ދުނިޔޭގެ އެންމެ ބޮޑު މީސްމީޑިއާ ކުންފުނި ކަމަށްވާ މެޓާގެ ސީއީއޯ މާކް ޒަކަބާގް، އަޔަލެންޑުގެ ތާރީޚީ އަދި ޤަދީމީ ކިއްލާއެއްގައިވާ "ސްޓްރޭންކެލީ ކާސަލް" ގަނެފިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ތާރީޚީ ކިއްލާގެ އަގު ގާތްގަނޑަކަށް 35 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އަންދާސާ ކުރެވެއެވެ. ނަމަވެސް، ޒަކަބާގް މި ތަން ގަތް އަގު އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ޒަކަބާގް ގަނެފައިވާ މި ބޮޑު މި ކިއްލާއަކީ 178 ހެކްޓަރުގެ ބިމެކެވެ. އެއީ ގާތްގަނޑަކަށް 1.78 އަކަކިލޯމީޓަރުގެ ސަރަހައްދަކަށެވެ.
ރާއްޖޭގެ ވެރިކަންކުރާ މާލޭގެ މުޅި ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 1.95 އަކަކިލޯމީޓަރެވެ. އެހެންކަމުން، މި ކިއްލާ ހިމެނޭ މުޅި ބިމުގެ ބޮޑުމިނަކީ މާލެ ނުވަތަ ހުޅުމާލޭގެ ފޭސް އެކެއްގެ ބިމުގެ ސަރަހައްދާ ގާތްގަނޑަކަށް އެއްވަރުގެ ބޮޑު ސަރަހައްދެކެވެ.



މި ކިއްލާއަކީ 16 ވަނަ ޤަރުނުގެ ކުރީކޮޅަށް ނިސްބަތްވާ ތާރީޚީ ވާހަކަތަކެއް އެކުލެވޭ ތަނެކެވެ.
މި ކިއްލާ އެންމެ ފުރަތަމަ ބިނާކުރީ 1540 ގެ އަހަރުތަކުގައި އާރލް އޮފް ޑެސްމަންޑްގެ އާއިލާއިންނެވެ. ތާރީޚީ ރިޕޯޓްތައް ބުނާ ގޮތުގައި އެ އާއިލާއިން ކިއްލާގެ ތިރީގައިވާ ސިއްރު މަގުތކާއި ކޯރުތައް ބޭނުންކޮށްގެން، އެތަނަށް ޒިޔާރަތްކުރާ މެހުމާނުން މަރާލައި ކޯރަށް އެއްލައި ހެދިކަމުގެ ބިރުވެރި ވާހަކަތައް ތާރީޚުގައި މަޝްހޫރެވެ.
1579 ގައި ޑެސްމަންޑް އިންގިލާބަށް ފަހު އިނގިރޭސި ޝާހީ އާއިލާއިން މި ކިއްލާ އަތުލައި، މަޝްހޫރު އެކްސްޕްލޯރާ ސަރ ވޯލްޓަރ ރޭލީ އަށް ހަދިޔާއަކަށް ދިނެވެ.
19 ވަނަ ޤަރުނުގެ ތެރޭގައި މި ކިއްލާ ގަތް ޖޯން ކެރީ ކޯޕާ ވަނީ މިހާރު ފެންނަން ހުރި ގޮތަށް ގޮތިކް މޭސްތިރިކަމާ އެއްގޮތަށް ކިއްލާ އަލުން ބިނާ ކޮށްފައެވެ. އޭގެފަހުން އެކި ދުވަސްވަރު ލޮއިޑް އާއިލާއާއި އަދި 20 ވަނަ ޤަރުނުގެ ތެރޭގައި ސްޕެއާ އާއިލާއިން މި ކިއްލާގެ މިލްކުވެރިކަން ބެލެހެއްޓިއެވެ.
މި ތާރީޚީ ބިމަކީ ގުދުރަތީ ރީތިކަމާއި، ކޯރުތަކާއި، ވަލުތަކާއި އަދި އަމިއްލަ ގޯތިތައް އެކުލެވޭ ހިސާބަކަށްވުމާއެކު، ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ސަމާލުކަން އެތަނަށް ވަނީ ހުއްޓިފައެވެ.







