ހުޅަނގު އައްސޭރީގައި ޓެރަރިސްޓް ޔަހޫދީން ހިންގާ އަމަލުތަކަށް ހިތްވަރު ދިނުމަށް ޔަހޫދީ ޒަޔަނިސްޓުންގެ ދިފާއީ ވަޒީރު ނިންމި ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ފަލަސްޠީނުގެ ބިންތައް ފޭރިގަތުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ފަލަސްޠީނުން ސިފަކޮށްފިއެވެ. މިކަމާ ގުޅިގެން ފަލަސްޠީނުގެ އޮފިޝަލުން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއާއި ސަލާމަތީ މަޖިލީހުން މިފަދަ ނުރައްކާތެރި ފިޔަވަޅުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.
ފަލަސްޠީނުގެ ނައިބު ރައީސް ޙުސައިން އުޝައިޚު ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޔަހޫދީ ޒަޔަނިސްޓުންގެ ދިފާއީ ވަޒީރު ކަޓްސް ސިފައިންގެ ބާރުތައް ފުލުހުންނަށް ބަދަލު ކުރުމަށް ނިންމި ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ސަރަހައްދީ އެއްބަސްވުންތަކާ ޚިލާފަށް ހިންގާ ޖަރީމާއެއް ކަމަށެވެ.
އަދި މިއީ ޖެނޮސައިޑް ރެޖީމުގެ ސިޔާދަތު ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްއަށް ފުޅާކުރުމަށް ކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ، އޭނާ އިތުރަށް ވިދާޅުވީ، 1967 ވަނަ އަހަރު އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ އެއްވެސް ބިމެއްގެ މައްޗަށް އެއްވެސް ޤާނޫނީ ބާރެއް ނުވަތަ ސިޔާދަތެއް އިސްރާއީލަށް ލިބިގެން ނުވާ ކަމަށެވެ.
މިހާރު ކޮންމެ ދުވަހަކު ހެން ހުޅަނގު އައްސޭރީގައި ހިފާފައިވާ ބިންތަކުގައި ވަޒަންވެރިކޮށްފައިވާ ޔަހޫދީ ވަޒަންވެރިން ދަނީ ފަލަސްޠީނުގެ ރަށްތަކަށް ވަދެ މީހުންނަށް ހަމަލަދީ ގެއްލުން ދެމުންނެވެ.
ޔަހޫދީ ޒަޔަނިސްޓުންގެ ދިފާއީ ވަޒީރު ވަނީ، ހުޅަނގު އައްސޭރީގައި ޔަހުދީން ހިންގާ ގަނާ ކުރުމާއި ޓެރަރިޒަމްގެ އަމަލުތައް ކޮންޓްރޯލު ކުރުން ސިފައިން އަތުން ނަގައި ފުލުހުންނަށް ބަދަލުކުރަން ނިންމާފައެވެ.







