ކްރިމިނަލް ކޯޓުގެ ރައީސާއަށް އެމެރިކާއިން އެޅި ފިޔަވަޅަށް ޖަޕާނުގެ ނުރުހުން

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ ރައީސާ، ޖަޕާނުގެ ގާޒީ ތޮމޯކޯ އަކާނޭ އާއި އެ ކޯޓުގެ ނައިބު ޕްރޮސެކިއުޓަރު އަބްދުالله ސީއާ ދެކޮޅަށް އެމެރިކާގެ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ. މިއީ ބައިނަލްއަގުވާމީ ކޯޓެއްގެ އެންމެ އިސްވެރިޔާއާ ދެކޮޅަށް އެމެރިކާއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރެއްވި އެގްޒެކެޓިވް އޯޑަރެއްގެ ދަށުން އަޅާފައިވާ މި ފިޔަވަޅުތަކުގެ ތެރޭގައި، އަކާނޭ އާއި އަބްދުالله ސީގެ އެމެރިކާގައިވާ އެންމެހައި މާލީ އެސެޓްތަކާއި ފައިސާ ފްރީޒްކުރުމާއި، އެމެރިކާގެ މާލީ ނިޒާމުގެ ތެރެއިން އެ ދެ ބޭފުޅުންނާއެކު އެއްވެސް ވިޔަފާރިއެއް ނުވަތަ މާލީ މުއާމަލާތެއް ކުރުން މަނާކުރުން ހިމެނެއެވެ.

މި ނިންމުމާ ގުޅިގެން އެމެރިކާގެ ބައިވެރިއެއް ކަމަށްވާ ޖަޕާނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޖަޕާނުގެ ހާރިޖީއްޔާން ނެރުނު ބަޔާނެއްގައި، އެމެރިކާގެ މި ފިޔަވަޅަކީ "ވަރަށް ހިތާމަހުރި" ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. އަދި ބައިނަލްއަގުވާމީ ނުރައްކާތެރި ކުށްތައް ކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި ގާނޫނުގެ ހުކޫމަތު ނަގަހައްޓަން އައިސީސީއިން ކުރާ މަސައްކަތްތަކަށް ޖަޕާނުން އަބަދުވެސް އެއްބާރުލުން ދޭނެކަމަށް އެ ބަޔާނުގައިވެއެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ މި ފިޔަވަޅުތައް ދިފާއުކުރައްވަމުން ވިދާޅުވީ، އައިސީސީއަކީ "ފާސިދު އަދި ސިޔާސީވެފައިވާ" އިދާރާއެއް ކަމަށެވެ. އަދި އެމެރިކާއާއި އެމެރިކާއާ އެއްގޮތަށް އަމަލު ބަހައްޓާ ގައުމުތަކުގެ އިހުތިސާސް ނުނަގާ ގައުމުތަކުގެ އިސްވެރިންނާ ދެކޮޅަށް އައިސީސީއިން ފިޔަވަޅު އެޅުމަކީ ގައުމުތަކުގެ ސިޔާދަތަށް އަރައިގަތުން ކަމަށް ރޫބިއޯ ވިދާޅުވިއެވެ.

މި ފިޔަވަޅުތައް އައިސްފައިވަނީ އިސްރާއީލުގެ ޖެނޮސައިޑް މޭސްތިރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރު ނެރުނު މައްސަލައާ ގުޅިގެންނެވެ.

އައިސީސީއިން ވަނީ އެމެރިކާގެ މި ފިޔަވަޅުތައް ކުށްވެރިކޮށް، މިއީ ބައިނަލްއަގުވާމީ އިންސާފާއި ކޯޓުގެ މިނިވަންކަމަށް ދެވޭ ސީދާ ހަމަލާއެއް ކަމަށް ބުނެފައެވެ. އަދި މިފަދަ އިންޒާރުތަކުގެ ސަބަބުން ކޯޓުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށް އައިސީސީއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކޯޓު ގާއިމުވެފައިވާ ނެދަލެންޑްސްގެ ހާރިޖީ ވަޒީރު ތޮމް ބާންޑްސެންވެސް ވަނީ އެމެރިކާގެ ފިޔަވަޅާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި، ބައިނަލްއަގުވާމީ ކޯޓުތަކަށް ސިޔާސީ ނުފޫޒުން އެއްކިބާވެތިބެ މަސައްކަތްކުރުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އެމެރިކާގެ މި ނިންމުމަށް މަރުހަބާ ކިޔައި، ރޫބިއޯގެ "ހިތްވަރުގަދަ ނިންމެވުމަށް" ސާބަސް ދެއްވާފައެވެ.

2002 ވަނަ އަހަރު އުފެއްދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަކީ  ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތައް ބަލާ ބައިނަލްއަގުވާމީ އެންމެ ފަހުގެ މަރުހަލާގެ ކޯޓެވެ. ނަމަވެސް އެމެރިކާ، ރަޝިޔާ އަދި އިސްރާއީލަކީ މި ކޯޓުގެ އިހުތިސާސް ގަބޫލުކުރާ ގައުމުތަކެއް ނޫނެވެ.

ހިއްސާ ކުރައްވާ!