އެމެރިކާގެ އިންޑިއާނާ ސްޓޭޓްގެ "ފޮކްސް ހޯލޯ ފާމް" ސަރަހައްދުން އިންސާނުންގެ އެތައް ހާސް މިނި ކަށިތަކެއް ފެނުނު ހާދިސާއަށް 30 އަހަރު ފުރެން ކައިރިވެފައިވަނިކޮށް، އަލުްނ އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. މިއީ މަޝްހޫރު ސިރިއަލް ކިލަރ ހާބް ބޯމެއިސްޓަރގެ މައްސަލައިގައި އަދިވެސް ނުހޯދި ހުރި ސިއްރުތައް ހާމަކުރުމުގެ މަސައްކަތް ކަމަށް އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
މި މައްސަލައިގެ ތަހުގީގު އިސްކޮށް ބަލަހައްޓަވާ މަސްއޫލުވެރިން ހާމަކުރެއްވި ގޮތުގައި، މި މައްސަލައިގައި މުހިންމު މައުލޫމާތުތަކެއް ހުރި ކަމަށް ބެލެވޭ މާކް ގުޑްޔާ ނަމަކަށް ކިޔާ މީހަކު ވަނީ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ނުދީ، މައުލޫމާތުތައް ފޮރުވާފައެވެ. އަދި އޭނާ ތެދުބަހުން ވާހަކަދައްކަން ތައްޔާރުވާންދެން ފުލުހުން މިކަމުގައ ކުރިއަށް ދާނެއެވެ.
މި މައްސަލައާ ގުޅޭގޮތުން އަލަށް ނެރުނު ޑޮކިއުމެންޓްރީ "ރިޓަރން ޓު ފޮކްސް ހޯލޯ: ނިއު ވިކްޓިމްސް، ޑާކަރ ސީކްރެޓްސް" ގައި، ބޯމެއިސްޓަރގެ އިތުރުން މީހުން މެރުމުގައި އެހީތެރިވި އިތުރު ބަޔަކު އުޅޭނެ ކަމަށް ބެލެވޭ ތިއަރީތަކާއި، ކުރިން އިންކާރުކޮށްފައިވާ ހެކިތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
18 އޭކަރުގެ ބޮޑު ގޯތިތެރެއިން އެކި ވަރުގެ 10،000 އަށްވުރެ ގިނަ މިނި ކަށިތައް ފެނިފައިވާއިރު، އޭގެ ތެރެއިން 9،000 ކަށީގެ ޑީއެންއޭ ތަހުގީގުކޮށް އަދިވެސް ތަހުލީލު ކުރެވިފައެއް ނުވެއެވެ. ތަހުގީގު ކުރާ ފަރާތްތަކުން އަންދާސާ ކުރާ ގޮތުގައި ބޯމެއިސްޓަރގެ ޝިކާރައަކަށްވެ މަދުވެގެން 25 މީހުން މަރުވެފައިވެއެވެ.
ފުލުހުން ބުނާ ގޮތުގައި ކަށިތައް ފެނުނު ގޮތާއި އެތަކެތި އުކާލާފައި ހުރި ސަރަހައްދުތަކަށް ބަލާއިރު، އެކަނި އެންމެ މީހަކަށް އެވަރުގެ ބޮޑު ޖަރީމާއެއް ހިންގުމަކީ ނާދިރު ކަމެކެވެ. އެގޮތުން ވަކިވަކި ހަށިގަނޑުތައް ގޭގެ ތެރެއިން ނެރެގެން، 200 ވަރަކަށް ޔާޑު ދުރުގައި އޮންނަ ވަޅަކަށް އުކާލުމުގައި އިތުރު ބައެއްގެ އެހީތެރިކަން ލިބިފައިވާކަމުގެ ވަރުގަދަ ނިޝާންތަކެއް ހުރިކަމަށް ބަލައެވެ.
މި ހާދިސާގެ ފެށުމަކީ 1994 ވަނަ އަހަރު ބޯމެއިސްޓަރގެ ދަރިފުޅަށް އެމީހުންގެ ގޭގެ ވަލުތެރެއިން އިންސާނެއްގެ ބޮލުގެ ނާށި ގަނޑެއް ފެނިގެން ރިޕޯޓު ކުރި ހާދިސާއަށް ފަހު އާންމުވި މައްސަލައެކެވެ. ނަމަވެސް ފުލުހުން އެ ތަން މުޅިން ބަލައި ފާސްކުރަން ފެށީ 1996 ވަނަ އަހަރުގެ ޖޫން މަހުއެވެ.
ފުލުހުންނަށް މުޖުރިމު އަތުލައިގަނެވުމުގެ ކުރިން، އުމުރުން 49 އަހަރުގެ ބޯމެއިސްޓަރ ވަނީ ކެނެޑާގެ އޮންޓޭރިއޯއަށް ގޮސް އަމިއްލައަށް ބޮލަށް ބަޑިޖަހައި މަރުވެފައެވެ.
ތަހުގީގުތަކުން އެނގޭ ގޮތުގައި، ބޯމެއިސްޓަރ ވަނީ އޭނާގެ އާއިލާ ގޭގައި ނޫޅޭ ވަގުތުތަކުގައި އިންޑިއާނާޕޮލިސްގެ ކްލަބްތަކުން ފިރިހެނުން ގޭގެއަށް ގެންގޮސް ރޭޕްކޮށް، މެރުމަށްފަހު އެމީހުންގެ ހަށިގަނޑުތައް އުކާލާފައެވެ.
މިހާރު ތަހުގީގު ކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަރުވި މީހުންނަކީ ކާކުކަން ދެނެގަތުމެވެ. ގިނަ އަހަރުތަކެއް ވެފައިވުމުގެ ސަބަބުން، މަރުވި މީހުންގެ މައިންބަފައިން ވެސް ދުނިޔޭގައި ނެތުމުގެ ފުރުސަތު ބޮޑުވުމުން، މިހާރު ތަހުގީގު ކުރިއަށް ދަނީ އެމީހުންގެ ދުރު ތިމާގެ މީހުންގެ ޑީއެންއޭ ސާމްޕަލް ބޭނުންކޮށްގެންނެވެ.






