މާލޭގެ އަލިފާނުގެ ހާދިސާތައް: ގެދޮރު ހަލާކުވުމުގެ ކުރިން ރައްކާތެރިވާނީ ކިހިނެއް؟

މާލޭގެ ހަލަބޮލި މަގުތަކުގައި، އެއްގެއާ އަނެއްގެ ޖެހިފައިވާ އާބާދީގެ ތެރޭގައި، ކުއްލިއަކަށް އަރައިގެންދާ ދުމުގެ އަސަރަކީ މިއަދު މާލޭގެ ދިރިއުޅުމުގެ އެންމެ ބިރުވެރި ހަގީގަތެވެ. މިދިޔަ ދުވަސްތަކުގައި އެކަނި ވެސް ގ. ފުންފަޅު ގޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއާއި، މިއަދު ހެނދުނު ގަލޮޅު ހުދުރުވާގޭގެ އިތުރުން މާފަންނު ޖާޔާކުޝަން ކައިރީ ހިނގި އަލިފާނުގެ ހާދިސާތަކުން ދައްކައިދެނީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ މާހައުލު ކިހާ ނާޒުކުތޯއެވެ.

މާލޭގެ އަލިފާނުގެ ހާދިސާތައް ގިނަވާ މައިގަނޑު ސަބަބުތަކަށް ބަލާއިރު، އިމާރާތްކުރުމުގެ އުސޫލުތަކާ ޚިލާފުވުމާއި، ފަސޭހައިން އަލިފާން ހިފާ ފަދަ ތަކެތި ގިނައިން ގެންގުޅުން ހިމެނެއެވެ. ޚާއްސަކޮށް، ގިނަ ބަޔަކު ދިރިއުޅޭ އެޕާޓްމަންޓްތަކުގައި ކަރަންޓުގެ ވިއުގަ އޯވަރލޯޑްވުމާއި، ފެންވަރު ދަށް ވައިއަރިން ބޭނުންކުރުމަކީ ހާދިސާތައް ހިނގުމަށް މަގުފަހިވާ މައިގަނޑު އެއް ސަބަބެވެ. ގ. ފުންފަޅު ގޭގެ ހާދިސާއިން އެނގުނު ގޮތުގައި، އެއް އެޕާޓްމަންޓެއްގައި ރޯވި އަލިފާން، މުޅި އިމާރާތުގެ ފެންވައަރިންގް އަށް ގެއްލުންވެ، 109 މީހުން ހާލުގައި ޖެހުނެވެ.

ރައްކާތެރިކަމަށް އެޅޭނެ ފިޔަވަޅުތައް

އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، ކޮންމެ ގޭބިސީއަކުން ވެސް ޒިންމާދާރުކަމާއެކު މި ފިޔަވަޅުތައް އެޅުން މުހިންމެވެ.

  • އަލިފާން ނިއްވާ ފުޅި: ކޮންމެ ގޭއެއްގައި ވެސް އަލިފާން ނިއްވާ ފުޅިއެއް ބަހައްޓައި، އެ ބޭނުންކުރަން އާއިލާގެ އެންމެންނަށް އެނގެން ޖެހެއެވެ.
  • ސްމޯކް އެލާމް: ދުން އަރާހާ އަވަހަކަށް އިންޒާރުދޭ ސްމޯކް އެލާމް ކޮންމެ ކޮޓަރިއެއްގައި ހަރުކުރުމަކީ ފުރާނަ ސަލާމަތްކުރެވޭނެ އެންމެ މުހިންމު އެއް ކަމެވެ.
  • ކަރަންޓުގެ ރައްކާތެރިކަން: މުއްދަތު ހަމަވެފައިވާ ނުވަތަ ކޮލިޓީ ދަށް ވައިަރިން ބޭނުން ނުކުރާށެވެ. އެއް ސޮކެޓަކަށް ގިނަ ޕްލަގްތައް ޖަހައިގެން ބޭނުންކުރުން ހުއްޓާލާށެވެ.
  • ގޭސް ސިލިންޑަރުގެ ސަލާމަތް: ގޭސް އުނދުން ގެންގުޅޭއިރު، ލީކު ހުރިތޯ ބެލުމާއި، ރޭގަނޑު ނިދާ އިރު ގޭސް ހޮޅި ބަންދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

އެމްއެންޑީއެފަށް:

  • މިފަދަ ހާދިސާތަކަށް އިތުރަށް މީހުން ހޭލުންތެރި ކުރުމަށް އެމްއެންޑިއެފްއަށް ތައުން ހޯލު މީޓިންތައް ބާއްވައިގެން މީހުން ހޭލުންތެރި ކުރެވިދާނެއެވެ.
  • މަގު މަތީގައި އާންމުކޮށް މީހުން ހޭލުންތެރި ކުރުމަށް ހަރަކާތްތައް ބެއްވިދާނެއެވެ.
  • ހާދިސާއެއް ހިނގާފާނެ ކަމަށް ބަލައި ދުރާލައި ތަންތަން ސާވޭކޮށްފައި ދޭން ޖެހޭ އިރުޝާދުތައް ދީފައި ބެހެއްޓުން މުހިންމެވެ.
  • މިފަދަ ސާވޭއަކަށް އެމްއެންޑީއެފްއާއި ސިޓީކައުންސިލާއި އެމްއެންޑީއޭގެ މެދުގައި ވިލަރެސް ކުރުން މުހިންމެވެ.

މި ހާދިސާތަކުގައި ގެއްލުން ލިބޭ އާއިލާތަކަށް ވަގުތުން ވަގުތަށް ބޯހިޔާވަހިކަމާއި ކާބޯތަކެތި ފޯރުކޮށްދިނުމުގައި އެންޑީއެމްއޭއިން ކުރަމުންދާ މަސައްކަތްތައް ތައުރީފް ހައްގެވެ. ފުންފަޅު ގޭގެ ހާދިސާގައި 95,000 ރުފިޔާ އާއި ވަގުތީ ބޯހިޔާވަހިކަމަށް ކުރި ހަރަދަކީ، މިފަދަ ހާދިސާތަކުގެ އަސަރު ކިހާ ބޮޑުކަން ދައްކުވައިދޭ އަދަދެކެވެ.

އެމްއެންޑީއޭއަކީ ހާދިސާއެއް ދިމާވުމުން ނޫނީ ސުރުޚީއަށް ނާރާ ބައެކެވެ. އެމީހުންގެ ދައުރު މިހާރަށް ވުރެން ބޮޑުކޮށް ފާހަގަ ކުރަން ޖެހެއެވެ.

އަލިފާނުގެ މި ހާދިސާތަކަކީ ހަމައެކަނި މާލީ ގެއްލުންތަކެއް ލިބޭ ކަންކަމެއް ނޫނެވެ. އެއީ މުޅި އާއިލާތަކެއްގެ ދިރިއުޅުން އެކީ ފުނޑިގެންދާ ފަދަ ކަންކަމެވެ. އެހެންކަމުން، މާދަމާ ހިނގާފާނެ ހާދިސާއަކުން ސަލާމަތްވުމަށްޓަކައި، މިއަދުން ފެށިގެން އަމިއްލަ ގެދޮރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެކެވެ.

ހިއްސާ ކުރައްވާ!