އިރާނާ ދެކޮޅަށް ކުރަމުންދާ ސޮލީބީ ހަނގުރާމައިގެ ތެރޭގައި، އެމެރިކާގެ ސިފައިންގެ އެންމެ މުހިންމު އެއް ހަތިޔާރު ކަމަށްވާ 'އެމްކިއު-9 ރީޕާ' މަރުކާގެ ޑްރޯންތަކުގެ 25 އިންސައްތަ އީރާނުން ހަލާކުކޮށްފައިވާ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ހާމަކޮށްފިއެވެ.
އެމެރިކާގެ އޮފިޝަލުންނާ ޙަވާލާދީ 'ވޮޝިންޓަން ޕޯސްޓް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިހާތަނަށް މަދުވެގެން 45 ރީޕާ ޑްރޯން ވަނީ އީރާނުން ހަލާކުކޮށްލާފައެވެ. މި ޑްރޯންތަކަކީ އަސްކަރީ ގޮތުން ފާރަލުމަށާއި، ކަނޑައެޅޭ ވަކި އަމާޒުތަކަށް ޙަމަލާ ދިނުމަށް ބޭނުންކުރާ އެންމެ ޒަމާނީ ވަސީލަތްތަކެވެ.
މި ޑްރޯންތަކުގެ ކޮންމެ އެއްޗެއްގެ އަގަކީ އޭގައި ހަރުކޮށްފައި ހުންނަ ސެންސަރުތަކާއި ހަތިޔާރުގެ ބާވަތުން 30 މިލިއަން ޑޮލަރާއި 50 މިލިއަން ޑޮލަރާ ދެމެދުގެ އަގުހުރި އެއްޗެކެވެ.
މި ހިސާބުތަކަށް ބަލާއިރު، އީރާނުން ހަލާކުކޮށްފައިވާ ޑްރޯންތަކުގެ ޖުމްލަ އަގު 1.3 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
މިކަމާ ގުޅިގެން ޕެންޓަގަން އިން މިހާރު ދަނީ ރީޕާ ޑްރޯންތައް މަޑުމަޑުން ޚިދުމަތުން ވަކިކޮށް، އޭގެ ބަދަލުގައި ޚަރަދު ކުޑަ، އަދި އެއްފަހަރާ ގިނަ އަދަދަކަށް ބޭނުންކުރެވޭ ޒާތުގެ ޑްރޯންތައް ތަޢާރަފު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން މެއި މަހު އެމެރިކާގެ ވައިގެ ސިފައިންގެ ލެފްޓިނެންޓް ޖެނެރަލް ޑޭވިޑް ޓޭބާ ސެނެޓްގައި ވާހަކަދައްކަވަމުން، ޑްރޯންތައް މަދުވަމުންދާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.







