ސެޕްޓެމްބަރު 11، 2001 ގެ ހަމަލާތަކަށްފަހު، އެ ގައުމުން މުސްލިމުންނާ ދެކޮޅަށް ފެށި ޓެރަރިޒަމާ ދެކޮޅު ހަނގުރާމައަށް ބޮޑެތި ޚަރަދުތަކެއް ކުރެވި، ސިޔާސީ އަދި އަސްކަރީ ގޮތުން ނުހަނު ބޮޑެތި ގޯސްތަކެއް ހެދިފައިވާ ކަމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ފާހަގަކޮށްފިއެވެ.
ފޮރިން އެފެއާޒް މަޖައްލާގައި ދިރާސާކުރާ ފިލިޕް ގޯޑަން ޝާއިއުކުރެއްވި ތަހުލީލީ ދިރާސާއެއް ގައި ބަޔާންކުރައްވާފައިވާ ގޮތުގައި، 9/11 ގެ ހަމަލާތަކަށްފަހު އެމެރިކާއިން މުސްލިމުންނާ ދެކޮޅަށް އެކުލަވާލި ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަމާޒަކަށްވީ މެދުއިރުމަތީގެ ސިޔާސީ މަސްރަހު އަލުން ބައްޓަންކުރުމެވެ. ނަމަވެސް، މި އަމާޒަށް ވާސިލު ވުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އުފެދުނު ނަތީޖާއަކީ ބޮޑެތި މާލީ ގެއްލުންތަކާއި އިންސާނީ ކަރިސާތަކެކެވެ.
6 ޓްރިލިއަން ޑޮލަރުގެ ބޮޑު ޚަރަދެއް
މި ހަނގުރާމައިގެ މާލީ ހިސާބުތަކަށް ބަލާއިރު، އިރާގާއި އަފްޣާނިސްތާނުގައި ކުރިއަށްގެންދިޔަ އަސްކަރީ އުދުވާނީ ހަރަކާތްތަކަށް އެކަނިވެސް މަދުވެގެން 4 ޓްރިލިއަން އެމެރިކާ ޑޮލަރު ވަނީ ޚަރަދުވެފައެވެ. އަދި ހަނގުރާމައިގައި ބައިވެރިވި ސިފައިންގެ އިނާޔަތްތަކާއި ޕެންޝަން ފައިސާ ހިސާބުކުރުމުން މި އަދަދު 6 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައެވެ.
އިންސާނީ ފުރާނައިގެ ގެއްލުމަށް ބަލާއިރު، އެމެރިކާގެ 7،000 އަށްވުރެ ގިނަ ސިފައިންނާއި، އެތައް ހާސް ކުލީ ސިފައިންނެއް ވަނީ މަރުވެފައެވެ. މީގެ އިތުރުން އިރާގާއި އަފްޣާނިސްތާނުގެ މިލިއަނުން ގުނާލެވޭހާ އާންމު ރައްޔިތުން ވަނީ މި ހަނގުރާމައިގެ ތެރޭގައި ޝަހީދު ކޮށްފައެވެ.
އިރާގަށް އަތްގަދަކުރުން: އެންމެ ބޮޑު ސިޔާސީ ގޯސް
ތަހުލީލުކުރާ ފަރާތްތަކުން އިއްތިފާގުވާ ގޮތުގައި، މި ހަނގުރާމައިގެ ތެރޭގައި އެމެރިކާއަށް ހެދުނު އެންމެ ބޮޑު ގޯސަކީ 2003 ވަނަ އަހަރު އިރާގަށް ސިފައިން ފޮނުވައި އެ ގައުމުގެ ސަރުކާރު ވައްޓާލުމެވެ. 9/11 ގެ ހަމަލާތަކާ އިރާގުގެ ސައްދާމް ހުސައިންގެ ސަރުކާރާ އެއްވެސް ގުޅުމެއް ނެތްކަން ސާބިތުވެފައިވަނިކޮށް، އިރާގަށް އަތްގަދަކުރުމުގެ ނަތީޖާއަކަށްވީ އެ ގައުމުގެ ސިފައިންގެ އުވާލެވި، ސަރަހައްދީ ހަމަނުޖެހުން ބޮޑުވެގެން ދިއުމެވެ.
މި ހުސްކަމުގެ ތެރެއިން އެމެރިކާއިން އުފެއްދި އައިއެސް ފަދަ ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކަށް ފުރުސަތު ތަނަވަސްވެ، މުޅި މެދުއިރުމައްޗަށް އޭގެ ނޭދެވޭ އަސަރު ފޯރައިގެން ދިޔައެވެ. އަލްގާއިދާގެ ޒައީމް އުސާމާ ބިން ލާދިން މަރާލުމާއި އައިއެސްގެ ބާރުތައް ހީނަރުކޮށްލެވުނު ނަމަވެސް، އެކަން ހާސިލުކުރެވުނީ އިންތިހާއަށް ބޮޑު އަގެއް ދައްކައިގެންނެވެ.
ސިޔާސަތަށް އަންނަމުންދާ ބަދަލުތައް
އެމެރިކާގެ ނާލާއިގް ރައީސް ޖޯޖް ބުޝްގެ ރިއާސަތުގައި ފެށި މި ހަނގުރާމަ، ބާރާކް އޮބާމާގެ ދައުރުގައި އަފްޣާނިސްތާނަށް އިތުރު ސިފައިން ފޮނުވައިގެން ފުޅާކުރެވުނެވެ. ނަމަވެސް، ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައާއި ޖޯ ބައިޑަންގެ ރިއާސަތުގައި އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭރުކުރުމަށް ނިންމި ނިންމުމާއެކު، މި ހަނގުރާމައިގެ ސަފުހާ ވަނީ ބަންދުވާން ފަށާފައެވެ.
މިހާރު އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ އިސްކަންދޭ ކަންކަން ބަދަލުވެ، ބޮޑެތި ބާރުތަކުގެ މެދުގައި އޮންނަ ވާދަވެރިކަމަށް ސަމާލުކަން ދެވޭއިރު، ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރައި، ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމަށް އޮތް އިތުބާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.




