ފަލަސްޠީނުގެ ވެރިކަމުގެ ނިޒާމަށް އޮތް ނުތަނަވަސްކަން ބޮޑުވެ، ރައީސް މަޙްމޫދު ޢައްބާސް އިސްތިއުފާދެއްވުމަށް 70 އިންސައްތަ މީހުން ގޮވާލައިފި އެވެ.
ފަލަސްޠީނުގެ ސިޔާސީ އަދި ސާވޭ ދިރާސާ ކުރާ މަރުކަޒަކުން ހާމަކޮށްފައިވާ ޚިޔާލު ހޯދުމުގެ ވޯޓަކުން، ފަލަސްޠީނުގެ ވެރިކަމުގެ އިދާރާއާ މެދު ނުރުހުން ފާޅުކުރާ މިންވަރު އިތުރުވެފައިވާކަން ދައްކައިފިއެވެ. އަދި ކުރިއަށް އޮތް އިންތިޚާބުތަކުން ހަގީގީ ބަދަލެއް އަތުވެދާނެ ކަމަށް އޮތް އިތުބާރު ވެސް ވަނީ ކުޑަވެފައެވެ.
އެ ވޯޓުގެ ނަތީޖާތައް ދައްކާ ގޮތުން ވޯޓުގައި ބައިވެރިވި މީހުންގެ 79 އިންސައްތަ މީހުން ދެކޭގޮތުގައި ފަލަސްޠީނުގެ ވެރިކަމުގެ އިދާރާ ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ބުރައަކަށް ވެފައެވެ. އަދި ރައްޔިތުންނާއި ވެރިންނާ ދެމެދު އޮތް އިތުބާރު ގެއްލިފަިއވާ ކަން ހާމަކޮށްދެމުން، 70 އިންސައްތަ މީހުން ވަނީ ރައީސް މަޙްމޫދު ޢައްބާސް މަޤާމުން އިސްތިއުފާދެއްވުމަށް ތާއީދުކޮށްފައެވެ.
ކުރިއަށް އޮތް އިންތިޚާބާ ގުޅޭގޮތުން ސުވާލުކުރުމުން، 70 އިންސައްތަ މީހުން ބުނެފައިވަނީ އެ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބަކަށް ވާނެ ކަމަށް ޤަބޫލުނުކުރާ ކަމަށެވެ. އަދި 44 އިންސައްތަ މީހުން އިންތިޚާބު ފަސްކުރެވިދާނެ ކަމަށް ލަފާކުރާއިރު، 40 އިންސައްތަ މީހުން ވަނީ އިންތިޚާބުގައި ބައިވެރިނުވާނެ ކަމަށް ބުނެފައެވެ.
މި ޚިޔާލު ހޯދުމުގެ ސާވޭ ކުރިއަށްގެންގޮސްފައިވަނީ 2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 5 އިން 8 އަށެވެ. މި ނަތީޖާތަކުން ދައްކަނީ ސިޔާސީގޮތުން ހަގީގީ ބަދަލެއް އަތުވެދާނެ ކަމުގެ އުއްމީދު ކެނޑި، ފަލަސްތީނު މީހުންގެ މެދުގައި މާޔޫސްކަން ބޮޑުވެފައިވާ މިންވަރެވެ.







