އެމެރިކާއާއި ޔަހޫދީ ޒަޔަނިސްޓުން އީރާނާ ދެކޮޅަށް ފަށާފައިވާ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ސަބަބުން، ޕާކިސްތާނުގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ. އީރާނުގެ ކަނޑުގެ ސަރަޙައްދުތަކުގައި ޕާކިސްތާނުގެ މަސްވެރިން ކުރަމުން އައި ދޯނިތައް ދުއްވުން މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ.
އީރާނުގެ ދެކުނުގެ ބަނދަރުތަކަށް އެމެރިކާއިން ދެމުންދާ ވައިގެ ހަމަލާތަކުގެ ސަބަބުން އެ ސަރަޙައްދުތަކަކީ ޕާކިސްތާންގެ ކަންނެލީގެ މަސްވެރިންނަށް ދަތުރުކުރަން ނުކެރޭފަދަ ނުރައްކާތެރި ސަރަޙައްދަކަށް ވެފައިވާ ކަމަށް ޕާކިސްތާނުގެ މަސްވެރިން ބުނެފައިވެއެވެ.
ޕާކިސްތާނުގެ މައިގަނޑު މަސްވެރިކަމުގެ ބާވަތެއް ކަމަށްވާ ކަންނެލީގެ މަސް ވެރިކަމެވެ. އަދި ކަންނެލި މަހަކީ ޕާކިސްތާންގައި މަގްބޫލު ވައްތަރެއް ކަމުގައި ނުވުމުން ޕާކިސްތާން މަސްވެރިން އެމީހުންގެ މަސް ވިއްކަން ބަރޯސާ ވަނީ އީރާނުގެ ބާޒާރަށެވެ.
އީރާނުގެ ބާޒާރުގައި ކަންނެލި އަދި ކަޅުބިލަމަހަށް ރަނގަޅު އަގު ލިބެއެވެ. އީރާނަށް މަސްވިއްކާފައި ޕާކިސްތާނު މީހުން އޭގެ ބަދަލުގައި އަގުހެޔޮކޮށް އީރާނުން ތެޔޮ ގަނެއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕާކިސްތާންގެ އޮޑިވެރިޔާ ޝާހު ޒަމީން ޚާން ބުނެފައިވަނީ، ހަނގުރާމައިގެ ސަބަބުން ވިޔަފާރިތަކަށް ވާނީ ބޮޑަށް އަސަރުކޮށްފައި ކަމަށާއި، އަދި ބަނދަރުތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ސަރަޙައްދަށް ދިއުން މުޅިން ހުއްޓާލާފައިވާ ކަމަށެވެ.
އަދި ޕާކިސްތާންގައި ތެލުގެ މަގު މަތިވުމުގެ ސަބަބުން އޮޑި ބަނުމަށް ލިބޭ އޯޑަރުވެސް މަދުވެފައިވާ ކަމަށް ޕާކިސްތާނު އޮޑިވެރިންގެ އެސޯސިއޭޝަނުން ބުނެއެވެ.






