ހުރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަޙައްދެއްގެ ގޮތުގައި އިޢުލާނުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅަކީ ސަމާސާއަކަށް ދެއްކެވި ވާހަކަފުޅެއްކަމަށް ވައިޓްހައުސްގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު ނިއުޔޯކް ސްޓޭޓްގެ ފުލުހުންނާއި އިންޓެލިޖެންސް މަރުކަޒެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޓްރަމްޕް ވަނީ، ހުރްމުޒް ކަނޑުއޮޅި ވަރަށް އަވަހަށް އެމެރިކާގެ ބިމެއްގެ ގޮތުގައި އިޢުލާނުކުރައްވާނެ ކަމަށާއި، އަދި އީރާނުން އެމެރިކާއަށް ހަމަލާއެއްދީފިނަމަ މިއަށްވުރެ އެތައް ގުނައެއް ބޮޑަށް ރައްދުދޭނެ ކަމަށް އިންޒާރުދެއްވާފައެވެ.
ނަމަވެސް، ވޯލްސްޓްރީޓް ޖާނަލް އަށް މައުލޫމާތު ދެއްވަމުން ވައިޓްހައުސްގެ އިސް އޮފިޝަލަކު ވިދާޅުވީ ރައީސް ޓްރަމްޕް އެފަދަ ކަމަކާ މެދު އެއްވެސް މުޝީރަކާ މަޝްވަރާކުރައްވާފައި ނުވާ ކަމަށާއި، އެ ވާހަކަފުޅަކީ ހަމައެކަނި ސަމާސާއެއްގެ ގޮތުގައި ދެއްކެވި ވާހަކަފުޅެއް ކަމަށެވެ.
މި ކަމާ ގުޅިގެން މީޑިއާއން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނާ ދެކޮޅަށް އަޅާފައިވާ ކަނޑުގެ ހިސާރުކުރުމުގެ ފިޔަވަޅުތަކަކީ ދަނގަނޑު ފާރެއް ފަދަ ވަރުގަދަ ފިޔަވަޅުތަކެއް ކަމަށް ރައީސް ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ.
މި ބަސްތަކާ ގުޅިގެން އީރާނުގެ އަސްކަރީ އިސް އޮފިޝަލުން ވަނީ ކޮންމެފަދަ ހަމަލާއަކަށްވެސް ފުރިހަމައަށް ތައްޔާރަށް ތިބިކަން ހާމަކޮށްފައެވެ.
މީގެ އިތުރުން، އީރާނުގެ ޤައުމީ ޓީވީން ވަނީ އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަން އެމެރިކާގެ އެމްކިއު-ނައިން މަރުކާގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށްވެސް އިއުލާނުކޮށްފައެވެ.






