ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ އިއްތިހާދު (އާސިއާން) އުފެދުނުކަމަށް 59 އަހަރު ފުރުން ފާހަގަކުރާއިރު، ބައިނަލްއަގުވާމީ ޖިއޯޕޮލިޓިކަލް ގޮންޖެހުންތަކުން އަރައިގަނެ، "އާސިއާން ކޮމިއުނިޓީ ވިޜަން 2045″ ހާސިލުކުރުމަށްޓަކައި އިއްތިހާދުގެ އެތެރޭގެ އެއްބައިވަންތަކަމާއި އެ ޖަމުއިއްޔާގެ މަރުކަޒީ ދައުރު ވަރުގަދަކުރުން ކޮންމެހެން ބޭނުންތެރި ކަމަށް ދަސްޓާ އިން ރިޕޯޓުކޮށްފިއެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވަމުންދާ މިއަދުގެ ދަނޑިވަޅުގައި، އާސިއާންގެ މިނިވަންކަން ދެމެހެއްޓެނީ އިއްތިހާދުގެ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށްގެންނެވެ.
މި ރިޕޯޓުގައި ސިޔާސީ ދިރާސާވެރިންނާ ހަވާލާދީ ބަޔާންކޮށްފައިވާ ގޮތުގައި، އެމެރިކާއާއި ޗައިނާގެ މެދުގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިންނާއި، ދެކުނު ޗައިނާ ކަނޑުގެ މައްސަލަތަކުގައި އާސިއާންއިން ވަކިފަރާތަކަށް ނުޖެހި، އަމިއްލަ އިސްނެގުމުގައި ސަރަހައްދީ ސުލްހަ ދެމެހެއްޓުން މުހިންމެވެ. މީގެ އިތުރުން، މިޔަންމާގެ މައްސަލައާއި، ސައިބާ ކުށްތައް ފަދަ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އިއްތިހާދުގެ ތެރެއިން ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އާސިއާންގެ ކުރިމަގު ބައްޓަންކުރުމުގައި ހަމައެކަނި ސިޔާސީ ވާހަކަތަކުގެ ބަދަލުގައި، އިގްތިސާދީ، ޑިޖިޓަލް އަދި އިޖުތިމާއީ ދާއިރާތަކުން އަމަލީ ނަތީޖާ ނެރުން މުހިންމެވެ.
700 މިލިއަން އާބާދީއެއް އޮތް މި އިއްތިހާދުން 2045 ވަނަ އަހަރާ ހަމައަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރެވޭނީ ގައުމުތަކުގެ މެދުގައި ވިޔަފާރިއާއި ވަސީލަތްތައް ބަދަލުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށްގެން ކަމަށްވެސް ރިޕޯޓު ނިންމާލަމުން ބުނެފައިވެއެވެ.

