ކަރާޗީގައި މިނިވަން ދުވަސް ފާހަގަކުރުމުގެ ތެރޭގައި އަންހެނަކު މަރުވެ 70 މީހުން ޒަޚަމްވެއްޖެ

ޕާކިސްތާނުގެ 79 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން، އެ ޤައުމުގެ ބޮޑު އާބާދީއެއް އޮތް ކަރާޗީ ސިޓީގެ އެކި ސަރަޙައްދުތަކުގައި ހިންގި ނުރައްކާތެރި ހަވާ އެރުވުމާއި ބަޑިޖެހުމުގެ ޙާދިސާތަކެއްގައި އަންހެނަކު މަރުވެ، 70 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. މި ޙާދިސާތައް ހިނގާފައިވަނީ ޤައުމީ މިނިވަން ދުވަހުގެ އުފާ ފާޅުކުރުންތައް އެންމެ ފޯރި ގަދަވެގެންދިޔަ ވަގުތުގައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، މިނިވަން ދުވަހުގެ ރަސްމީ ކުލަގަދަ ޙަރަކާތްތައް ފެށި، މެންދަމު 12:00 ޖެހުމާއެކު، ފުލުހުންގެ ފަރާތުން ރައްކާތެރިވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއި ދިން އިންޒާރުތަކާ ޚިލާފަށް ސިޓީގެ އެކި ހިސާބުތަކުން ބަޑިޖަހައި އުފާފާޅުކުރަން ފެށިއެވެ. މިގޮތުން ނޭނގޭ ފަރާތަކުން ޖެހި ބަޑިއެއްގެ އުންޑައެއް އަމާޒުވުމުގެ ސަބަބުން އަންހެނަކު ވަނީ ވަގުތުން މަރުވެފައެވެ.

މި ޙާދިސާތަކާ ގުޅިގެން ރެސްކިއު އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި، އުޑަށް ދޫކޮށްލާ ފޯރިގަދަ ބަޑީގެ ހަމަލާތަކުގެ ތެރެއިން ނޭނގޭ މިސްރާބަކުން އައި އުންޑަތައް އަރައި ޒަޚަމްވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ. މި ޙާދިސާތަކުގައި ޖުމްލަ 70 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާއިރު، އެމީހުންނަށް އަވަސް ފަރުވާ ދިނުމަށްޓަކައި ޖިނާޙް ހޮސްޕިޓަލާއި، ސިވިލް ހޮސްޕިޓަލް އަދި ޢައްބާސީ ޝަހީދު ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

ޤައުމީ ފެންވަރުގައި ކުލަގަދަކޮށް ފާހަގަކުރަމުންދާ މިނިވަން ދުވަހެއްގެ އުފާވެރިކަމުގައި ކޮންމެ އަހަރަކު ބަޑިން އެތައް ބަޔަކު މަރުވެ ޒަޚަމްވެއެވެ.

ހިއްސާ ކުރައްވާ!