ރަޝިޔާގެ ރައީސް ޕޫޓިން، ޖަރުމަނުވިލާތުން ފަތުރަމުންދާ ތުހުމަތުތަކަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. ކިރްގިޒިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޕޫޓިން ވަނީ، ލިޕްޒިގްގައި ހިނގި ޑްރޯން ހާދިސާއާ ގުޅުވައިގެން ރަޝިޔާއާ ދެކޮޅަށް ޖަރުމަނުން ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް، ހަދައިގެން އުފައްދާފައިވާ ދޮގު ހެކިތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ކަންކަން ކަމަށް ސިފަކުރައްވާފައެވެ. އަދި އެފަދަ ތުހުމަތުތައް ކުރާއިރު ސާބިތުކުރެވޭނެ އެކަށީގެންވާ ހެކި ކޮބައިތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
މި ހާދިސާއާ ގުޅިގެން ޖަރުމަނުގެ ލީޑަރު ފްރީޑްރިކް މާރޓްޒް ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވައި ޕޫޓިން ވިދާޅުވީ، ޖަރުމަނުގެ ސިޔާސީ ވެރިން މަސައްކަތް ކުރައްވަނީ ޙަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރައިގެން އާންމުންގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުމަށް ކަމަށެވެ. ޔުރަޕުގެ ޤައުމުތަކުން ރަޝިޔާއާ ދެކޮޅަށް ކުރިއަށްގެންދާ ސިޔާސީ އަދި އިޤްތިޞާދީ ފިއަވަޅުތަކުގެ ސަބަބުން އެ ޤައުމުތަކުގެ އެތެރޭގެ މަސްރަޙަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށާއި، އެކަން ފޮރުވުމަށްޓަކައި ރަޝިޔާ ބަދުނާމުކުރުމުގެ އުކުޅުތައް ބޭނުންކުރަމުންދާ ކަމަށް ޕޫޓިން ތުހުމަތު ކުރެއްވިއެވެ.
މި މައްސަލައަކީ ޖަރުމަނުގެ ލިޕްޒިގް އެއާޕޯޓަށް ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯނަކުން ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތު ރަޝިޔާގެ މައްޗަށް ކުރުމެވެ. މި ކަމާ ގުޅިގން ރަޝިޔާއަށް ދަތި ކުރުމަށް ފިޔަވަޅު އަޅާނެ ކަމަށް ޖަރުމަނުން ބުނެއެވެ. އަދި ބާލިންއިން އަޅާ ޑިޕްލޮމެޓިކް ފިޔަވަޅުތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކަށް އޭގެ ރައްދުގައި ހަމަހަމަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ރަޝިޔާއިން ވެސް އިއުލާނުކޮށްފިއެވެ. ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިއާ ޒަޚާރޯވާ ބޭރުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޖަރުމަނުގެ ނިންމެވުންތަކަށް ރަޝިޔާއިން އެކަށީގެންވާ ރައްދެއް ދޭނެ ކަމަށެވެ.
މި މައްސަލަ ހޫނުވެފައިވަނީ އޯގަސްޓް 4 ގައި ލައިޕްޒިގް އެއާޕޯޓުގައި އޮތް ޔުކްރޭންގެ ކާގޯ ބޯޓަކަށް އަމާޒުކޮށް ޑްރޯން ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތު ޖަރުމަނު ސަރުކާރުން ރަޝިޔާގެ އިންޓެލިޖެންސް ޚިދުމަތްތަކުގެ މައްޗަށް ކުރުމާ ގުޅިގެންނެވެ. މީގެ ރައްދުގައި ޖަރުމަނުން ވަނީ ބޮން ގައި ހުންނަ ރަޝިޔާގެ ކޮންސިއުލޭޓް ޖެނެރަލް ބަންދުކުރުމަށާއި، ބާލިންގައި ހުންނަ ސަގާފީ މަރުކަޒު "ރަޝިއަން ހައުސް" ގެ އެއްބަސްވުން އުވާލުމުގެ އިތުރުން ރަޝިޔާގެ ރައްޔިތުން އެ ޤައުމަށް އެތެރެވުން ހަރުކަށިކުރަން ނިންމާފައެވެ.
ރަޝިޔާގެ ރައީސް ވްލަދީމީރް ޕޫޓިން ވަނީ ޖަރުމަނުގެ މި ނިންމެވުމަކީ ބޮޑު ގޯހެއް ކަމަށާއި، މިއީ ޖަރުމަނުގެ ރައްޔިތުންގެ މަޞްލަޙަތާ ޚިލާފު ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ބާލިންގައި ހުންނަވާ ރަޝިޔާގެ ސަފީރު ސޭގޭ ނެޗާޔޭވް ވަނީ ޖަރުމަނުގެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް، ޙަޤީޤަތާ ޚިލާފު ތުހުމަތުތަކެއް ކަމަށް ވިދާޅުވެ އެކަން މުޅިން ރައްދުކުރައްވާފައެވެ.






