2047އަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ހަތް ދާއިރާއަކުން އިސްލާހީ ބަދަލުތައް: މޯދީ

އިންޑިއާގެ 80 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބު ކުރައްވަމުން، 2047 ވަނަ އަހަރާ ހަމައަށް އެ ގައުމަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށްޓަކައި ހަތް ދާއިރާއަކުން ޚާއްސަ އިސްލާހީ ބަދަލުތަކެއް ގެނައުމުގެ ސިޔާސަތު "ސަޕްތަ ދާރާ" ނުވަތަ ހަތް ތަނބުގެ ނަމުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާނު ކުރައްވައިފިއެވެ. އަދި ހަތިޔާރުއެޅި ނަކްސަލައިޓުންގެ ނުރައްކާ ކުޑަކުރެވުނު ނަމަވެސް، ފިކުރީ ގޮތުން ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރާ "ވާާތުފިޔާއިގެ ނަކްސަލުން" ނުވަތަ ފިކުރީ ހައްދުފަހަނައެޅުންތެރިން ފާހަގަކޮށް، އެފަދަ ފަރާތްތައް އެކަހެރިކުރުމަށް މޯދީ ވަނީ ގޮވާލައްވާފައެވެ.

ދިއްލީގެ ތާރީޚީ ރެޑް ފޯޓުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ، ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި ހަތިޔާރުއެޅި މާއޯއިސްޓް އަދި ނަކްސަލް ހަރަކާތްތައް ވަރަށް ބޮޑަށް މަޑުޖައްސާލެވިފައިވާ ކަމަށެވެ. ނަމަވެސް، ސަރުކާރުގެ އިދާރާތަކާއި ތައުލީމީ އަދި އިޖުތިމާއީ ނިޒާމުތަކުގެ ތެރެއަށް ވަދެ، ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރާ ފިކުރީ ހައްދުފަހަނައެޅުންތެރިންގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށް ފާހަގަކުރެއްވިއެވެ.

"ޖަންގަލިތަކުގައި ހަތިޔާރުއެޅި ނަކްސަލުން ބަލިކުރެވުނު ނަމަވެސް، 'ފިކުރީ ނަކްސަލުން' އަދިވެސް ތިބީ ފުރުސަތަކަށް ބަލަބަލައި،" ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ. "މިފަދަ ފިކުރުތަކުގެ މީހުން ފާހަގަކޮށް، މުޖުތަމައުން އެކަހެރިކުރަންޖެހޭ. އަދި ގައުމު ބިނާކުރުމުގެ މަސައްކަތުގައި ޒުވާނުން އެކީގައި ބައިވެރިކުރަންޖެހޭ." ނެ ކަމަށެވެ

އިންޑިއާގެ އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް އެކުލަވާލާފައިވާ "ވިކްސިތު ބާރަތު 2047″ ތަރައްގީވެފައިވާ އިންޑިއާ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި މޯދީ ވަނީ "ސަޕްތަ ދާރާ" ނުވަތަ އިގުތިސާދާއި އުފެއްދުންތެރިކަމުގެ ހަތް ތަނބު އިއުލާނު ކުރައްވާފައެވެ. އެ ދާއިރާތަކުގެ ތެރޭގައި އުފެއްދުންތެރިކަން އިތުރުކުރުމާއި، ދަނޑުވެރިކަމާއި ކާބޯތަކެތި ބަންދުކުރުމުގެ ސިނާއަތް، ޓެކްނޮލޮޖީއާއި އީޖާދު، ވަސީލަތްތައް ގުޅުވާލުން، ދިފާއީ އުފެއްދުންތެރިކަން، ތިމާވެއްޓާ ރައްޓެހި އިގުތިސާދު، އަދި އިންޑިއާގެ ސަގާފީ ބާރު ވަރުގަދަކުރުން ހިމެނެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް އަހަރުގެ ތެރޭގައި 10 މިލިއަން ޒުވާނުންނަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާއިން ތަމްރީނު ދިނުމުގެ ބޮޑު މަޝްރޫއެއް އިއުލާނު ކުރެއްވިއެވެ. އަދި ވަޒީފާއާއި މަތީ ތައުލީމުގެ އިމްތިހާނުތަކަށް ތައްޔާރުވާ ދަށް އަދި މެދުފަންތީގެ އާއިލާތަކުގެ ދަރިވަރުންނަށް އޮންލައިންކޮށް ހިލޭ ކޯޗިން ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޓެކްނޮލޮޖީގެ ދާއިރާއިން އިންޑިއާގެ އަމިއްލަ ބާރުވެރިކަން އިތުރުކުރުމަށްޓަކައި، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ސެމީކޮންޑަކްޓަރު އުފައްދާ ކާރުޚާނާތައް އަލަށް ހުޅުވިގެންދާނެ ކަމަށް މޯދީ ވިދާޅުވިއެވެ. އަދި ސާފު ހަކަތައަށް ކުރެވޭ މަސައްކަތުގެ ދަށުން 2047 ވަނަ އަހަރާ ހަމައަށް ނިއުކްލިއާ ހަކަތައިގެ އުފެއްދުންތެރިކަން 100 ޖިގާވޮޓަށް އިތުރުކުރުމުގެ އަމާޒުވެސް ވަނީ ހާމަކުރައްވާފައެވެ.

ގައުމީ ސަލާމަތާއި މަދަނީ ރައްކާތެރިކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޒަމާނީ ގޮންޖެހުންތަކުން ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ޒަމާނީ ވަސީލަތްތަކާއެކު "ސިވިލް ޑިފެންސް" ވޮލަންޓިއަރުންގެ ނިއުކްލިއަސް ނެޓްވޯކެއް އެކުލަވާލައްވާނެ ކަމަށް މޯދީ ހާމަކުރެއްވިއެވެ. އަދި އޮލިމްޕިކްސް ފަދަ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކަށް ތައްޔާރުވުމުގެ ގޮތުން 5 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ހުނަރުވެރިން ހޯދުމުގެ ގައުމީ ހަރަކާތެއް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!