އެންޑީ ބާންހަމް، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމާ ހަވާލުވަނީ

’ކިންގް އޮފް ދަ ނޯތު' (އުތުރުގެ ރަސްގެފާނު) ގެ ނަމުން މަޝްހޫރު އެންޑީ ބާންހަމް، އިނގިރޭސިވިލާތުގެ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ބޮޑު ވަޒީރުގެ މަގާމާ ހަވާލުވާ ހަތްވަނަ ބޮޑުވަޒީރުގެ ގޮތުގައި ހޯމަ ދުވަހު މަގާމާ ހަވާލުވެވަޑައިގަންނަވާނެއެވެ. އޭނާ ވައުދުވެވަޑައިގެންފައިވަނީ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި، ދަށް ފެންވަރުގެ ހިދުމަތްތައް ފަދަ އާންމުން ކަންބޮޑުވާ މައްސަލަތަކަށް އިސްކަންދީ، ގައުމުގެ ނިޒާމު "އަލުން ބައްޓަން" ކުރެއްވުމަށެވެ.

ކީ ސްޓާމާ، 10 ޑައުނިން ސްޓްރީޓްގައި ހުންނަ އޭނާގެ އޮފީހުން އިސްތިއުފާ ދެއްވުމަށްފަހު ރަސްގެފާނު ޗާލްސްއާ ބައްދަލުކުރެއްވުމުން، ގްރޭޓާ މެންޗެސްޓާގެ ކުރީގެ މޭޔަރު ބާންހަމް ވެސް ރަސްގެފާނާ ބައްދަލުކުރައްވައި ބޮޑުވަޒީރުކަމުގެ ހުވާކުރައްވާނެއެވެ.

އެއަށްފަހު ފެށޭނީ އުނދަގޫ މަސައްކަތެވެ. އުމުރުން 56 އަހަރުގެ ބާންހަމްއާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނީ ގައުމުގެ ޚިދުމަތްދޭ ކުންފުނިތަކުގެ ދަށް ފެންވަރާއި، އިގުތިސާދީ ދަށްކަމާއި މިފަދަ އެތައް މައްސަލަތަކަކާއެވެ. އޭނާ އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަކީ އޭނާގެ ކެބިނެޓް އެކުލަވާލެއްވުމެވެ.

ލޭބާ ޕާޓީގެ ލީޑަރުކަމަށް އޭނާ އިންތިހާބުވުން ސިފަކުރައްވަމުން ބާންހަމް ވިދާޅުވީ، މިއީ "ފާއިތުވި 40 އަހަރުގެ ތެރޭގައި ސިޔާސީ މަސްރަހަށް އައި އެންމެ މުހިންމު ބަދަލު" ކަމަށެވެ. އާންމުންގެ ދިރިއުޅުމުގެ ފެންވަރު އަވަހަށް މަތިކުރުމަށްޓަކައި އިނގިރޭސިވިލާތުގެ ސިޔާސީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް އޭނާ ވަނީ ވައުދުވެވަޑައިގެންފައެވެ.

"އަޅުގަނޑު އިސްކޮށް ހުރެގެން ހިންގާ ސަރުކާރުން، އަންނަ ހަފްތާއިން ފެށިގެން އެ މަގު ދައްކައިދޭނެ،" ހުކުރު ދުވަހު އޭނާ ވިދާޅުވިއެވެ. "މިއީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަވެ، ހުރިހާ ރައްޔިތުންނާއި ސަރަހައްދުތަކަށްވެސް މިހާރު ތިބި ހާލަތުން ކުރިއެރުން ލިބޭނެ ގައުމަކަށް ހަދާނެ."

މި މެސެޖަކީ ލޭބާ ޕާޓީގެ މެމްބަރުންނަށް އަމާޒުކުރައްވައި ދެއްވި މެސެޖެކެވެ. ޕާޓީގެ މެމްބަރުން ދެކޭ ގޮތުގައި، ސްޓާމާއަށް ވުރެ ބާންހަމްއަށް ނައިޖަލް ފަރޭޖްގެ 'ރިފޯމް ޔޫކޭ' ޕާޓީގެ ނުފޫޒު ކުޑަކުރެވޭނެއެވެ.

ބާންހަމްގެ ފުރަތަމަ ހުރަހަކީ ކެބިނެޓް އެކުލަވާލެއްވުމެވެ. ހާއްސަކޮށް ފިނޭންސް މިނިސްޓަރަކަށް އައްޔަން ކުރައްވާނެ ބޭފުޅަކީ މުހިންމު ނިންމުމެކެވެ. ކުރީގެ ސަރުކާރުތައް ވެއްޓުމުގެ އެއް ސަބަބަކީ މި މަގާމުތަކުގެ މެދުގައި އުފެދޭ ހިޔާލުތަފާތުވުންތަކެވެ. މި މަގާމަށް އެންމެ ބޮޑަށް ބެލެވުނު އެޑް މިލިބޭންޑްގެ ބަދަލުގައި، މިހާރު އެންމެ ބޮޑަށް ވާހަކަ ދެކެވެނީ އިންޓީރިއާ މިނިސްޓަރު ޝަބާނާ މަހްމޫދުގެ ނަމެވެ.

ބާންހަމް ވަނީ މިކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ސަމާލުކަން ނުދިނުމަށް ޕާޓީގެ މެމްބަރުންނަށް ގޮވާލައްވާފައެވެ. އޭނާގެ ސަރުކާރުގެ ފުރަތަމަ ސިޔާސީ ނިންމުންތަކަށް ވަރަށް ބޮޑަށް ފާރަލާނެއެވެ. އޭގެ ތެރޭގައި ޓެކްސް ނެގުމާއި، ހަރަދު ކުރުމާއި، ތެލާއި ގޭހުގެ ސިޔާސަތުތައް ހިމެނެއެވެ.

ހޯމަ ދުވަހު އޭނާގެ އެކުވެރިޔާ އަދި ލޭބާ ޕާޓީގެ ޑެޕިއުޓީ ލީޑަރު ލޫސީ ޕޮވެލް ވިދާޅުވީ، ދަރަނި ބޮޑުވެފައިވާ 'ތޭމްސް ވޯޓާ' ކުންފުނި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އޭނާ ބޭނުންވަނީ ސަރުކާރުގެ ވަސީލަތްތަކާއި ސަމާލުކަން، ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމަށާއި، ގައުމުގެ އިގުތިސާދީ ނިޒާމު އަލުން ބައްޓަންކުރުމަށް ޚާއްސަ ކުރަން،" އޭނާ ސްކައި ނިއުސްއަށް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް