އީރާނުން ހައިޕަރސޮނިކް މިސައިލް އުފެއްދުމަށް ރަޝިޔާއިން އެހީތެރިވަނީ: ރިޕޯޓް

އަޑަށްވުރެ ބާރަށް ދަތުރު ކުރާ ހައިޕަރސޮނިކް ކްރޫޒް މިސައިލް އުފެއްދުމުގެ ޓެކްނޮލޮޖީ ހޯދުމަށް އީރާނުން ކުރާ މަސައްކަތުގައި ރަޝިޔާއިން ސިއްރު އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފައިނޭންޝަލް ޓައިމްސްގެ ޚާއްޞަ ތަޙުޤީޤީ ރިޕޯޓަކުން ހާމަވެއްޖެއެވެ.

"ސީ430އެލް" ގެ ނަމުގައި އީރާންގައި ކުރިއަށްދާ މި ސިއްރު ޕްރޮގްރާމަކީ ރަޝިޔާގެ އެންމެ ތަޖުރިބާކާރު މިސައިލް އިންޖިނިއަރުން ބޭނުންކޮށްގެން، މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ މަނަވަރުތަކަށް ޙަމަލާދިނުމުގެ ޤާބިލުކަން އީރާނަށް ހޯދައިދިނުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ މޮސްކޯއިން ތެހެރާނަށް އަސްކަރީ ސްޓްރެޓެޖީގެ އެންމެ މަތީ ފެންވަރުގެ ޓެކްނޮލޮޖީ ބަދަލުކުރާ ފުރަތަމަ ފަހަރެވެ.

ލީކުވެފައިވާ ލިޔެކިޔުންތަކާއި ދަތުރުފަތުރުގެ މަޢުލޫމާތުތަކަށް ބަލާއިރު، 2023 ވަނަ އަހަރު ފެށި މި މަޝްރޫޢުގެ ދަށުން ރަޝިޔާގެ ދައުލަތުގެ ހަތިޔާރު ވިއްކާ ކުންފުނި "ރޮސޯބޮރޮންއެކްސްޕޯޓް" އާއި "އެންޕީއޯ މަޝިނޯސްޓްރޯޔެނިއާ" ގުޅިގެން ދަނީ އީރާނުގެ "ރެމްޖެޓް" އިންޖީނު އުފެއްދުމުގެ ޓެކްނޮލޮޖީ ތަރައްޤީކޮށްދެމުންނެވެ.

މި އިންޖީނުގެ ސަބަބުން މިސައިލް އަޑަށްވުރެ އެތައް ގުނައެއް އަވަސްމިނުގައި އަދި ތިރިން ދަތުރުކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ. މީގެ ސަބަބުން އެމެރިކާ އާއި އެކުވެރި ޤައުމުތަކުގެ ދިފާއީ ސިސްޓަމްތަކަށް މިފަދަ މިސައިލްތައް ދެނެގަތުމަށް  ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެއެވެ.

މި ސިއްރު އެހީތެރިކަމަކީ ޔުކްރޭން ހަނގުރާމައަށްފަހު ރަޝިޔާ އާއި އީރާނުގެ ގުޅުން ބަދަހިވަމުންދާކަން ހެކިދޭ ކަމެކެވެ. އީރާނުން ރަޝިޔާއަށް "ޝާހިދު" ޑްރޯން ފޯރުކޮށްދެމުންދާއިރު، ރަޝިޔާގެ ރައީސް ވްލަދިމީރް ޕޫޓިން ވަނީ އީރާނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރަޝިޔާއިން މަސައްކަތްކުރަނީ ޔުކްރޭން ހަނގުރާމައިގެ އިތުރުން މެދުއިރުމަތީގައިވެސް އެމެރިކާގެ އަސްކަރީ ސަމާލުކަން ކަސިޔާރުކޮށް، އެމެރިކާއަށް އާ ގޮންޖެހުންތަކެއް ކުރިމަތިކުރުވުމަށް ކަމަށް ފައިނޭންޝަލް ތައިމްސްގެ ރިޕޯޓުގައި ބުނެއެވެ.

ހިއްސާ ކުރައްވާ!