ދުނިޔެއިން ބޭރުގެ އެހެން ދިރުންތަކުގެ މައުލޫމާތު ނާސާގައި ހުރިކަމަށް ބުނެފި

ޔޫއެސް ސްޕޭސް އެޖެންސީ (ނާސާ) ގައި، ސައިންސްވެރިންނަށް މިހާތަނަށް މާނަކޮށް ދެވިފައި ނުވާ ބޭރު ދުނިޔޭގެ އެކި ދިރޭ ތަކެތީގެ ފޮޓޯތައް އެބަހުރި ކަމަށް އެ އެޖެންސީގެ އައު ވެރިޔާ ޖެރެޑް އައިޒަކްމަން ކަށަވަރުކޮށްދެއްވައިފިއެވެ. މި ވާހަކައާއެކު، ކާއިނާތުގައި މި ގެލެކްސީގައި އިންސާނުން ފިޔވައި އެހެން ދިރުންތަކެއް އުޅެ ދާނެކަމުގެ ބަހުސް އަނެއްކާވެސް ވަނީ ބައިނަލްއަގުވާމީ ސަމާލުކަމަށް އައިސްފައެވެ.

’ދަ ޖެކް ގޯޑަން ޕޮޑްކާސްޓް' އަށް ދެއްވި ބަސްދީގަތުމެއްގައި އައިޒަކްމަން ވިދާޅުވީ، ނާސާއިން އެއްކޮށްފައިވާ ބައެއް ފޮޓޯތަކަކީ މިހާތަނަށް ތަރިތައް ނުވަތަ އެހެނިހެން ގުދުރަތީ ހާދިސާތަކެއްގެ ގޮތުގައި ސައިންޓިފިކް ހަމަތަކުން މާނަކޮށްދެވިފައިވާ ތަކެތި ނޫން ކަމަށެވެ.

"އަހަރެމެންނަށް ފޮޓޯތައް ލިބިއްޖެ. ނަމަވެސް އެ ފޮޓޯތަކުން ލިބޭ މައުލޫމާތަށް ބަލާއިރު، އެއީ ސީދާ ކޮން އެއްޗެއްކަމެއް އަހަރެމެންނަކަށް އަދި ނޭނގެ،" އައިޒަކްމަން ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުންވެސް ބާރުއަޅަނީ މިފަދަ ހޯދުންތަކުގެ ހާމަކަން ބޮޑުކުރުމަށެވެ.

ޕެންޓަގަނުން ކަމާބެހޭ ސިއްރު ލިޔެކިޔުންތައް އާންމުކުރުމާ ގުޅިގެން، ދުނިޔެއިން ބޭރުގެ ދިރުންތަކާ މެދު އާންމުންގެ ޝައުގުވެރިކަން އިންތިހާއަށް އުފެދިފައިވާ ދަނޑިވަޅެއްގައި ނާސާގެ އިސްވެރިޔާގެ ފަރާތުން މިފަދަ މައުލުމާތެއް ލިބުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. ނަމަވެސް، އޭނާ ވަނީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި ދެކެވޭ އެންމެ ބޮޑު އެއް ކޮންސްޕިރެސީ ތިއަރީ ދޮގުކުރައްވާފައެވެ. އެމެރިކާ ސަރުކާރަށް ބޭރު ދުނިޔޭގެ އުޅަނދެއް ނުވަތަ އެލިއަނުންގެ ހަށިގަނޑެއް ފެނި، ހިފެހެއްޓިފައިވާ ކަމަށް ބުނާ ވާހަކަތަކަށް ބާރުދޭ އެއްވެސް ހެއްކެއް ނާސާގެ ރެކޯޑުތަކުން ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް، ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ބޭރު ދުނިޔޭގެ މަޚުލޫގުންގެ ހަގީގީ ހެކި މިހާރުވެސް ނާސާގައި ހުރެދާނެއެވެ. "މިވަގުތު މާސް އިން އަހަރެމެން އެއްކުރި ސާމްޕަލްތައް އެބަހުރި. އެ ތަކެތި ކާމިޔާބުކަމާއެކު ބިމަށް ގެނެވިއްޖެނަމަ، ކޮންމެވެސް ހިސާބަކުން މާސްގައި މަދުވެގެން ކުދި ފަނިފަކުސަ ދިރުންތައް ހުރިކަން ހާމަވުމުގެ ފުރުސަތު ވަރަށް ބޮޑު،" އައިޒަކްމަން ވިދާޅުވިއެވެ. ބަޖެޓުގެ ގޮންޖެހުންތަކާއި މަޝްރޫއުތައް ލަސްވުމާ ކުރިމަތިލާންޖެހިފައިވީ ނަމަވެސް، މާސްގެ ސާމްޕަލްތައް ދިރާސާކުރުމަކީ ނާސާގެ އެންމެ ބޮޑު އެއް ސައިންޓިފިކް އަމާޒެވެ.

ބިލިއަނަރެއްގެ އިތުރުން ނާސާގެ ވެރިޔަކަށް އައްޔަންކުރެވުނު ސިޔާސީ އެސްޓްރޮނޯޓް، އައިޒަކްމަން ގަބޫލުކުރައްވާ ގޮތުގައި އިންސާނިއްޔަތުގެ ދިގު މުއްދަތުގެ މުސްތަގުބަލު ހަމައެކަނި ބިމަށް ހަނިވެގެންނުވެއެވެ.

"އަހަރެން މި މައުޟޫއަށް ފޫހިކަމެއް ނުވެވޭނެ. ހަގީގަތުގައި އަހަރެން މިއަށް އިންތިހާއަށް ޝައުގުވެރިވޭ. ސަބަބަކީ ނާސާގައި އަހަރެމެން ކުރަން މިއުޅޭ ކަމުގެ މައިގަނޑު އަސާސަކީ 'އަހަރެމެން މިތިބީ އެކަނިތަ؟' މި ސުވާލަށް ޖަވާބު ހޯދުން،" އައިޒަކްމަން ވިދާޅުވިއެވެ. "އަހަރެމެންގެ ތަގުދީރަކީ ހަމައެކަނި އެއް ގްރަހެއްގައި ތިބުން ކަމަކަށް އަހަރެން ނުދެކެން." ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!