ޕީއެންސީގެ އާ ވިސްނުން: މެންބަރުންނާއި ލީޑާޝިޕް ގުޅުވައިދޭ ހަރުދަނާ ނިޒާމެއް ގާއިމުކުރަނީ

"އަދި ހަމައާއެކު ފާހަގަކޮށްލަން ބޭނުންވޭ އެންމެ ގިނަ ކެންޑިޑޭޓުން ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގައި ވާދަކުރާ އިންތިޚާބަކީ މިއަދު މިހާރު ފެށިގެން ކުރިއަށްދާ އިންތިޚާބު. އެނގިވަޑައިގަންނަވާނެ 2086 މަގާމަށް މީހުން އިންތިޚާބުކުރަންްޖެހޭ. އެއަށްވުރެ މާގިނައިން އެބަތިބި ކުރިމަތިލާފައި އިނގޭތޯ؟ 131 ރަށު ދާއިރާތަކުގައި އަޅުގަނޑުމެން ވޯޓު ފޮށި ބަހައްޓައިގެން ވާދަވެރިކަމާއެކު ކުރިއަށްދޭ،" ޢަބްދުއްރަޙީމް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑާޝިޕާއި އާންމު މެންބަރުންނާ ދެމެދު އޮންނަ ގުޅުން ހީނަރުވެފައިވާ ކަމަށް ކުރިން ކުރެވޭ ޝަކުވާތަކަށް ނިމުމެއް ގެނެސް، ދެ ފަރާތް ސީދާ ގޮތުން ލާމެހިގެންދާނެ ޒަމާނީ ނިޒާމެއް ގާއިމުކުރަމުން އަންނަ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ޕާޓީގެ އާންމު މެންބަރުންނާއި ލީޑާޝިޕާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ވަރުގަދަ ކުރެވިފައިވާ ކަމަށެވެ. މި ބަދަލު ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވަނީ ރައީސް މުޢިއްޒު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި، ރަސްމީ މަސައްކަތްތައް ނިންމަވާފައި ޕާޓީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ކަންބޮޑުވުންތައް ސީދާ އަޑުއައްސަވައި ވަގުތު ހޭދަކުރެއްވުމެވެ.

"އަޅުގަނޑުމެން މިހާރު ހަގީގަތުގައި ޕާޓީއެއް ހިނގާ ގޮތަށް އެހުރިހާ ވަސީލަތްތަކާއި އިންތިޒާމުތަކާއެކު ރާއްޖޭގައި ހިނގަނީ ޕީއެންސީއޭ ބުނާކަށް ޖެހިލުމެއް ނުވޭ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މިއަދު ކުރިއަށްދާ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އިންތިޚާބު ނިމި، އަންނަ އޮކްޓޯބަރު މަހު ބާއްވާ ޕާޓީގެ ކޮންގްރެސްއާ ހަމައަށް ދާއިރު، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ޕީއެންސީގެ ވަސީލަތްތައް ގާއިމުވެ، ޕާޓީގެ އޮނިގަނޑު ފުރިހަމަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދުގެ އިންތިޚާބުން 3،000 އަށްވުރެ ގިނަ ފަރާތްތަކެއް އެކި މަގާމުތަކަށް އިންތިޚާބުވެގެން ދާނެއެވެ. މި މަގާމުތަކަށް އިންތިޚާބުވާ މީހުން ވެގެންދާނީ ޕާޓީގެ ލީޑާޝިޕާއި ރަށްރަށުގައި ތިބި އާންމު މެންބަރުން ގުޅުވައިދޭ ފާލަމަކަށެވެ.

ޕާޓީގެ ހަރަކާތްތައް ހިންގުމަށް ހުރިހާ ރަށެއްގައިވެސް ޖާގަ ނުވަތަ ޖަގަހަތައް ހުޅުވުމަށް އަމާޒު ހިފާފައިވާއިރު، މި ނިޒާމުގެ ތެރެއިން ޕީއެންސީ ވެގެންދާނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ސިޔާސީ ޕާޓީތައް ހިނގާ އުސޫލުން، ހަރުދަނާކޮށް ހިނގަމުންދާ ރާއްޖޭގެ ހަމައެކަނި ޕާޓީ ކަމުގެ ޔަގީންކަން ޗެއާޕާސަން ދެއްވިއެވެ.

ހިއްސާ ކުރައްވާ!