ވ. އަތޮޅު ކަނޑު ހޮހަޅައިގައި މަރުވި އިޓަލީގެ ފަސް ފަތުރުވެރިންގެ ހަށިގަނޑު ނަގައިފި: ސަރުކާރުގެ ޝުކުރު މުޅި ޓީމަށް

ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑު އަޑީގެ ހޮހަޅައެއްގެ ތެރޭގައި މަރުވި އިޓަލީގެ ފަތުރުވެރިންގެ ހަށިގަނޑު ނެގުމުގެ މަސައްކަތް މިއަދު ނިންމާލައިފިއެވެ.

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ފިންލޭންޑްގެ ޓީމުން ކަމަށާއި، އެ މަސައްކަތުގައި ރާއްޖޭގެ ދެ ކުންފުންޏަކުން އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މި ހަށިގަނޑުތައް މިހާރު މާލެ ގެނެސް މޯޗަރީއަށް ލުމުގެ މަސައްކަތް ކުރަމުންދާއިރު، ހަށިގަނޑުތައް އަނބުރާ އިޓަލީއަށް ފޮނުވާލުމުގެ މަޝްވަރާތައް ދަނީ ކުރެވެމުންނެވެ.

މި ފަތުރުވެރިން ގެއްލިފައިވަނީ މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު 60 މީޓަރު އަޑީގައި އޮންނަ ހޮހަޅައަކަށް ފީނަން އުޅުމުގެ ތެރޭގައެވެ. އެމްއެންޑީއެފް އަދި ފުލުހުންނަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އެ ދުވަހުގެ މެންދުރުފަހު 1:45 ހާއިރުއެވެ. ހާދިސާ ހިނގި ދުވަހުގެ ހަވީރު 6:13 ހާއިރު، ހޮހަޅައިގެ ދޮރުމަތިން ފުރަތަމަ ފެނިފައިވަނީ އުމުރުން 44 އަހަރުގެ ޖިއަންލޫކާ ބެނެޑެޓީގެ ހަށިގަނޑެވެ.

މި ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ، ޑީކޮމްޕްރެޝަން ސިކްނެސްގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވުމާ ގުޅިގެން މެދުކަނޑާލި އޮޕަރޭޝަން އަލުން ފަށާފައިވަނީ އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައި ފިންލޭންޑްގެ ތިން ތަޖުރިބާކާރުންނާ އެކުގައެވެ. މި ތަޖުރިބާކާރުންނާއެކު ހޯމަ ދުވަހު ދެ ހަށިގަނޑު ފެނިފައިވާއިރު، ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ނެރެފައިވަނީ މިއަދުއެވެ.

މި ހާދިސާގައި މަރުވެފައިވަނީ ޔުނިވަރސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން (51އ) އާއި، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް (20އ) އާއި، ރިސާޗަރުން ކަމަށްވާ މުރިއަލް އޮޑެނީނޯ (31އ) އާއި ފެޑެރިކޯ ގުއަލްޓިއޭރީ (31އ) ގެ އިތުރުން ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީ (44އ) އެވެ.

ތަރުޖަމާނު އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ގްރޫޕުން ހުށަހެޅި ރިސާޗް ޕްރޮޕޯސަލްގައި މަރުވި ދެ މީހެއްގެ ނަން ހިމަނާފައެއް ނުވެއެވެ. އަދި އެމީހުންނަށް ޑައިވިން ޕާމިޓް ދޫކޮށްފައިވީ ނަމަވެސް، ހޮހަޅައެއްގެ ތެރޭގައި ދިރާސާ ކުރަން އުޅޭކަމުގެ މައުލޫމާތު ސަރުކާރަށް ދީފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. މި ހާދިސާއާ ގުޅިގެން ރާއްޖެއާއި އިޓަލީ ސަރުކާރުން ތަހުގީގު ފަށާފައިވާއިރު، އެމީހުން ދަތުރުކުރި 'އެމްވީ ޑިއުކް އޮފް ޔޯކް' ސަފާރީގެ ލައިސަންސް ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައެވެ.

ހިއްސާ ކުރައްވާ!