އެމެރިކާގެ ޓެކްސަސް ސްޓޭޓުގެ ފުލުހުން، އިޒްރޭލުގެ ކުންފުންޏެއް ކަމަށްވާ ކޮގްނައިޓް އިން ތަރައްގީކޮށްފައިވާ ޖާސޫސީ ޓެކްނޮލޮޖީ ހަރުކޮށްފައިވާ ހަތަރު ވެހިކަލް ގަނެފިއެވެ. މި 4.5 މިލިއަން ޑޮލަރުގެ މުއާމަލާތަކީ އެމެރިކާގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ޑިޖިޓަލް ޖާސޫސީ ވަސީލަތްތައް ބޭނުންކުރާ މިންވަރު އިތުރުވަމުންދާކަމުގެ ހެއްކެކެވެ.
މި ވެހިކަލްތަކުގައި ހަރުކޮށްފައިވަނީ ފަލްކޮންޓް ނަމަކަށް ކިޔާ ނިޒާމެކެވެ. މިއީ މޯބައިލް ފޯނުތަކާ ގުޅުން ހުންނަ ސިގްނަލް ޓަވަރުތަކެއް ފަދައިން މަސައްކަތްކޮށް، ކައިރީގައި ހުންނަ ހުރިހާ ފޯނެއް އޭގެ ނެޓްވޯކާ ގުޅެން މަޖުބޫރުކުރުވާ ނިޒާމެކެވެ. މިކަމުގެ ސަބަބުން، ތުހުމަތުކުރެވޭ މީހުންނާއި އަދި އެ ސަރަހައްދުގައި ތިބޭ އާންމުންގެ ލޮކޭޝަނާއި ހަރަކާތްތައް ދެނެގަނެވެއެވެ.
ފޯބްސްގެ ރިޕޯޓު: ޖާސޫސީ ވަސީލަތްތައް ފުޅާވަނީ
ފޯބްސް މެގަޒިންއިން ބުނާ ގޮތުގައި، ޔަހޫދީ ރެޖީމުގެ މި ނިޒާމު ވެހިކަލްތަކުގައި ފޮރުވައިގެން ގެންގުޅެވޭނެއެވެ. އަދި ހެލިކޮޕްޓަރުތަކުގައި ހަރުކުރުމުގެ އިތުރުން، އަތްދަބަހުގައި ވެސް ގެންގުޅެވޭހާ ކުޑައެވެ. މިއީ މީގެ ކުރިން ސްޓިންގްރޭ ނަމުގައި މަޝްހޫރުވި ޖާސޫސީ އާލާތްތަކާ އެއްގޮތް ޓެކްނޮލޮޖީއެކެވެ.
އިޒްރޭލުގެ ހާރޒްލިޔާގައި ގާއިމްވެފައިވާ ކޮގްނައިޓް ކުންފުނިން މާކެޓް ކުރަނީ އެ ކުންފުންޏަކީ އެމެރިކާގެ ޕަލަންޓިއާ ކުންފުންޏަށް ވުރެ ވެސް މޮޅު ޑޭޓާ އެނަލިސިސް އާއި ސެކިއުރިޓީ ސަވައިލެންސް ހިދުމަތްދޭ ކުންފުންޏެއް ކަމަށެވެ. އެ ކުންފުނީގެ މާލީ ރިޕޯޓުތަކުން ދައްކާ ގޮތުގައި، އެމެރިކާގެ ބާޒާރުގައި އެ ކުންފުނީގެ އާމްދަނީ 2023 ވަނަ އަހަރު 10 މިލިއަން ޑޮލަރުގައި ހުރި ނަމަވެސް، 2025 ވަނަ އަހަރު ވަނީ 15 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.
ކަންބޮޑުވުންތަކާއި ފުޅާވަމުންދާ ބިރުވެރި ވިއުގަ
ކޮގްނައިޓްގެ ހިދުމަތްތައް ހަމައެކަނި ޓެކްސަސްއަކަށް ނުނިމެއެވެ. އެމެރިކާގެ ޑިފެންސް މިނިސްޓްރީ އާއި ނިއު ޔޯކް، އަލްބަކަރކީ އަދި ފްލޮރިޑާގެ ފުލުހުން ވެސް މި ކުންފުނީގެ ޚިދުމަތް ހޯދައެވެ. ޚާއްސަކޮށް ފްލޮރިޑާގައި މި ޓެކްނޮލޮޖީ ބޭނުންކުރަނީ ކެރީބިއަން ކަނޑު މަގުން އަންނަ ހިޖުރަވެރިން ކޮންޓްރޯލް ކުރުމުގެ އޮޕަރޭޝަންތަކުގައެވެ.
މިފަދަ ޓެކްނޮލޮޖީތައް ފުޅާވަމުންދާތީ، އާންމުންގެ ޕްރައިވެސީއަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ބޮޑެތި ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. ސަބަބަކީ، މި ނިޒާމުތަކުން އަމާޒުކުރާ މީހުންގެ އިތުރުން އެ ސަރަހައްދުގައި ތިބޭ ކުށެއް ނެތް އެންމެންގެ މައުލޫމާތު ވެސް ނެގޭތީއެވެ. މިއީ އެމެރިކާގައި ޒަމާނީ ޖާސޫސީ ވަސީލަތްތައް ބޭނުންކުރުމުގެ އިންތަކާ މެދު އަލުން ބަހުސްތައް ފެށުމަށް މަގުފަހިވެފައިވާ ކަމެކެވެ.




