އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަތުމުގެ ތެރޭގައި ސިއްރުން ބޯޓު ބަދަލުކުރެއްވި ކަމަށް ބުނާ ރިޕޯޓުތަކާ ގުޅިގެން، އީރާނުގެ ދައުލަތުގެ މީޑިއާއިން މަލާމާތްތަކެއް ރައްދުކޮށްފިއެވެ.
ޖުލައި މަހުގެ 8 ވަނަ ދުވަހު ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ބޭއްވުނު ނޭޓޯގެ ސަމިޓަށްފަހު، އެމެރިކާގެ ރައީސްގެ ރަސްމީ ބޯޓުކޮޅު ކަމަށްވާ "އެއާ ފޯސް ވަން" އިން ޤައުމަށް އެނބުރި ވަޑައިގަތުމުގެ މަގުމަތީގައި، ސިއްރު ފިޔަވަޅެއްގެ ގޮތުން ކާނާ އުފުލާ ޓްރަކެއްގެ ތެރެއަށް އެރިގެން ކުޑަ ބޯޓަކަށް ބަދަލުވެވަޑައިގެންފައިވާ ކަމަށް އެމެރިކާގެ މީޑިއާއިން ވަނީ ހާމަކޮށްފަެވެ. ސިއްރު މަސްދަރުތަކުން ބުނާ ގޮތުގައި، ރައީސްގެ ފުރާނަފުޅަށް ނުރައްކާވެދާނެ ކަމުގެ އިންޒާރެއް ޔަހޫ ރެޖީމުން ދިނުމާ ގުޅިގެން އެމެރިކާގެ ސިއްރު ފުލުހުން ވަނީ މި ޚާއްޞަ ފިޔަވަޅު އަޅާފައެވެ.

އީރާނުގެ ދައުލަތުގެ ޓީވީން ބުނެފައިވާ ގޮތުގައި، މި ހާދިސާއަކީ އީރާނުގެ އަސްކަރީ ބާރާއި ނުފޫޒުގެ ސަބަބުން އެމެރިކާގެ ރައީސަށް ކުރިމަތިވެފައިވާ ބިރުވެރިކަމުގެ ހެއްކެކެވެ.
"މިއީ އީރާނުގެ އަސްކަރީ ބާރާ ހެދި އުފެދުނު ބިރެއްގެ ސަބަބުން ހިނގާދިޔަ ކަމެއް،" ކަމަށް އީރާނުގެ މީޑިއާގެ ޕްރެޒެންޓަރު ބުންޏެވެ. އަދި ދެކުނު އެފްރިކާގައި ހުންނަ އީރާނުގެ އެމްބަސީން ވެސް ވަނީ މީސްމީހުންގެ ސަމާލުކަން ހޯދާ މީމްތައް މެދުވެރިކޮށް މިކަމަށް މަލާމާތްކޮށްފައެވެ.
އިންޓަރނޭޝަނަލް ކްރައިސިސް ގްރޫޕްގެ މެދުއިރުމަތި އަދި އުތުރު އެފްރިކާގެ ޕްރޮގްރާމުގެ ނައިބު ޑިރެކްޓަރު އަލީ ވާއިޒު ވިދާޅުވި ގޮތުގައި، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނުގެ ކުރީގެ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން އީރާނުން ދެމުންދާ އިންޒާރުތަކުގެ ސަބަބުން އެމެރިކާގެ އިސްވެރިން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.





