ތުރުކީއަށް ރަޝިޔާއިުން ވިއްކާފައިވާ އެސް400ގެ ވައިގެ ދިފާއީ ނިޒާމުތައް ތުރުކީން ރަޝިޔާގެ ހުއްދައާ ނުލައި ވަގަށް ގަލްފްގެ ގައުމުތަކަށް ވިއްކަން އުޅެނިކޮށް އެކަން ބޭޒާރު ވެއްޖެއެވެ. ތުރުކީން މި ނިޒާމުތައް ވިއްކަން އުޅުނީ އެމެރިކާއިން އެފް 35 އަސްކަރީ ޖެޓްތައް ގަތުމަށް ފައިުސާ ދެއްކިތާ އެތައް އަހަރެއް ފަހުންވެސް އެ ބޯޓުތައް އެމެރިކާއިން ސަޕްލައި ކޮށްނުދީގެން އެކަން ފަހިކުރުމަށް އެމެރިކާ ރުއްސާށެވެ.
ތުރުކީގެ ސަރުކާރަށް ތާއީދުކުރާ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މީގެ އަހަރުތަކެއް ކުރިން ތުރުކީން ރަޝިޔާއިން ގަނެގެން ބޭނުންކޮށްފައިވާ އެސް-400 މިސައިލް ނިޒާމުތައް ވަނީ ގަލްފުގެ އަރަބި ގައުމުތަކަށް ވިއްކާލާފައެވެ.
ހުއްރިއްޔަތު ނޫހުގެ ކޮލަމިސްޓް އަބްދުލްގާދިރު ސެލްވީ ލިޔުއްވާފައިވެއެވެ. "މިކަމާ ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ގަތަރުގެ ނަން ހާމަވެފައިވީ ނަމަވެސް، ރަސްމީ އިޢުލާނަކަށް އިންތިޒާރު ކުރުން މާ ބުއްދިވެރިއެވެ."
އަންކާރާގެ ބޭނުމަކީ ރަޝިޔާގައި އުފައްދާފައިވާ އެސް-400 ވައިގެ ދިފާއީ ނިޒާމު ދޫކޮށްލުމެވެ. އެއީ، ތުރުކީން ކުރިން ފައިސާ ދައްކާފައިވީ ނަމަވެސް، ރަޝިޔާގެ އެސް-400 ނިޒާމުތައް ގަތުމުގެ ސަބަބުން އެމެރިކާއިން ދިނުމަށް ދެކޮޅު ހަދާފައިވާ އެމެރިކާގައި އުފައްދާ އެފް-35 ހަނގުރާމަމަތީ ބޯޓުތައް ވޮޝިންގްޓަނުން ތުރުކީއަށް ދޫކުރުމަށް އެއްބަސްވުމުގެ ބަދަލުގައެވެ.
2017 ވަނަ އަހަރު ތުރުކީން ރަޝިޔާގެ އެސް-400 ވައިގެ ދިފާއީ ނިޒާމު ގަތީ ސީރިޔާގެ ހަމަނުޖެހުންތަކާ ގުޅިގެން އަންކާރާ އާއި ވޮޝިންގްޓަނާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެފައި އޮތް ދަނޑިވަޅެއްގައެވެ.
އެސް-400 ވިއްކާލި ކަމަށް ބުނާ ރިޕޯޓްތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން، ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މޮސްކޯއިން އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި އެއީ "އިންތިހާއަށް ނާޒުކު" މައްސަލައެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
"މި މައްސަލާގައި ތުރުކީގެ ފަރާތްތަކާ އެކު އަޅުގަނޑުމެން މުއާމަލާތްތައް ކޮށްފައިވޭ، އަދި މި މައްސަލާގައި ތުރުކީގެ ފަރާތްތަކާ އެކު އޮންނަ ގުޅުން އަޅުގަނޑުމެން ކުރިއަށް ގެންދާނަން." ޕެސްކޯވް ވިދާޅުވިއެވެ.
އެސް-400 ނިޒާމުތައް އަލުން ވިއްކާލުމަށްޓަކައި ތުރުކީއަށް މޮސްކޯގެ ރުހުން ބޭނުންވެއެވެ. ސަބަބަކީ އެހެން ގައުމަކަށް އަލުން އެކްސްޕޯޓް ކުރުމުގެ ލައިސަންސް ތުރުކީއަށް ލިބިފައި ނެތުމެވެ.






