މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުން ޑެންޓަލް ކްރައުނިންއާއި އިމްޕްލާންޓްގެ ހިދުމަތް ތައާރަފްކުރަނީ

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުން ދެމުން އަންނަ ދަތުގެ ފަރުވާގެ ހިދުމަތްތައް ފުޅާކޮށް، ޑެންޓަލް ކްރައުނިންއާއި އިމްޕްލާންޓްގެ ޚިދުމަތް ތައާރަފްކުރުމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ފަށައިފިއެވެ. މިކަން އިއުލާން ކުރެއްވީ ދިވެހި ސަރުކާރުން ދެމުން އަންނަ ދަތުގެ ހިދުމަތުގެ ރަންޔޫބިލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާގު ޙަލީމެވެ.

ސީއީއޯ ވިދާޅުވި ގޮތުގައި، ޑެންޓަލް ކްރައުނިންއާއި އިމްޕްލާންޓް ފަދަ ހިދުމަތްތަކަކީ މިހާރު އާންމު ރައްޔިތުން އަމިއްލަ ހަރަދުގައި ބޮޑު އަގު ދީގެން ހޯދަމުން އަންނަ އަސާސީ ހިދުމަތްތަކެކެވެ. ރައްޔިތުންނަށް މިފަދަ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުމަކީ ހޮސްޕިޓަލުގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ދަތުގެ ފަރުވާއަކީ ސިއްހީ ދާއިރާގައި އެންމެ ބޮޑަށް ތަރައްގީވެފައިވާ ދާއިރާ. އަނގައިގެ ސިއްހަތަކީ ތިމާގެ މުޅި ސިއްހަތު ސަލާމަތުން ހުރުމަށް ނުހަނު ބޮޑަށް ގުޅި ލާމެހިފައިވާ، އަދި ދިރިއުޅުމުގެ ފެންވަރާ ސީދާ ގުޅުން ހުރި ކަމެއް،" ޙަލީމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ހޮސްޕިޓަލުގެ ދަތުގެ ފަރުވާ ދޭ ޓީމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން 'ސެޑޭޝަން ޑެންޓިސްޓްރީ’ގެ ޚިދުމަތް ތައާރަފްކުރުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ. މިއީ ދަތުގެ ފަރުވާ ހޯދާއިރު ބިރުގަންނަ ފަރާތްތަކަށާއި، ތަދު އިހުސާސްވުން ކުޑަކުރުމަށް ނުވަތަ ފަރުވާގެ ތެރޭގައި މޭނުބައިކުރާ މީހުންނަށް ބޭސް ބޭނުންކޮށްގެން ދެވޭ ހާއްސަ ފަރުވާއެކެވެ.

މި ހިދުމަތްތަކުގެ އިތުރުން، ހޮސްޕިޓަލުގެ ޑެންޓަލް ލެބް އިތުރަށް ތަރައްގީކޮށް، ފަރުވާގެ ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ހިއްސާ ކުރައްވާ!