ހުރްމޫޒް ކަނޑުއޮޅި: މުޅި ދުނިޔޭގެ މީހުންގެ ހިތްވަރު ބަލާލުމަށް އީރާނަށް ލިބޭ ވަސީލަތެއް

ގަލްފްގެ ސަރަހައްދުގެ ހާލަތު އޮތީ ރަސްމީކޮށް ހަނގުރާމައެއް އިއުލާނު ނުކުރާ، އަދި ހަމަޖެހުމެއް ވެސް ނެތް ނާޒުކު ފައްތަރެއްގައެވެ. ހުރްމޫޒް ކަނޑުއޮޅި މިހާރު މި ވަނީ އަނެއްކާވެސް މަންޒަރުގެ މެދުތެރެއަށް އައިސްފައެވެ. އެއީ ހަމައެކަނި ކަނޑު ދަތުރުކުރާ މަގެއްގެ ގޮތުގައެއް ނޫނެވެ. އީރާނާއި ދުނިޔެއާ ދެމެދު އޮތް ގުޅުން އަލުން ބައްޓަންކުރާ މައިދާނެއްގެ ގޮތުގައެވެ.

އީރާނުގެ ދިފާއީ ބިނާތަކަށާއި ކަނޑުގެ ސަރަހައްދުތަކަށް އެމެރިކާ ދޭ ހަމަލާތަކަކުން އީރާނުގެ ގާބިލްކަން ހީނަރުވެގެނެއް ނުދިޔައެވެ. އޭގެ ބަދަލުގައި، ހުރުމުޒު ކަނޑުއޮޅިއަކީ ސިޔާސީ އަދި އިގްތިސާދީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަން އީރާނަށް ލިބުނު ފުރުސަތަކަށް މި ހަމަލާތައް ވެއްޖެއެވެ. އެމެރިކާއިން ކުޅޭ ކުޅިގަނޑުގެ ގަވާއިދުތައް ބަދަލުކުރަން އުޅޭ ކޮންމެ ފަހަރަކު، އީރާނުން މި ހަތިޔާރު ދައްކާލައެވެ.

މިއަދު، ކަނޑުއޮޅި ކައިރީގައި ހުރި ތެޔޮ ޓޭންކަރުތަކަށް ހަމަލާތައް އަމާޒުވެ ތެލުގެ އަގު އުފުލިގެން ދިއުމުން އެނގެނީ، ހުރްމޫޒަކީ އީރާނުގެ ދިފާއީ ރޮނގެއް އެކަނި ނޫން ކަމެވެ. އެއީ މައްސަލަތަކުގެ ދުވެލި ކަނޑައެޅުމުގެ ގާބިލްކަން އީރާނަށް ލިބިގެންވާކަން ދައްކައިދޭ ޕްލެޓްފޯމެކެވެ.

އެމެރިކާއިން ދޭ ކޮންމެ ހަމަލާއަކަށް އީރާނުން ދެނީ ފަރުވާތެރިކަމާއެކު ރާވާފައިވާ ރައްދެކެވެ. ދަތުރުފަތުރުގެ މަގުތައް ހަނިކުރުމާއި، އުޅަނދުތަކަށް އިންޒާރު ދިނުމާއި، ނުވަތަ ބަހްރައިން އާއި ކުވައިތުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ރައްދު ދިނުން ފަދަ ކަންކަމެވެ. އީރާނުގެ މިކަންކަމަކީ ހަމަޖެހޭ ވިސްނުމެއް ނެތި ކުރާ ކަންކަމެއް ނޫނެވެ.

މިއީ އަހަރުތަކެއް ވަންދެން އީރާނުން ބިނާކުރަމުން އައި "ދިގު ނޭވާ"ގެ ސްޓްރެޓެޖީގެ ބައެކެވެ. އީރާނުން ދަނީ ކެތްތެރިކަމާއެކު އަމިއްލަ ވަގުތުގައި ބޭނުންވާވަރަށް ރައްދުދީ ބަދަލު ހިފަމުންނެވެ. އީރާނުން ކޮށްލާ ކޮންމެ ކުޑަކަމަކުންވެސް ދުނިޔެއަށް ލޮޅުން އަރައިގެން ދެއެވެ.

އީރާނުގެ ދިގު ނޭވާގެ ސްޓްރެޓެޖީގެ ދަށުން ތެހެރާނުން ވަނީ އެ ގައުމުގެ އެތެރޭގެ އިގްތިސާދު ބޭރުގެ ވިޔަފާރިއާ ވަކިކޮށްފައެވެ. އަދި އީރާނުން ބަލަނީ، އެ ގައުމަށް ދަތިކުރުމުގެ ފިޔަވަޅުތަކުގެ ވޭން އިހުސާސްވުމުގެ ކުރިން، ތެލުގެ އަގުބޮޑުވުމުގެ ވޭން މުޅި ދުނިޔެއަށް އިހުސާސްވާށެވެ.

އީރާނުން މިހާރު ހުރުމުޒުއާ މެދު ދެކެނީ ހަމައެކަނި ތެޔޮ އުފުލާ މަގަކަށްވުރެ މާ ބޮޑު އެއްޗެއްގެ ގޮތުގައެވެ. މިއީ ބޮޑެތި ބާރުތަކާއިއ ަރަބިންގެ ހިތްވަރު ޓެސްޓްކޮށްލަން އީރާނުން ބޭނުންކުރާ މައިދާނެކެވެ.

އީރާނުގެ އެތެރޭގެ ޕްރެޝަރުތައް ތަހައްމަލުކުރާ ގޮތާއި ދުނިޔެއިން އީރާނުގެ އަމަލުތަކާ ހެދި ތަހައްލު ކުރަން ޖެހޭ ޕްރެޝަރުތައް ތަފާތެވެ.

ތެލުގެ އަގު އުފުލުމުން ޑިމޮކްރެޓކް ގައުމުތަކުގައި ރައްޔިތުންގެ ރުޅިވެރިކަމާ ސަރުކާރުތައް ކުރިމަތިލާން ޖެހެއެވެ. އޭޝިއާ އާއި ޔޫރަޕްގައި ތެލުގެ އަގު ބޮޑުވެ، ގޭހުގެ ޝިޕްމަންޓްތަކަށް ބުރޫއަރާ އިރު، ވެރިން ތިބެނީ ވޯޓު މޫސުމުގައި ވެދާނެ ގޮތަކާ މެދު ބިރުންނެވެ.

އީރާނުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އެތެރޭގެ އިގްތިސާދު މިފަދަ ކަންކަމުން ދެމެހެއްޓޭނެ ގޮތްތައް ރާވާފައެވެ.

މިހާރު އުފެދޭ ސުވާލަކީ އީރާނުގެ އަސްކަރީ ބާރުގެ ވާހަކައެއް ނޫނެވެ. މިހާރުގެ ސުވާލަކީ ހުރުމުޒު ފަދަ ޖިއޮގްރަފީގެ ސަރަހައްދެއް މުޅި ދުނިޔެއަށް ޕްރެޝަރު ކޮށްލާފަދަ ހަތިޔާރަކަށް އެ ކަނޑު އޮޅި ބަދަލުކުރުމުގެ ގާބިލްކަން އީރާނުގެ އަތުގައި އޮތް މިންވަރެވެ.

އެމެރިކައިން ހަމަލާތައް ބަދަލުކުރަމުން ދިޔަ ނަމަވެސް، ފުޅާ ދާއިރާއެއްގެ ހަނގުރާމައަކަށް ދާން އީރާނެއް ބޭނުމެއް ނޫނެވެ. ހަމައެފަދައިން އެމެރިކާއިންވެސް ހަނގުރާމަ އެއްގައި އުޅެން ބޭނުމެއް ނޫނެވެ. އެހެންވެ، ދެ ގައުމު ވެސް ހަރަކާތްތެރިވަނީ ވަރަށް ހަނި ދާއިރާއެއްގެ ތެރޭގައެވެ. މިން އަޅައިގެން ދޭ ހަމަލާތަކާއި، ބަދަލުކުރާ މެސެޖުތަކާއި، ރައްދު ހަމަލާ ދިނުމުގެ އިމުގެ ތެރޭގައި ދެގައުމުންވެސް އޮޕަރޭޓް ކުރެއެވެ.

ނަމަވެސް މި ހަނި ފުރުސަތަކީ އީރާނަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވުމަށް ލިބޭ ޖާގައެކެވެ. އީރާނުން ރައްދު ދެނީ މާބޮޑަށް ފުޅާވިޔަ ނުދިނުމުގެ ވިސްނުމުގައެވެ. އީރާނުން އިންޒާރު ދެނީ ކަނޑު އޮޅި ބަންދު ނުކޮށެވެ. އަދި އެތަން ބޭނުން ކުރަނީ ބާރުގެ ބޭނުންކޮށްގެން މަޝްވަރާކުރާ ހަތިޔާރެއްގެ ގޮތުގައެވެ.

ދުނިޔޭގެ ހަކަތައިގެ ހަލަބޮލިކަން ތަހައްމަލު ކުރުމަށް ގައުމުތަކުން ތައްޔާރަށް އޮތް ނަމަ އީރާނުން އޮތީ ދުނިޔޭގެ ގައުމުތަކުގެ ގާބިލުކަން ޓެސްޓްކުރަން އިމްތިހާނު ކުރާ ގޮތަށެވެ. އީރާނުން ކޮންމެ ޓޭންކަރަކަށް ހަމަލާ ދޭ އިރު، އީރާނުގެ ހިސާރަ ކުރުމަކާ ނުލައި ދުނިޔެއަށް ވެސް އެކަމުގެ އަސަރު އިހުސާސް ކުރެވެއެވެ. 

އީރާނުން ބުނަނީ އެމެރިކާ ރައީސް އޭނާއަކީ މޮޔައެއް ކަމަށް ދައްކައިގެން އުޅޭނަމަ އީރާނަކީ އެއަށް ވުރެން މޮޔަ އަމަލުތައް ހިންގައި މޮޔަކަން ސާބިތުކޮށްދޭން ދަންނަ ގައުމެއް ކަމަށެވެ!

ހިއްސާ ކުރައްވާ!