ތުރުކީގެ ޔުނިވަރސިޓީ ސެޓްފިކެޓްތައް ޑިޖިޓަލްކޮށް ވެރިފައިކުރެވޭ ގޮތް ހަދައިފި

ތުރުކީގެ ޔުނިވަރސިޓީތަކުން ހިންގާ ސެޓްފިކެޓް ޕްރޮގްރާމްތައް ފުރިހަމަކުރާ ފަރާތްތަކަށް ދޭ ސަނަދުތަކަކީ މަރުކަޒީ ފެންވަރެއްގައި ޑިޖިޓަލްކޮށް ސައްހަކަން ކަށަވަރުކުރެވޭނެ އެއްޗަކަށް ހެދުމަށް ތުރުކީގެ ކައުންސިލް އޮފް ހަޔަރ އެޑިއުކޭޝަން އިން ނިންމައިފިއެވެ. މި އާ ނިޒާމަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މިއީ ތުރުކީގެ ތާރީޚުގައިވެސް ގައުމީ ފެންވަރުގެ ނިޒާމެއްގެ ދަށުން މިފަދަ ސަނަދުތައް ޑިޖިޓަލްކޮށް ވެރިފައިކުރެވޭ ގޮތް ހަދާ ފުރަތަމަ ފަހަރެވެ.

ޔޫއޯކޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ބަދަލަކީ މަތީ ތައުލީމުގެ ފެންވަރު ހިފެހެއްޓުމަށާއި، އުމުރުން ދުވަސްވިޔަސް އުނގެނުމުގެ ފުރުސަތު ފަހިކޮށްދޭ "ލައިފްލޯންގް ލާނިންގް" ޕްރޮގްރާމްތަކުގެ އިތުބާރު ބޮޑުކުރުމަށް ފަށާފައިވާ އިސްލާހީ މަސައްކަތްތަކުގެ ބައެއް ކަމަށެވެ. މިގޮތުން ޔުނިވަރސިޓީތަކުން ހިންގާ ސެޓްފިކެޓް ކޯސްތައް ވަކި ފެންވަރެއްގައި ހުރިތޯ ބަލައި އެޓެސްޓް ކުރެވޭނެއެވެ. އަދި ކަނޑައެޅޭ މިންގަނޑުތަކަށް ފެތޭ ކޯސްތަކަކީ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ މައިކްރޯ-ކްރެޑެންޝަލްސް ނުވަތަ ކުރު މުއްދަތުގެ ތައުލީމީ ނިޒާމާ އެއްގޮތްވާނެ ސެޓްފިކެޓްތަކެއްގެ ގޮތުގައި ކަނޑައެޅިގެންދާނެއެވެ.

މި ނިޒާމު ފެށުމާއެކު، ކޯސްތައް ނިންމާ ދަރިވަރުންނަށް ސެޓްފިކެޓް ދޫކުރާނީ ތުރުކީ ސަރުކާރުގެ ރަސްމީ އީ ގަވަރމަންޓް ޕޯޓަލް މެދުވެރިކޮށް ސީދާ ޔޫއޯކޭ އިންނެވެ. މީގެ ސަބަބުން ސަރުކާރުގެ އިދާރާތަކަށާއި ވަޒީފާދޭ ފަރާތްތަކަށް އެ ސެޓްފިކެޓްތަކުގެ ސައްހަކަން އޮންލައިންކޮށް ވަގުތުން ބަލައިލެވޭނެއެވެ. އަދި ފޮޓޯ ކޮޕީ ގެންދަން ނުޖެހޭނެއެވެ. މިކަމުގެ ސަބަބުން ސެޓްފިކެޓްތަކުގެ އިތުބާރު ބޮޑުވެ، ބައިނަލްއަޤްވާމީ މާކެޓްތަކުގައި އެ ސަނަދުތައް ބަލައިގަތުމުގެ ފުރުސަތު ފުޅާވެގެންދާނެއެވެ.

ޔޫއޯކޭގެ ރައީސް އެރޯލް އޮޒްވާރު ވިދާޅުވި ގޮތުގައި، މި ޒަމާނުގައި އުނގެނުމަކީ ހަމައެކަނި ޔުނިވަރސިޓީގެ ޑިގްރީއަކުން ނިމޭ ކަމެއް ނޫނެވެ. އިންސާނާގެ މުޅި އުމުރުގައިވެސް އާ ހުނަރުތަކާއި މައުލޫމާތު ހޯދަންޖެހޭއިރު، ސަރުކާރުގެ އަމާޒަކީ އެ ހުރިހާ ތައުލީމަކީވެސް ފެންވަރު ރަނގަޅު އަދި ރަސްމީކޮށް ބަލައިގަންނަ ނިޒާމަށް ފެތޭ ތައުލީމަކަށް ހެދުމެވެ. މި އާ އިސްލާހުގެ ސަބަބުން ތުރުކީގެ ރައްޔިތުންނަށް ލިބޭ ސެޓްފިކެޓްތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކިޔަވައިގެން ލިބޭ ސަނަދުތަކާ އެއް ފެންވަރެއްގެ، ރައްކާތެރި އެއްޗަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!