އިންޑިއާ އާއި ރާއްޖެއާ ދެމެދު އިންވެސްޓްމަންޓް މުއާހަދާ ފައިނަލްކޮށްފި؛ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް މަސައްކަތް ފަށައިފި

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އިންވެސްޓްމަންޓްތައް ހިމާޔަތްކުރުމާ ބެހޭ މުހިންމު މުއާހަދާ ނުވަތަ 'ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީ' ފައިނަލް ކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއުލާން ކުރައްވައިފިއެވެ. މި ފިޔަވަޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އިޤްތިޞާދީ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ބިންގަލެއް ކަމަށް ބެލެވެއެވެ.

އިންޑިއާގެ އެންމެ ބޮޑު ވިޔަފާރި ޖަމްޢިއްޔާ، 'ފެޑަރޭޝަން އޮފް އިންޑިއަން ޗެމްބަރސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ' ގައި ބޭއްވި ވަށް މޭޒު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަކީ ހަމައެކަނި ސިޔާސީ ގުޅުމެއް ނޫނެވެ. އެއީ ވިޔަފާރިއާއި، ރައުސްމާލާއި، ދަތުރުފަތުރުގެ އިތުރުން ދެ ޤައުމުގެ ރައްޔިތުންގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެކެވެ.

"މިއަދުގެ މި ބައްދަލުވުމަކީ ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ފުޅާކޮށް، އާ ބައިވެރިން ހޯދުމަށް އަޅަމުންދާ ފިޔަވަޅެއް. މިއީ ހަމަހަމަ އަދި ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކުރުމަށް ކުރެވޭ ފުޅާ މަސައްކަތުގެ ބައެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ހެޔޮ ނަތީޖާތައް މިހާރު ފެންނަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި މުއާހަދާގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި 'ފްރީ ޓްރޭޑް އެގްރީމަންޓް' ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކާ ބެހޭ މަޝްވަރާތައް މިހާރު ވަނީ ފެށިފައެވެ. މި އެއްބަސްވުމުގެ ސަބަބުން މުދަލާއި ޚިދުމަތުގެ ވިޔަފާރިއަށް ރަސްމީ އޮނިގަނޑެއް ލިބި، ދެ ޤައުމުގެ ކުންފުނިތަކަށް އިތުބާރު ހުރި އުސޫލުތަކެއްގެ ތެރެއިން ވިޔަފާރިކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ޔަގީންކަން ދެއްވިއެވެ.

މި މަސައްކަތްތަކަކީ މުސްތަޤްބަލުގައި އިންވެސްޓްމަންޓްތައް ރާވައި، އިޤްތިޞާދީ ގޮތުން ރާއްޖެއަށް އާ ފުރުސަތުތަކެއް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!