އިސްލާމީ ތާރީޚާއި ޚުލަފާއުއްރާޝިދޫންގެ ސީރަތު ދިރާސާކުރުމުން، އިސްލާމް ދީނުން ބިންގާ އަޅާފައިވާ އިޖުތިމާޢީ ޢަދުލުވެރިކަން ސާފުކޮށް ހާމަވެގެންދެއެވެ. އިސްލާމީ ތާރީޚުގެ އެންމެ ފާހަގަ ކޮށްލެވޭ ހާދިސާއަކީ ދުނިޔޭގެ މީހުން އިސްރަށްވެހިންނަށް ޕެންޝަން ދިނުމުގެ މަފްހޫމު ނުދަންނަ ޒަމާނުގައި އިސްލާމީ ޚިލާފަތުން އެކަން ގާއިމް ކޮށްދެއްވުމެވެ.
އިސްރަށްވެހިންނަށް ޕެންޝަން އެންމެ ފުރަތަމަ ހަމަޖެއްސެވީ ޚަލީފާ އުމަރުގެ ފާނެވެ. އަދި އެންމެ ފުރަތަމަ ޕެންޝަން ލިބުނު މީހަކީ ގައި ބާރުދެރަވެ މުސްކުޅި ވެފައިވާ ޔަހޫދިއެކެވެ!
މިއީ އިތުބާރުހުރި އިސްލާމީ މަޞްދަރުތަކެއްގެ މައްޗަށް ބިނާވެފައިވާ ހާދިސާއިން ދޭހަކޮށްދެނީ، އިޖުތިމާއީ އަދުލުވެރިކަމުގެ އިޖުތިމާޢީ ތަކާފުލްގެ މަފްހޫމު އިސްލާމްދީނުން ތައާރަފްކޮށްދީފައިވާ ކަމެވެ.
ހާދިސާގެ ނައްޞާއި އޭގެ ޝަރުޢީ ލިޔެކިޔުންތަކުގެ ސައްހަކަން
މި ވާހަކަ ގެނަސްދެއްވާފައި ވަނީ ޓެކްސް ނެގުމާއި (އަލްޚަރާޖާއި)، މުދަލާއި، އަދި ޝަރުޢީ ވެރިކަން ހިންގުމުގެ ސިޔާސަތުތަކަށް ޚާއްޞަކޮށްފައިވާ ފޮތްތަކުގައެވެ. މި ހާދިސާ ގެނަސްދެއްވި ބޭފުޅުންގެ ތެރޭގައި އިމާމް އަބޫ ޢުބައިދު އަލްޤާސިމް ބިން ސައްލާމް (އަވަހާރަވީ 224 ހ.) ހިމެނެއެވެ. އެކަލޭގެފާނުގެ މަޝްހޫރު ފޮތް "الأموال" (އަލްއަމްވާލް) ގައި ސަޢީދު ބިން އަލްމުސައްޔިބުގެ އަރިހުން މި ވާހަކަ ރިވާކުރައްވާފައިވެއެވެ. އެއީ ޢުމަރު ބިން އަލްޚައްޠާބަށް، އަހުލުއްޛިންމާ، އެއީ، އިސްލާމީ ދައުލަތުގައި އުޅޭ ޣައިރު މުސްލިމުންގެ ތެރެއިން އެހީއަށް އެދެމުންދިޔަ މުސްކުޅި ޔަހޫދީ ފިރިހެނަކު ފެނިވަޑައިގަތުމުން، ޢުމަރުގެފާނު އޭނާއަށް ވިދާޅުވިއެވެ. "ތިބާގެ ޒުވާން ދުވަސްވަރު އަހަރެމެން ތިބާގެ ފައިދާ ހޯދައި ޖިޒިޔަ ހޯދުމަށްފަހު، ތިބާ މުސްކުޅިވީ ދުވަހު ނިކަމެތިކޮށްލުމަކީ އަހަރެމެން ތިބާއަށް ކުރި ބޭއިންސާފެކެވެ." އެއަށްފަު އުމަރުގެފާނު އެ މީހާއަށް ބައިތުލްމާލުން އޭނާގެ ޙާލަތު ރަނގަޅުވާނެ ވަރުގެ އެލަވަންސެއް ހަމަޖައްސަވައިދެއްވިއެވެ. މިއީ އޯލްޑް އޭޖް ޕެންޝަންގެ ފެށުމެވެ!
ހަމައެފަދައިން، އިމާމް އަބޫ ޙަނީފާގެ ދަރިވަރު، އިމާމް އަބޫ ޔޫސުފް (އަވަހާރަވީ 182 ހ.) އެކަލޭގެފާނުގެ ފޮތް "الخراج" (އަލްޚަރާޖް) ގައި އެހެން އިބާރާތަކުން މި ވާހަކަ ޛިކުރުކުރައްވާފައިވެއެވެ. މި ފޮތަކީ ޓެކްސް ނެގުމާ ބެހޭ ގޮތުން އިންސާނަކު އެންމެ ފުރަތަމަ އެކުލައިލި ފޮތެވެ.
ކިޔާބުލް ޚިރާޖުގައި ބަޔާން ކޮށްފައިވާ ގޮތުން، ޢުމަރުގެފާނު މަގު ހިންގަވާފައި ވަޑައިގެންނެވި ވަގުތު، ސާލާޖަހަން ހުރި މީހަކާ ދިމާވިއެވެ. އޭނާއަކީ ލޯފަން މުސްކުޅިއެކެވެ. އެކަލޭގެފާނު ފަހަތްޕުޅުން ވަޑައިގެން އެމީހާގެ މުލައްދަނޑީގައި ޖައްސަވައި ވިދާޅުވިއެވެ. "ތިބާއަކީ އަހުލުލްކިތާބީންގެ ތެރެއިން ކޮން ބައެއްގެ މީހަކު ހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "ޔަހޫދީ އަކީމެވެ." އުމަރުގެފާނު ވިދާޅުވިއެވެ. "ތިބާ ތިޔަ ފެންނަ ޙާލަތަށް ވައްޓާލީ ކޮންކަމެއް ހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "ޖިޒްޔަ ދައްކަންޖެހުމާއި، ބޭނުންތަކާއި، އަދި އުރުން ދުވަސްވުމެވެ." އެއަށްފަހު ޢުމަރުގެފާނު އޭނާގެ އަތުގައި ހިއްޕަވައިގެން އެކަލޭގެފާނުގެ ގެއަށް ވަޑައިގެން، ގޭގައި ހުރި އެއްޗަކުން އޭނާއަށް އެހީތެރިކަން ދެއްވިއެވެ. އަދި ބައިތުލްމާލުގެ ޚާޒިނަށް މީހަކު ފޮނުއްވައި ވިދާޅުވިއެވެ. "މިމީހާއާއި މިމީހާއާ އެއްފަދަ އެހެން މީހުންނަށް ބަލާށެވެ! اللَّه ގަންދީ ވިދާޅުވަމެވެ. އޭނާގެ ޒުވާން ދުވަސްވަރު އަހަރެމެން އޭނާގެ ބޭނުންކުރުމަށްފަހު، މުސްކުޅިވީ ދުވަހު އޭނާ އެކަނިވެރިކޮށްލުމަކީ އަހަރެމެން އޭނާއަށް ކުރި ބޭއިންސާފެކެވެ."
ތާރީޚީ ސިޔާޤާއި ބައިތުލްމާލު ތަރައްޤީކުރެއްވުން
މި ކުރު ވާހަކައަކީ، އަލްފާރޫޤު ޢުމަރުގެފާނުގެ ޚިލާފަތުގެ (13 ން 23 ހ. / 634 ން 644 މ.) އިސްލާމީ ޚިލާފަތުގެ އިދާރީ ހިންގުން އިސްލާޙު ކުރުމުގެ ވާހަކައެކެވެ. ޢުމަރު رضي الله عنه އަކީ އިސްލާމްދީނުގައި އެންމެ ފުރަތަމަ ދައުލަތުގެ ރަސްމީ ރެކޯޑުތަކާއި އިދާރާތަކައި ދީވާންތައް ލިޔެ ބެލެހެއްޓެވި ޚަލީފާއެވެ. އަދި "ބައިތުލްމާލު" އެއީ ހަމައެކަނިޣަނީމާ މުދާ ބަހާ ތަނަކަށް ނުހައްދަވައި އެއީ، އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭ ނިޒާމީ މުއައްސަސާއަކަށް ބަދަލުކުރެއްވި ޚަލީފާއެވެ. އަދި ނިކަމެތިންނަސް އަޅާލުމަކީ ހަމައެކަނި މުސްލިމުންނަށް ޚާއްޞަވެގެންވީ ކަމެއް ނޫނެވެ. އަދި އެއީ، އިސްލާމީ ދައުލަތުގައި ހިމެނުނު ޣައިރު މުސްލިމް ރައްޔިތުންވެސް ރައްކާތެރިކަން ހޯދައި ދިން ނިޒާމެކެވެ.
އިސްލާމީ ފިޤުހުގައި މި ހާދިސާގެ މައްޗަށް ބިނާކޮށް ސާބިތު ޤާއިދާއެއް ކަނޑައަޅާފައިވެއެވެ. އެއީ މުސްކުޅިންނާއި، ނުކުޅެދުންތެރިންނާއި، ބަލިމީހުންނާއި، އަދި ފަޤީރުންގެ ކިބައިން ޖިޒްޔަ ކެނޑިގެންދާނެ ކަމެވެ. އަދި އެއާ ޚިލާފަށް، މުސްލިމުންގެ ފަޤީރުންނެކޭ އެއްފަދައިން، މުސްލިމުންގެ ބައިތުލްމާލުން ދާއިމީގޮތެއްގައި ޚަރަދު ލިބުމުގެ ޙައްޤު އެމީހުންނަށްވެސް ލިބިގެންވެއެވެ.
މިޒާމާނުގައި ޓެކްސްގެ ނިޒާމުގައި ޖީއެސްޓީފަދަ ޓެކްސްތައް ނެގުމުގައި ތަފާތު ކުރުމެއް ނޯވެއެވެ.
ޝުބުހަތަކަށް ރައްދުދިނުމާއި ތާރީޚީ މާނަކުރުންތައް
މި ޒަމާނުގެ ބައެއް ދިރާސާކުރާ ބޭފުޅުން މި ވާހަކައަކީ ތާރީޚުގައި އުފެދުނު "އެންމެ ފުރަތަމަ ޕެންޝަން ނިޒާމު" ގެ އަޞްލު ކަމުގައި ދެކެވަޑައިގަންނަވައެވެ. އަލްފާރޫޤު ޢުމަރުގެފާނު ދެއްކެވީ ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިންނަށް ދައުލަތުން ދޭންޖެހޭ ދެމެހެއްޓެނިވި އިޖުތިމާޢީ ރައްކާތެރިކަމުގެ މުއައްސަސާ ފެންވަރުގެ ނަމޫނާއެކެވެ.






