ޕާކިސްތާނުން ކޮންޓްރޯލްކުރާ ކަޝްމީރު ގައި އާންމުންގެ މުޒާހަރާތަކާ ދެކޮޅަށް އެގައުމުގެ ބާރުތަކުން އަޅަމުންދާ ފިޔަވަޅުތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން، އެ ސަރަހައްދަށް ދަތުރުކުރާ ބޭރުގެ ނޫސްވެރިންނަށް ހާއްސަ ހުއްދަ ނަގަންޖެހޭ ގޮތަށް އުސޫލުތައް ވަރުގަދަކޮށްފި އެވެ. މިއީ އެ ސަރަހައްދުގައި ހިނގަމުންދާ ހާދިސާތައް ބޭރުގެ މީޑިއާތަކަށް ފޮރުވުމަށް ޕާކިސްތާނު ސަރުކާރުން އަޅާފައިވާ ފިޔަވަޅެއް ކަމަށް މީޑިއާ ސިފަކުރެއެވެ.
މި އާ އުސޫލުގެ ދަށުން، ބޭރުގެ ނޫސްވެރިންނާއި މީޑިއާ އޭޖެންސީތަކުން ކަޝްމީރަށް ދަތުރުކުރުމުގެ ކުރިން ޕާކިސްތާނުގެ ސަރުކާރާއި އަސްކަރީ އިދާރާތަކުން ހާއްސަ ނޯ-އޮބްޖެކްޝަން ސެޓްފިކެޓް (އެންއޯސީ) ހޯދަންޖެހެއެވެ. އެކި ދާއިރާތަކުން ފާހަގަކުރާ ގޮތުގައި، މި ފިޔަވަޅުގެ މައިގަނޑު ބޭނުމަކީ އެ ސަރަހައްދުގައި އިންސާނީ ހައްގުތަކަށް އަރައިގަތުމާއި، އާންމުންގެ އިހުތިޖާޖުތައް ބާރުގެ ބޭނުންކޮށްގެން ހުއްޓުވާ ގޮތުގެ ހަގީގީ މައުލޫމާތު ދުނިޔޭގެ ސަމާލުކަމަށް އައުން ހުއްޓުވުމެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ވަނީ ޕާކިސްތާނުގެ މި ނިންމުމާ މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި މިފަދަ ހުރަސްތަކުގެ ސަބަބުން ސަރަހައްދީ ހަގީގަތްތައް އޮޅުވާލުމަށް ފުރުސަތު ލިބިގެންދާނެތީ، ނޫސްވެރިންނަށް މިނިވަންކަމާއެކު މައުލޫމާތު ރިޕޯޓުކުރުމުގެ ފުރުސަތު ދިނުމަށް އެ ފަރާތްތަކުން ވަނީ އިސްލާމާމާބާދަށް ގޮވާލާފައެވެ.




