ޕާކިސްތާނު ސިފައިންގެ އަމާޒުތަކަށް ހަމަލާދިނުމަށް ރާވައި، ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އާ ގުޅުން ބާއްވަމުންދިޔަ ކަމުގެ ތުހުމަތުގައި 25 އަހަރުގެ މީހަކު އިންޑިއާގެ ބެންގަލޫރުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ވެސްޓް ބެންގާލްގެ އަސާފުލް މާލިކް ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ ބެންގަލޫރުގެ ކުންފުންޏެއްގައި ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ.
ފުލުހުންނަށް ލިބުނު އިތުބާރުހުރި މައުލޫމާތަކާ ގުޅިގެން މާލިކް ހައްޔަރުކުރީ ބޮއްމަސަންދުރަ އިންޑަސްޓްރިއަލް އޭރިއާއިންނެވެ. ފުލުހުންގެ ތަހުގީގުން ހާމަވި ގޮތުގައި، އޭނާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އަފްގާނިސްތާނުގެ ރައްޔިތެއް ކަމަށްވާ އިމްރާން ހައިދަރު ނަމަކަށް ކިޔާ މީހަކާ ގުޅުން ގާއިމުކޮށްފައެވެ. އިމްރާން ހައިދަރަކީ ޓީޓީޕީގެ މެންބަރެއް ކަމަށް މާލިކަށް އެނގިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މާލިކް ވަނީ ޕާކިސްތާނު ސިފައިންނާ ދެކޮޅަށް ހަމަލާދިނުމަށް އިމްރާންގެ އެހީތެރިކަމަށް އެދިފައެވެ. އަދި އެކަމަށްޓަކައި އަފްޣާނިސްތާނަށް ދިއުމަށް ޕާސްޕޯޓު ހަދައި ވިސާއަށްވެސް އެދިފައިވެއެވެ. ނަމަވެސް މާލީ ދަތިކަމާއި އާއިލީ ޒިންމާތަކުގެ ސަބަބުން އޭނާއަށް އަފްއާނިސްތާނަށް ދެވޭގޮތް ނުވީއެވެ.
ފުލުހުން ބުނާ ގޮތުގައި، ޕާކިސްތާނު ސިފައިން އެ ގައުމުގެ މިސްކިތްތަކަށާއި އާންމުންނަށް އަނިޔާވެރިވާ ކަމަށް ބުނެ މާލިކް ހުރީ ހިތްހަމަނުޖެހިފައެވެ. މީގެ އިތުރުން އިސްރާއީލާއި ފަލަސްތީނުގެ މައްސަލާގައި، ޕާކިސްތާނު ސިފައިން ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިނުވެ އިސްރާއީލަށް ތާއީދުކުރާ ކަމަށް އޭނާ ތުހުމަތުކުރިއެވެ.
މާލިކްގެ އަތުން އަތުލައިގަތް މޯބައިލް ފޯނުން ޓީޓީޕީގެ މެންބަރާއެކު ކޮށްފައިވާ މެސެޖުތަކާއި އޯޑިއޯ ރެކޯޑިންގްތައް ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އެ ރެކޯޑިންގްތަކުން ޕާކިސްތާނު ސިފައިންގެ އަމާޒުތަކަށް ހަމަލާދިނުމާ ގުޅޭގޮތުން ދެކެވިފައިވާ ވާހަކަތައް ސާބިތުވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. އަދި އިންޑިއާގައި މުސްލިމުންނަށް އެއްވެސް ގެއްލުމެއް ލިބިއްޖެ ނަމަ، އިންޑިއާ މީހުންގެ ކިބައިން ބަދަލުހިފުމުގެ ނިޔަތްވެސް އޭނާގެ އޮތް ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ.
މި މައްސަލައާ ގުޅިގެން އިންޑިއާގެ ގާނޫނު އުގޫބާތުގެ 113 ވަނަ މާއްދާގެ 3 ވަނަ ނަންބަރު (ނުރައްކާތެރި ޓެރަރިސްޓް އަމަލުތައް) ގެ ދަށުން ފުލުހުން ވަނީ މައްސަލައެއް ރަޖިސްޓްރީކޮށް، އިތުރު ތަހުގީގުތައް ފަށާފައެވެ.





