އެމެރިކާގައި އެއް ދުވަސް ތެރޭގައި 3 މީހުން ދަންޖައްސައިފި

އެމެރިކާގެ ޓެނެސީ އާއި އޮކްލަހޯމާ ސްޓޭޓުން ވަނީ 30 މިނެޓުގެ ދުރުމިނުގައި ދެ ގައިދީންނަށް މަރުގެ ހުކުމް ތަންފީޒުކޮށްފައެވެ. އަދި އޭގެ ފަހުން އެލަބާމާ ސްޓޭޓުން ވެސް ވަނީ މަރުގެ ހުކުމެއް ތަންފީޒުކޮށްފައެވެ.

މިގޮތުން، 2010 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ ސްޓޭޓްތަކުގައި އެއް ދުވަހުގެ ތެރޭގައި ވިހަ އިންޖެކްޝަން ޖަހައިގެން 3 ފިރިހެނުން މަރާލާފައިވެއެވެ.

ޓެނެސީން މަރާލާފައިވަނީ 1985 ވަނަ އަހަރު ކުޑަ ހޮޓަލެއްގެ ހައުސްކީޕަރަކު މަރާލި މީހެކެވެ. އަދި އޮކްލަހޯމާއިން މަރާލާފައިވަނީ 2003 ވަނަ އަހަރު ލޯބިވެރިޔާ މަރާލި މީހެކެވެ. މީގެއިތުރުން، އެލަބާމާގައި މަރާލި މީހާއަކީ، 5 އަހަރުގެ ކުޑަ އަންހެން ކުއްޖަކު މަރާލި މީހެކެވެ.

އެއް ދުވަހެއްގައި މަރުގެ 3 ހުކުމް ތަންފީޒުކުރުމަކީ ތާވަލުކުރެވުނު ގޮތުން ދިމާވި އިއްތިފާގެއް ނަމަވެސް، މިއީ އެމެރިކާގައި މަރުގެ އަދަބު ދޭ މިންވަރު އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެކެވެ.

2025 ވަނަ އަހަރު 11 ސްޓޭޓަކުން ޖުމުލަ 47 މީހުން މަރާފައިވާއިރު، މިއީ 2009 ވަނަ އަހަރުގެ ފަހުން ފެނުނު އެންމެ މަތީ އަދަދެވެ. އަދި ބުރާސްފަތި ދުވަހު ތަންފީޒުކުރި ހުކުމްތަކާއެކު، މިއަހަރު އެކަނިވެސް 22 ގައިދީން ވަނީ ދަންޖައްސާފައެވެ. އަދި އިތުރު 10 ގައިދީން ދަންޖެއްސުމަށް ވަނީ ތާވަލުކޮށްފައެވެ.

ހިއްސާ ކުރައްވާ!