ފްލޮރިޑާގެ ޕާމް ބީޗް އެއާޕޯޓުގެ ނަން "ޓްރަމްޕް އިންޓަނޭޝަނަލް" އަށް ބަދަލުކޮށްފި

އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގެ ޕާމް ބީޗް ސިޓީން، އެ ސިޓީގެ އެއާޕޯޓުގެ ނަން ރަސްމީކޮށް "ޕްރެޒިޑެންޓް ޑޮނަލްޑް ޓްރަމްޕް އިންޓަނޭޝަނަލް އެއާޕޯޓް" އަށް ބުރާސްފަތި ދުވަހު ބަދަލުކޮށްފިއެވެ. މިއާއެކު، ރައީސް ޓްރަމްޕްގެ ނަން ކިޔާފައިވާ ސަރުކާރުގެ މުއައްސަސާތަކާއި، އިމާރާތްތަކާއި، ޕްރޮގްރާމްތަކާއި، ހަނގުރާމަމަތީ އުޅަނދުތަކާއި އަދި ފައިސާގެ ނޫޓުތަކުގެ ލިސްޓަށް އިތުރު އެއާޕޯޓެއް މިވަނީ އިތުރުވެފައެވެ.

މިއީ ޓްރަމްޕް ދިރިއުޅުއްވާ އަދި އޭނާގެ މަޝްހޫރު "މާ-އަ-ލާގޯ" ރިސޯޓް ހުންނަ ފްލޮރިޑާގައި އޭނާއަށް އޮތް ތާއީދު ރަމްޒުކޮށްދޭ ކަމެކެވެ. "ޕާމް ބީޗާ ޑޮނަލްޑް ޓްރަމްޕަށްވުރެ ބޮޑަށް ގުޅިފައިވާ އެހެން މީހަކު، މުޅި ފްލޮރިޑާގައި ވެސް ހުރިހެނެއް ހިއެއް ނުވޭ،" ޓްރަމްޕްގެ ދަރި އެރިކް ޓްރަމްޕް 'ފޮކްސް ނިއުސް' އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ.

ދެވަނަ ދައުރަކަށް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، ޓްރަމްޕްގެ ނަން ވަނީ ކަނޑުގެ ސިފައިންގެ އުޅަނދުތަކަށާއި، މުއްސަނދިންނަށް ދޭ ވިސާ ޕްރޮގްރާމަކަށާއި، އަދި ކުޑަކުދިންގެ ސޭވިންގ އެކައުންޓްތަކަށް ވެސް ދީފައެވެ. އޭނާ ވަނީ ވޮޝިންޓަންގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރައްވާފައެވެ. އެގޮތުން، އެމެރިކާގެ 'އިންސްޓިޓިއުޓް އޮފް ޕީސް' އިމާރާތަށް އޭނާގެ ނަން ދިން ނަމަވެސް، ކޯޓުން ވަނީ ހުއްޓުވާފައެވެ.

ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސަންޓިސް މިދިޔަ މާރިޗު މަހު ވަނީ މި އެއާޕޯޓުގެ ނަން ބަދަލުކުރުމުގެ ގާނޫނުގައި ސޮއިކުރައްވާފައެވެ. އެއާޕޯޓުން ބުނާ ގޮތުގައި، ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން ގައި ބޭނުންކުރާ އެއާޕޯޓުގެ ތިން އަކުރުގެ ކޯޑު، ބުރާސްފަތި ދުވަހުން ފެށިގެން PBI އިން DJT އަށް ވަނީ ބަދަލުވެފައެވެ.

ނަމަވެސް ފަސިންޖަރުންނަށް އޮތް ފަސޭހައަކަށްޓަކައި، 18 އޮގަސްޓާ ހަމައަށް ދަތުރުފަތުރުގެ ނިޒާމުތަކުގައި ކުރީގެ ކޯޑު ބޭނުންކުރެވޭނެއެވެ. މި ނަން ބަދަލުކުރުމުގެ މަސައްކަތަށް ޖުމްލަ 5.5 މިލިއަން ޑޮލަރު ޚަރަދުވެފައިވާ ކަމަށް އެއާޕޯޓުން ހާމަކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!