ނޫސްވެރިކަމުގެ މިނިވަންކަމަށް ޑިކްޓޭޓަރު ޓްރަމްޕްގެ ހަމަލާތައް: 'ނިއު ޔޯކް ޓައިމްސް' ގެ ނޫސްވެރިންނަށް ފިޔަވަޅު އަޅަން ފަށައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި، އެ ޤައުމުގެ ނޫސްވެރިކަމުގެ މިނިވަންކަން މިހާރު ވަނީ އިންތިހާއަށް ނުރައްކާތެރި ހާލަތަކަށް ވެއްޓިފައެވެ. އެމެރިކާގެ މިނިވަން މީޑިއާއައް ބިރުދައްކައި، އަނިޔާވެރިކަމާއެކު އަޑުކަނޑުވާލުމަށް ޓްރަމްޕްގެ އިދާރާއިން ހިންގަމުންދާ ފާޅުކަންބޮޑު ޖަރީމާތަކުގެ އެންމެ ފަހުގެ ޝިކާރައަކަށް މަޝްހޫރު "ނިއު ޔޯކް ޓައިމްސް" ވެއްޖެއެވެ.

އެ ނޫހުން ހާމަކުރި ގޮތުގައި، ގަތަރުގެ އަމީރު ބޭނުން ކުރައްވާފައިވާ ސެކަންޑްހޭންޑް ރިޔާސީ އާ ޖެޓާ ގުޅޭ ދެ ރިޕޯޓެއް ޝާއިއުކުރުމާ ގުޅިގެން، އެ ނޫހުގެ ނޫސްވެރިންނަށް އިދާރީ ފިޔަވަޅު އެޅުމަށް ހާޒިރުވުމަށް އެންގުމަށްފަހު، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މިހާރު ވަނީ ފެޑެރަލް ގްރޭންޑް ޖޫރީއެއްގެ ކުރިމައްޗަށް ހާޒިރުވެ ހެކިބަސް ދިނުމަށް އަމުރުކޮށްފައެވެ.

މި އަމުރުތައް ހަވާލުކުރުމަށް ފެޑެރަލް އޮފިސަރުން ވަނީ ނޫސްވެރިންގެ ގެތަކަށް ގޮސް ބިރުދައްކާފައެވެ. މިއީ މިނިވަން ނޫސްވެރިކަމުގެ ބިންގާ ގުޑުވާލައި، ޓްރަމްޕްގެ ވެރިކަމުގައި މީޑިއާ ފިއްތާލުމަށް ކުރަމުންދާ ނާތަހުޒީބު މަސައްކަތްތަކުގެ ތެރެއިން އެންމެ ހަޑިމުޑުދާރު އެއް ފިޔަވަޅެވެ.

މިނިވަން ނޫސްވެރިކަމާ ދެކޮޅަށް ޓްރަމްޕްގެ ހަނގުރާމަ

ޓްރަމްޕް 2025 ވަނަ އަހަރު އަލުން ވެރިކަމަށް ވަޑައިގެންނެވި ފަހުން، އެމެރިކާގެ މީޑިއާއަށް ކުރިމަތިވެފައިވަނީ ބިރުވެރި ދުވަސްތަކެކެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އާއި ރިޕޯޓާސް ވިތައުޓް ބޯޑާސް  ފަދަ ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ފާހަގަކުރާ ގޮތުގައި، ޓްރަމްޕަކީ މީޑިއާގެ މިނިވަންކަމަށް އޮތް އެންމެ ބޮޑު "ހުރަހެވެ."

އޭނާގެ އަނިޔާވެރި ސިޔާސަތުތަކުގެ ތެރޭގައި:

  • މީޑިއާ އެކަހެރިކުރުން: ވައިޓް ހައުސް އާއި ޕެންޓަގަންގެ ހަރަކާތްތައް ކަވަރު ކުރުމަށް މީޑިއާއަށް އޮތް ފުރުސަތުތައް ހަނިކުރުން.
  • ޤާނޫނީ ފިޔަވަޅުތައް: މީޑިއާއާ ދެކޮޅަށް ދައުވާކުރުމާއި، ބްރޯޑްކާސްޓިން ލައިސަންސްތައް އަތުލާނެ ކަމުގެ އިންޒާރު ދިނުން.
  • ނޫސްވެރިން ހައްޔަރުކުރުން: ޤާނޫނާ ޚިލާފު ކޮރަޕްޝަނާ ވެރިކަމުގެ އަމަލުތައް ހާމަކުރާ ނޫސްވެރިންނަށް ޖަލު ހުކުމްތައް އައިސް، އަނިޔާވެރިކަމާއެކު ބިރުދެއްކުން.
  • މިނިވަން އިދާރާތައް ހަތިޔާރަކަށް ބޭނުންކުރުން: ޓްރަމްޕްގެ އަމަލުތަކަށް ފާޑުކިޔާ މީޑިއާތައް އަދަބު ދިނުމަށް ސަރުކާރުގެ އެކި އިދާރާތައް ބޭނުންކުރުން.

ޤާނޫނު އަސާސީގެ ފުރަތަމަ އިސްލާހަށް ގޮންޖެހުން

އެމެރިކާގެ ޤާނޫނު އަސާސީގެ ފުރަތަމަ އިސްލާހުން ލިބިދޭ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން މިހާރު ޓްރަމްޕްގެ ވެރިކަމުގައި ވަނީ "މަރުވެފައެވެ." "މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން ހަމަލާއެއް،" ނޭޝަނަލް ޕްރެސް ކްލަބުން ނެރުނު ބަޔާނެއްގައި ބުންޏެވެ. "ފެޑެރަލް އޮފިސަރުން ނޫސްވެރިންގެ ގެތަކަށް ވަދެ ބިރުދެއްކުމަކީ، އެމެރިކާ ބިނާވެފައިވާ ޑިމޮކްރަސީގެ އަސާސްތައް ނައްތާލުމެވެ."

ޓްރަމްޕްގެ މި ފިނޑި އަމަލުތަކުގެ ސަބަބުން، 2026 ވަނަ އަހަރުގެ 'ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް' ގައި އެމެރިކާ ވަނީ ވަރަށް ބޮޑަށް ދަށަށް ވެއްޓި، 64 ވަނަ ދަރަޖައަށް ވެއްޓިފައެވެ. 2025 ވަނަ އަހަރު އެކަނި ވެސް ނޫސްވެރިންނަށް 170 ހަމަލާ ދީފައިވާއިރު، މިއީ އެ ޤައުމުގެ ޑިމޮކްރަސީއަށް ޓްރަމްޕްގެ ސަރުކާރުން ގެނައި ފުން ޒަހަމެކެވެ.

ހިއްސާ ކުރައްވާ!