ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ފަތުރުވެރިންގެ އަޚްލާޤާއި އުޅުމަށް ބަލައި ތައްޔާރުކޮށްފައިވާ ބައިނަލްއަޤްވާމީ ދިރާސާއަކުން، ދުނިޔޭގައި އެންމެ އަޚްލާޤު ރަނގަޅު އަދި އާދަކާދައަށް ހުރުމަތްތެރިކޮށް ހިތާ ފަތުރުވެރިންނަކީ ޖަޕާނުގެ ރައްޔިތުން ކަން ހާމަވެއްޖެއެވެ. "ސަފާރީ ބުކިންގްސް" ޕްލެޓްފޯމުން އެފްރިކާގެ ސަފާރީ އޮޕަރޭޓަރުންގެ 192 ފަރާތެއްގެ މައުލޫމާތަށް ބިނާކޮށް ކުރިއަށްގެންދިޔަ މި ދިރާސާގައި، އެންމެ އުޅުން ރަނގަޅު ފަތުރުވެރިންގެ ލިސްޓުގެ އެއްވަނަ ޖަޕާނަށް ލިބުނީ 21.1 އިންސައްތައިގެ ވޯޓާއެކުގައެވެ. މީގެ އިތުރުން ނޯވޭ އަދި ސްވިޒަރލޭންޑުގެ ފަތުރުވެރިން ވަނީ ލިސްޓުގެ ކުރީގެ ވަނަތަކުން ޖާގަ ހޯދާފައެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި، ދަތުރުފަތުރުގެ ތެރޭގައި އެންމެ ގިނައިން ޚަރަދުކުރާ އަދި ޚިދުމަތްދޭ ފަރާތްތަކަށް އެންމެ ގިނައިން ޓިޕް ދޭ ފަރާތްތަކަކީ އެމެރިކާގެ ފަތުރުވެރިންނެވެ. އެމެރިކާގެ ދަތުރުވެރިން ވަނީ ޓިޕް ދިނުމުގެ ބައިން 29.5 އިންސައްތައިގެ ތާއީދާއެކު ކުރި ހޯދާފައެވެ.
ޖަރުމަނާއި ކެނެޑާގެ ފަތުރުވެރިންވެސް ގިނަ އަދަދަކަށް ޚަރަދުކުރާ ފަރާތްތަކުގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން ޖަރުމަނުގެ ދަތުރުވެރިންނަކީ ތަފާތު ހަރަކާތްތަކާއި އެޑްވެންޗަރ ހަރަކާތްތަކަށް އެންމެ ޝައުޤުވެރިކަން ހުންނަ ފަރާތްތަކެވެ.
އަނެއްކޮޅުން، މި ދިރާސާގައި އަޚްލާޤީ ގޮތުން އެންމެ ދަށްކޮށް މާކްސް ލިބި، ލިސްޓުގެ އެންމެ ފަހަތަށް ގޮސްފައިވަނީ އިޓަލީގެ ފަތުރުވެރިންނެވެ. އިޓަލީގެ ފަތުރުވެރިންނަށް ލިބިފައިވަނީ އެންމެ 1.3 އިންސައްތައިގެ ވޯޓެވެ. މީގެ އިތުރުން، ކާބޯތަކެއްޗަށް އެންމެ ލޯބިކުރާ އަދި ތަފާތު ރަހަތައް ހޯދުމަށް އިސްކަންދޭ ފަތުރުވެރިންގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އިންޑިއާ، ޖަޕާން އަދި ޗައިނާގެ ފަތުރުވެރިންނެވެ.



