުފެދޭ ނުބައި ވާހަކަތައް ހުއްޓުވުން
  • ވެރިންނަކީ "ގަނެވޭނެ" ބައެއް ކަމަށް ހީވާ ހީވުން ނައްތާލުން

އަދި އެ ގާނޫނުތަކުން ސަގާފީ ތަރިކަވެސް ހިމާޔަތްކޮށްދެއެވެ. ގިނަ ހަދިޔާތަކަކީ، ކަނޑިއެއް، އަތްލިޔުމެއް، ކުރެހުމެއް، އަދި ރަސްމީ ތާރީޚީ ގޮތުން މުހިންމު ތަކެއްޗެވެ. ގިނަ ފަހަރަށް ދާރުލްއާސާރުތަކަކީ އެ ތަކެތީގެ އެންމެ ފަހުގެ މަންޒިލެވެ. ތުރުކީގެ ހަދިޔާގެ ހާލަތުގައި، އެ ރިވޯލްވަރުތަކަކީ ގައުމީ ފަޚުރުގެ ރަމްޒެއްގެ ގޮތުގައި ދެއްވި އެއްޗެކެވެ. ނަމަވެސް އެ ތަކެތި ބޭރުގެ ވެރިންގެ ދަބަސްތަކަށް ވަން ހިސާބުން، އެ ތަކެތި ވަނީ ކޮންމެ ގައުމެއްގެ ގާނޫނީ ހަމަތަކަށް ސާބިތުވެފައިވާ އެފަދަ ތަކެތި ގުދަން ކުރެވޭ މަރުކަޒަށެވެ.

ކުޑަ ލަކުޑި ފޮއްޓެއްގެ ތެރެއިން ލިބޭ ބޮޑު ފިލާވަޅެއް

ނޭޓޯގެ ރިވޯލްވަރުތަކުގެ ސަބަބުން މައްސަލައެއް ފެންމަތިވުމަކީ ދުރުކަމެކެވެ. އެ ތަކެތި ހުންނާނީ ތިޖޫރީތަކުގައި، އެމްބަސީތަކުގައި، ދާރުލްއާސާރުތަކުގައި ނުވަތަ ސަރުކާރުގެ ގުދަންތަކުގައެވެ. ތައުރީފު ލިބި، ލިސްޓުކުރެވި، އަދި ހަނދާން ނެތިފައެވެ. ނަމަވެސް އެ ތަކެތިން ހާމަކޮށްދެނީ ކޮންމެ ސަރުކާރަކަށްވެސް އެނގޭ ހަގީގަތެކެވެ. ދައުލަތުގެ ވެރިޔަކަށް ލިބޭ ހަދިޔާއަކީ ދުވަހަކުވެސް ހަމައެކަނި ޝަޚުސީ ހަދިޔާއެއް ނޫން ކަމެވެ. އެއީ ގާނޫނީ ބުރަދަނެއް ހުރި އެއްޗެކެވެ. ސިޔާސީ ރަމްޒެކެވެ. އަދި ބައެއް ފަހަރު ޒިންމާއެކެވެ.

ބައެއް ގައުމުތަކުން މިކަންކަން ހިމޭންކަމާއެކު ބަލަހައްޓައެވެ. އަނެއް ބަޔަކު، ޕާކިސްތާނު ފަދައިން، މިކަން ދަސްކުރަނީ ހިތްދަތި ގޮތަކަށެވެ. އަދި ކޮންމެ ސަމިޓެއްގެ، އަދި ކޮންމެ ރަސްމީ ބަދަލުވުމެއްގެ ފަހަތުގައި އަބަދުވެސް ކުޑަ އޮފީހެއް އޮވެއެވެ. ތޯޝާހާނާއެއް، ރެޖިސްޓްރީއެއް، ނުވަތަ ޕްރޮޓޮކޯލް ޑިޕާޓްމަންޓެއް އޮވެގެން އެ ހަދިޔާއެއް ލިސްޓްކޮށް ރަޖިސްޓްރީކޮށް ޑޮކިއުމެންޓްކޮށް ބަލަހައްޓައެވެ. އެއީ ވެރިއެއްގެ އަތަށް ލިބޭ ކޮންމެ އެއްޗެއް ޒަމާނާއި ތާރީޚަށް ތަކައި ގައުމަށް ދައްކާލަން އޮންނަ ތަނެވެ.

ތިބާގެ ޤައުމުގައި ދައުލަތުގެ ވެރިންނަށް ލިބޭ މިފަދަ ހަދިޔާތަކާ މެދު އަމަލު ކުރަނީ ކޮން އުސޫލަކުން ތޯއެވެ؟

ހިއްސާ ކުރައްވާ!