އިސްރާއީލުގެ ޖެނޮސައިޑް ޔަހޫދީ ޒަޔަނިސްޓުންގެ ދިފާއީ ވަޒީރު ޔިސްރާއީލް ކަޓްސް ހުކުރު ދުވަހު އިއުލާންކުރި ގޮތުގައި، ހުޅަނގު އައްސޭރީގެ މަދނީ ޤާނޫނު ތަންފީޒު ކުރުމުގެ ބާރުތައް ސިފައިންގެ ކިބައިން ނަގައި އިސްރާއީލުގެ ފުލުހުންނަށް ބަދަލުކުރުމަށް ރޭވުމަށް އޭނާ ވަނީ އަސްކަރިއްޔާއަށް އަންގާފައެވެ. މި ނިންމުން އައިސްފައިވަނީ ގަސްތުގައި ހިންގަމުންދާ ޔަހޫދީ ޓޭރަރިސްޓް ހަރުކަށި އަމަލުތަކާއި، ޤަޞްދުގައި ހިންގާ ހަމަނުޖެހުން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ކަޓްސް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔަހޫދީ ވަޒަންވެރިން ހިންގާ ހަރަކާތްތަކާ ގުޅިގެން ކަންކަން ބެލުމުގެ ޒިންމާ ފުލުހުންނަށް ބަދަލުކުރަން ވިސްނަމުންދާ ކަމަށެވެ. އަދި ސިފައިންގެ މަސްއޫލިއްޔަތަކީ ޔަހުދީ ވަޒަންވެރިން ކުރާ ކަންކަމާ ދެކޮޅަށް މަސައްކަތްކުރުން ކަމަށާއި، މަދނީ މައްސަލަތައް ބެލުމަކީ ސިފައިން ކުރަންޖެހޭ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.
މި ނިންމުމަކީ ފަލަސްޠީނުގެ ބިންތައް ޔަހޫދީންގެ ބާރުގެ ދަށަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިތްވަރު ދިނުމަށް އެޅޭ އިތުރު ފިޔަވަޅެއް ކަމަށް މީޑިއާ ރިޕޯޓުކުރެއެވެ. ޒަޔަނިސްޓުންގެ މިފަދަ ނިންމުންތަކުގެ ސަބަބުން، ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ އާންމު ރައްޔިތުންނަށް ލިބެމުންދާ އަނިޔާތައް އިތުރުވެ، ސަރަހައްދުގެ މަސްރަޙު އިތުރަށް ގޯސްވަމުންދެއެވެ.
މިކަމުގެ އިތުރުން، ޔަހޫދީން ދަނީ ފަލަސްޠީނު މީޙުން އެމީހުންގެ ވަޒަނުން ބޭރުކޮށްލައި އެމީހުން ބޯފެނާއި ކަރަންޓުން މަޙުރޫމުކޮށް، އަސާސީ ޚިދުމަތްތަކަށް ހުރަސް އަޅަމުންނެވެ.







