އިންޑިއާގެ ދީލަތިކަން ބަލިކަށިކަމަކަށް ބަލައިގެން ނުވާނެ: އިންޑިއާގެ އަޖިތު ޑޯވަލް

"އޮޕަރޭޝަން ސިންދޫރު" އާ ގުޅޭގޮތުން ޑޮކިއުމެންޓްރީއަކަށް ދެއްކެވި އިންޓަރވިއުގައި ޑޮވަލް ވަނީ އިންޑިއާގެ ދިފާޢީ ސިޔާސަތު ބައްޓަންވެފައިވާގޮތް ވަރަށް ސާފުކޮށް ހާމަކުރައްވާފައެވެ. އަދި އިސްލާމްއާބާދަށް އިންޒާރެއް ދެއްވަމުން ވިދާޅުވެފައިވަނީ، އިންޑިއާގެ ވާދަވެރިންނަށް ވަރުގަދަ ހަމަލާތަކެއް ދޭން ޖެހިއްޖެނަމަ ދޭނެ ކަމަށާއި، އޭގެ ނަތީޖާއަށް ބިރުން އިންޑިއާ ފަހަތަށް ނުޖެހޭނެ ކަމަށެވެ.

"ދުނިޔެއަށް ދޭ މެސެޖަކީ ވަރަށް ސާފު މެސެޖެއް – އިންޑިއާގެ ދީލަތިކަމާއި، ކެތްތެރިކަމަކީ އިންޑިއާގެ ބަލިކަށިކަމެއް ކަމަށް ހީކޮށްގެން ނުވާނެ. އިންޑިއާ އިން ނުރައްކާތަކާ ކުރިމަތިލާނެ، އަދި ނަތީޖާއަށް ބެލުމެއް ނެތި ވަރުގަދަ ހަމަލާތައް ދޭނެ،" އޭނާ ވިދާޅުވިއެވެ.

ޑޯވަލް ވިދާޅުވިގޮތުގައި ދިފާޢީ ބާރު ދެއްކުމުގައި އެންމެ މުހިންމު ކަމަކީ ތައްޔާރަށް ހުރިކަން ދެއްކުމެވެ. ޕާކިސްތާނާއި، ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި ހަރަކާތްތެރިވަމުންދާ ޖައިޝޭ މުޙައްމަދު އަދި ލަޝްކަރޭ ޠައިބާ ޖަމާޢަތުގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށްގެން މެއި 7 ވަނަ ދުވަހު ފެށި "އޮޕަރޭޝަން ސިންދޫރު" އަކީ މިކަން ސާބިތުކޮށްދިން ކަމެއް ކަމަށް ވިދާޅުވިއެވެ.

އޮޕަރޭޝަން ސިންދުރުު ފަށާފައި ވަނީ ކަޝްމީރުގެ ޕަހަލްގާމްގައި ފަތުރުވެރިންތަކަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ ރައްދެއްގެ ގޮތުންނެވެ.

މި އޮޕަރޭޝަންގެ ފުރަތަމަ މަރުޙަލާގައި ޕާކިސްތާނުގެ އެއްވެސް އަސްކަރީ ނުވަތަ މަދަނީ ތަނަކަށް އަމާޒުކޮށްފައި ނުވާކަން އިންޑިއާއިން ކަށަވަރުކުރިއެވެ. ނަމަވެސް ޕާކިސްތާނުން އަސްކަރީ ގޮތުން ރައްދު ދިނުމުން އިންޑިއާއިން ވަނީ ޕާކިސްތާނުގެ އަސްކަރީ ޤާބިލުކަމަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ގުޖުރާތުން ފެށިގެން ކަޝްމީރާ ހަމައަށް ޕާކިސްތާނުން އާޓިލަރީ، ޑްރޯން އަދި މިސައިލް ބޭނުންކޮށްގެން ހަމަލާތައް ދިނުމުން، އިންޑިއާއިން ވަނީ ޕާކިސްތާނުގެ ވައިގެ ދިފާޢީ ނިޒާމުތަކާއި، ރާޑަރު ސައިޓުތަކުގެ އިތުރުން ވައިގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ. މިކަމުގެ ސަބަބުން ޕާކިސްތާނުގެ އެދުމަށް 88 ގަޑިއިރަށް ދެމިގެންދިޔަ މި ހަނގުރާމަ ނިމިގެންދިޔައެވެ.

ހިއްސާ ކުރައްވާ!