ޓްރަމްޕްގެ ސިކުނޑިއާ ރަނގަޅަށް ޔަހޫދި ރެޖީމުން ކުޅެލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. އީރާނުން އޭނާ ވުޖޫދުން ފޮހެލަން މަސައްކަތް ކޮށްފިނަމަ، އެމެރިކާގެ 1،000 މިސައިލް އީރާނަށް އަމާޒުވެފައިވާ ކަމަށާއި އެއީ ލޯންޗް ކުރަން ތައްޔާރަށް ހުރި ހަތިޔާރުތަކެއް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕްގެ ވާހަކަތައް ހުރީ ވަރަށް ހޫނުކޮށެވެ. 'ޓްރޫތު ސޯޝަލް’ގައި ކުރެއްވި ޕޯސްޓެއްގައި ރަން ބުއްދިވެފައިވާ ހާލު ޓްރަމްޕް ވިދާޅުވީ، އީރާނުން ދެމުން އަންނަ އިންޒާރުތަކާ ގުޅިގެން، އެމެރިކާގެ ސިފައިންނަށް މިހާރު ވަނީ ވަރުގަދަ އަމުރުތަކެއް ދެވިފައި ކަމަށެވެ. އެމެރިކާގެ މިހާރުގެ ރައީސަކު އަވަހާރަކޮށްލަން އީރާނުން ކުރާ ކޮންމެ މަސައްކަތަކަށް، އެމެރިކާގެ ސިފައިން ދޭނެ ޖަވާބަކީ އީރާނުގެ ހުރިހާ ސަރަހައްދެއް "ހަލާކުކޮށް ނެތިކޮށްލުން" ކަމަށް ޓްރަމްޕް އިންޒާރު ދެއްވިއެވެ.

މިކަމާ ގުޅޭގޮތުން 'ނިއުޔޯކް ޕޯސްޓް’އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނުގެ މަރާލަން ބޭނުންވާ މީހުންގެ ލިސްޓުގެ އެއްވަނައިގައި އޮތުމުން ބިރު ގަންނަ ކަމަށެވެ. ނަމަވެސް، ޓްރަމްޕް ވަނީ މީޑިއާގައި ފެތުރެމުންދާ ވާހަކަތައް ދޮގުކުރައްވާފައެވެ. އެގޮތުން، އޭނާ އަވަހާރަކޮށްލަން އީރާނުން އާ ޕްލޭނެއް ރާވާފައިވާ ކަމުގެ ޖާސޫސީ މައުލޫމާތެއް ޔަހޫދީން ހޯދާފައިވާ ކަމަށް ބުނާ ވާހަކަތަކަކީ ދޮގެއް ކަމަށާއި، އެކަމާ ގުޅޭގޮތުން ޔަހޫދީ ރެޖީމަށް އެއްވެސް މައުލޫމާތެއް ހޯދިފައި ނުވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

"އިސްރާއީލުން އެއްވެސް ކަމެއް ހޯދާފައެއް ނުވޭ. މިއީ އަބަދުވެސް ކަން ހިނގާ ގޮތް،" ޓްރަމްޕް ވިދާޅުވިއެވެ. އެކަމަކު އެންމެ ފަހުގެ ހަމަލަތައް އީރާނަށް ދިނީ އޭނާ މަރާލަން އުޅޭ ކަމުގެ މައުލޫމާތު ޔަހޫދީ ރެޖީމުން ދިނުމުން ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.

މި ހާދިސާތަކުގެ ތެރޭގައި، ޓްރަމްޕް ވަނީ އީރާނާ އެކު ކުރަމުން އައި މަޝްވަރާތައް މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް ވެސް އިއުލާން ކުރައްވާފައެވެ. އީރާނުން މަޝްވަރާތައް ކުރިއަށް ގެންދަން އެދުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މިހާރު ނިމިއްޖެ ކަމަށް އެމެރިކާއިން އީރާނަށް އަންގާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް އީރާނުން ބުނެފައި ވަނީ އީރާނުން އެފަދަ އެދުމެއް ޓްރަމްޕް ގާތުން އެދިފައި ނުވާނެ ކަމަށާއި ޓްރަމްޕް ދައްކަނީ ހޮޅި ވާހަކަތަކެއް ކަމަށެވެ.

2020 ވަނަ އަހަރު ޓްރަމްޕްގެ އަމުރަށް ބަޣުދާދު ކައިރީގައި ދިން އެމެރިކާގެ ޓެރަރިސްޓް ހަމަލާއެއްގައި އީރާނުގެ އިސް ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުން، އެކަމުގެ ބަދަލު ހިފާނެ ކަމަށް އީރާނުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެމެރިކާގެ އިދާރާތަކުން ވެސް މީގެ ކުރިން ބުނެފައިވަނީ، ޓްރަމްޕަށް އަމާޒުކޮށް އީރާނާ ގުޅުންހުރި ބަޔަކު ދެ ފަހަރެއްގެ މަތިން ހަމަލާ ދޭން ރާވާފައިވާ ކަމަށެވެ. ނަމަވެސް އީރާނުން މި ތުހުމަތުތައް އަބަދުވެސް ދޮގުކުރެއެވެ.

ހިއްސާ ކުރައްވާ!