ނަތަންޔާހޫ އިނގިރޭސިވިލާތާ ގުޅުވައިގެން ދެއްކި ވާހަކަތަކަކާ ގުޅިގެން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. ޕޮޑްކާސްޓަކަށް ދިން އިންޓަރވިއުއެއްގައި ޔަހޫދީ ރެޖީމްގެ ޖެނޮސައިޑްގެ މޭސްތިރި ނަތަންޔާހޫ ވަނީ އިނގިރޭސިވިލާތަކީ "އިސްލާމީ ޖުމްހޫރިއްޔާއެއް" ކަމަށް ސިފަކޮށްފައެވެ.
މި ވާހަކަތައް ދައްކަވަމުން ނަތަންޔާހޫ ބުނެފައިވަނީ، އިސްރާއީލާ މެދު ޔޫރަޕްގެ ޤައުމުތަކުން ދެކޭގޮތާއި ގެންގުޅޭ ސިޔާސަތުތައް ބަދަލުވަމުންދާ ތަން ފެންނަ ކަމަށެވެ. އަދި އޭނާ ވަނީ ޔޫރަޕްގެ ގައުމުތަކުން ޔަހޫދީންނާ މެދު ހަތުރުވެރި ގޮތެއް ގެންގުޅޭ ނަމަ ބަދަލު ހިފާނެ ކަމުގެ އިންޒާރު ދީފައެވެ.
ޖެނޮސައިޑް ހިންގަމުންދާ ޔަހޫދީ ޒަޔަނިސްޓުންގެ ބޮޑުވަޒީރު ބުނީ، އިރާނުގެ ނިއުކްލިއަރ އަދި އަސްކަރީ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް އިސްރާއީލުން އަޅަމުންދާ ފިޔަވަޅުތަކަކީ ސަރަހައްދުގެ އަރަބި އިސްލާމީ ގައުމުތަކުގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަންކަން ކަމަށެވެ.
ފާއިތުވި އަހަރުތަކުގައި، ޚާއްޞަކޮށް 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިނގިރޭސިވިލާތުން ފަލަސްޠީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަތުމާ ގުޅިގެން، ލަންޑަނާއި ޓެލްއަވީވްގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުން ހީނަރު ވެގެން ދިޔައެވެ. އިނގިރޭސި ސަރުކާރުން އިސްރާއީލުގެ ޖެނޮސައިޑް ހިންގުމުގެ ސިސަތުތަކަށް ފާޅުގައި ފާޑުކިޔަމުންދާ ދަނޑިވަޅެއްގައި، ނަތަން ދެއްކި މި ވާހަކަތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައިވާ ނުތަނަވަސްކަން އިތުރަށް ފާހަގަ ވެގެން ދެއެވެ.
ޖެނޮސައިޑް ރެޖީމުގެ އެތެރޭގެ ސިޔާސީ މަސްރަޙުން ވެސް އިނގިރޭސިންނަށް މަލާމާތް ކޮށް ނަތަން ދެއްކި ވާހަކަތަކަށް ފާޑު ކިޔުން އަމާޒު ވެފައި ވެއެވެ.
ބައެއް ސިޔާސީ ވެރިން ބުނެފައި ވަނީ ޤައުމެއްގެ ބޮޑުވަޒީރުގެ މަޤާމުގައި ހުރެ މިފަދަ ޒިންމާދާރުކަން ކުޑަ ގޮތަކަށް ވާހަކަކދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.






