ޕާކިސްތާނުގެ 79 ވަނަ މިނިވަން ދުވަހުގެ މުނާސބަތުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން، އެ ޤައުމުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފް ވަނީ އިންޑަސް ކޯރުގެ ފެނުގެ މުޢާހަދާ އެއްފަރާތްކުރުމާ ގުޅިގެން އިންޑިއާއަށް އިންޒާރުދެއްވާފައެވެ. ޝަރީފް ވިދާޅުވީ ޤައުމުގެ ފެނުގެ ކޮންމެ ތިއްކަކީވެސް ރަތް ރޮނގެއް ކަމަށާއި، އިންޑިއާއިން ރަނގަޅު މަގަށް ނާންނަ ނަމަ ސީދާ ރައްދެއް ދޭނެ ކަމަށެވެ.
ޔާދްގާރޭ ފަތުޙު ގައި ބޭއްވި މި ރަސްމިއްޔާތުގައި ބޮޑުވަޒީރު ޝަރީފް ތުހުމަތުކުރެއްވި ގޮތުގައި، 2025 ވަނަ އަހަރުގެ ހަނގުރާމައާ ގުޅިގެން އިންޑިއާއިން ވަނީ އެއްފަރާތުން މި މުޢާހަދާ މެދުކަނޑައިލާފައެވެ. އަދި މިއީ އިންޑިއާއަކީ ސުލްޙައަށް ލޯބިކުރާ ޤައުމެއް ނޫންކަން ދައްކުވައިދިން ހެއްކެއް ކަމަށް ވެސް ސިފަކުރެއްވިއެވެ.
އިންޑިއާއިން މި ފެނުގެ މުޢާހަދާ މެދުކަނޑައިލާފައިވަނީ، ޖައްމު އާއި ކަޝްމީރުގެ ޕަހަލްގާމްގައި 2025 ވަނަ އަހަރުގެ އެޕްރީލް މަހު ޓެރަރިސްޓުން ދިން ނުރައްކާތެރި ޙަމަލާއެއްގައި ގިނަ ބަޔަކު މީހުން މަރުވުމާ ގުޅިގެން، އިންޑިއާއިން އެޅި ހަރުކަށި ފިޔަވަޅުތަކެއްގެ ދަށުންނެވެ.
މި ޙަމަލާގެ ރައްދެއްގެ ގޮތުން އިންޑިއާ ސިފައިން ވަނީ ޕާކިސްތާނުގެ ސަރަޙައްދުގައި ހުރި ޓެރަރިސްޓުންގެ ވަސީލަތްތަކަށް އަމާޒުކޮށް ޚާއްޞަ އަސްކަރީ ޙަމަލާތަކެއް އޮޕަރޭޝަން ސިންދޫރުގެ ނަމުން ހިންގާފައެވެ.
ބޮޑުވަޒީރު ޝަރީފް ވިދާޅުވީ، 2025 ވަނަ އަހަރުގެ ހަނގުރާމައިގެ މެސެޖު މުޅި ދުނިޔެއަށް ލިބިފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޕާކިސްތާނުގެ ސިޔާދަތާއި ސަލާމަތަށް އަރައިގަންނަން އުޅެފިނަމަ، އެއަށްވުރެ ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފް ވަނީ ސަރަޙައްދީ ހަމަޖެހުމާއި ސުލްޙައަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި އދ. ގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މައްސަލަތައް ޙައްލުކުރުމަށް ގޮވައިލައްވައި، ކަޝްމީރުގެ ރައްޔިތުންނަށް އަމިއްލަ ވެރިކަމުގެ ޙައްޤު ހޯދައިދިނުމަށް ކުރާ މަސައްކަތްތަކަށް ސިޔާސީ، ޑިޕްލޮމެޓިކް އަދި އަޚްލާޤީ އެއްބާރުލުން ދިނުންމަތީ ދެމިތިބޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ޕާކިސްތާނު، ސަޢުދީ ޢަރަބިއްޔާ އަދި ތުރުކީ ގުޅިގެން ސޮއިކޮށްފައިވާ އައު ދިފާޢީ އެއްބަސްވުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، މީގެ ތެރެއިން ޤައުމަކަށް ދޭ ޙަމަލާއަކީ އެ ތިން ޤައުމަށް ދެވޭ ޙަމަލާއެއް ކަމަށް ބެލެވޭނެ ކަމަށެވެ.





