ލަންޑަނުގެ ކޯޓެއްގައި ކުރިއަށްދިޔަ ކޮޕީރައިޓްގެ މައްސަލައެއްގައި، ފެޝަންގެ ދާއިރާގައި މަޝްހޫރު 'ޝީން' އާ ދެކޮޅަށް، އެ ކުންފުނީގެ ވާދަވެރި 'ޓީމޫ' އިން ކާމިޔާބު ހޯދައިފިއެވެ. މިއީ މި ދެ ކުންފުނީގެ ދެމެދުގައި އިނގިރޭސިވިލާތުގައި ކުރިއަށްދާ ގިނަ މައްސަލަތަކުގެ ތެރެއިން ފުރަތަމަ ފަހަރަށް ނިންމި މައްސަލައެވެ.
ބުރާސްފަތި ދުވަހު ކޯޓުން ކުރި ހުކުމުގައި ވަނީ، ޝީންގެ އުފެއްދުންތަކުގެ ފޮޓޯތައް ހުއްދައަކާ ނުލައި ބޭނުންކޮށްގެން ކޮޕީރައިޓްގެ ހައްގުތައް ޓީމޫއިން ނަގާފައިވާ ކަމަށް ބުނެ ޝީންއިން ހުށަހެޅި މައްސަލަ ބޭރުކޮށްފައެވެ.
އޭގެ ބަދަލުގައި، ޓީމޫއިން ހުށަހެޅި ދަޢުވާ ކޯޓުން ވަނީ ބަލައިގެންފައެވެ. ޓީމޫއިން އެ ދަޢުވާ ހުށަހެޅީ، ޝީންއިން ކޯޓު އަމުރެއް ހޯދައިގެން ޓީމޫގެ ޕްލެޓްފޯމުން އެ ކުންފުނީގެ ބައެއް އުފެއްދުންތައް އުނިކުރަން މަޖުބޫރުކުރުމުގެ ސަބަބުން އެ ކުންފުންޏަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމަށެވެ.
މި މައްސަލައާ ގުޅިގެން ޝީންގެ ތަރުޖަމާނަކު ވިދާޅުވީ، ކޯޓުގެ މި ނިންމުމާ މެދު ކުންފުނި ހައިރާންވެފައިވާ ކަމަށެވެ. އަދި އޮންލައިންކޮށް އަމިއްލަ އުފެއްދުންތަކުގެ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތްކުރާ ބްރޭންޑްތަކަށް މި ހުކުމުގެ ސަބަބުން މަންފާއެއް ނުކުރާނެ ކަމަށް އޭނާ ބުންޏެވެ. މި މައްސަލައާ ގުޅޭގޮތުން ޓީމޫއިން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
މިދިޔަ މެއި މަހު ފެށި މި ޝަރީއަތުގައި ޝީންއިން ތުހުމަތުކުރި ގޮތުގައި، ޓީމޫއިން ވަނީ އެ ކުންފުނީގެ އުފެއްދުންތަކުގެ ފޮޓޯތައް ބޭނުންކޮށްގެން، ޝީންގެ ބްރޭންޑްތަކުގެ ކޮޕީތައް ވިއްކުމަށް 'ސިނާއީ ފެންވަރެއްގައި' މަސައްކަތްކޮށްފައެވެ. ނަމަވެސް، ޕީޑީޑީ ހޯލްޑިންގްސްގެ ދަށުން ހިންގާ ޓީމޫއިން މި ތުހުމަތުތައް ދޮގުކުރިއެވެ. އެ ކުންފުނިން ބުނި ގޮތުގައި، ޝީންއިން މިފަދަ ގާނޫނީ ފިޔަވަޅުތައް އަޅަމުންދަނީ ވާދަވެރިކަން ހަނިކުރުމުގެ ބޭނުމުގައެވެ.
އިނގިރޭސިވިލާތުގައި މި ދެ ކުންފުނީގެ މެދުގައި އުފެދިފައިވާ ގާނޫނީ ނުތަނަވަސްކަން މި ހުކުމުން ނިމުމަކަށް ނާދެއެވެ.
ޓީމޫއިން ހުށަހަޅާފައިވާ ވަކި ދަޢުވާއެއް އަންނަ އަހަރު، ކޯޓުން ބަލަން ވަނީ ހަމަޖެހިފައެވެ. އެ މައްސަލައިގައި ޓީމޫއިން ތުހުމަތުކުރަނީ، ފެޝަން ސަޕްލަޔަރުންނާ އެކު އެކްސްކްލޫސިވް އެއްބަސްވުންތައް ހަދައި، ވާދަވެރިކަމުގެ ގާނޫނުތަކާ ޝީންއިން ޚިލާފުވަމުންދާ ކަމަށެވެ.
ބައިނަލްއަޤްވާމީ ބާޒާރުގައި ހެޔޮ އަގުގައި އަންނައުނާއި އެހެނިހެން ތަކެތި ވިއްކައިގެން ހަލުވިކަމާއެކު ފުޅާވަމުން އަންނަ މި ދެ ކުންފުނީގެ މެދުގައި، އެމެރިކާގައި ވެސް މިފަދަ އެތައް ދަޢުވާއެއް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.
ހަމައެއާއެކު، 30 ބިލިއަން ޑޮލަރާއި 40 ބިލިއަން ޑޮލަރާ ދެމެދުގެ އަގަކަށް ހޮންކޮންގްގެ ސްޓޮކް މާކެޓުގައި ޝީންގެ ހިއްސާ ވިއްކުމަށް އެ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.






