އެމެރިކާއިން އިރާނަށް ދެމުންދާ ސޮލީބީ ހަމަލާތަކުގެ ތެރެއިން، ސިރިކް ސަރަޙައްދުގައި އޮތް ކައިވެނި ހަފްލާއަކަށް އެމެރިކާ އިން ބޮން އެޅުމުން ކުޑަކުއްޖަކާއެކު ފަސް މީހުން މަރުވެ، 60 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. އިރާނުގެ މީޑިއާއާއި ރެޑް ކްރެސެންޓުން ހާމަކޮށްފައިވާ ގޮތުގައި މި ހަމަލާގައި ޒަޚަމްވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ. އިރާނުގެ ޚާރިޖިއްޔާއިން ވަނީ މިއީ އެމެރިކާއިން ހިންގި ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ސިފަކޮށްފައެވެ. ނަމަވެސް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ އާންމުންނަށް ގަސްދުގައި ހަމަލާނުދޭ ކަމަށް ބުނެ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
އެމެރިކާއިން އެހެން ބުނި ނަމަވެސް އެމެރިކާއަކީ ނިޒާމީ ސިފައެއްގަިއ އިރާގާއި އަފްޣާނިސްތާންގައި އާންމުންނާއި ކައިވެނި ހަފްލާތަކަށް ގަސްތުގައި މީހުން ބިރުގެންނެވުމަށް ހަމަލަ ދިން ކަމުގެ ރެކޯޑް އޮތް ލަޝްކަރެކެވެ.
މި ހަމަލާއާ ގުޅިގެން އިރާނުގެ ސިފައިން ވަނީ އެމެރިކާއަށާއި އެމެރިކާއަށް އެއްބާރުލުންދޭ ޤައުމުތަކަށް ވަރުގަދަ އިންޒާރެއް ދީފައެވެ. އިރާނުން ބުނެފައިވަނީ އެމެރިކާގެ މިފަދަ "އަނިޔާވެރި" އަމަލުތަކަށް ދޭ ރައްދު ކުރިއަށް އޮތް ތަނުގައި މުޅި ސަރަޙައްދަށް ފުޅާވެ، މުޅިން ސާފުވެގެންދާނެ ކަމަށެވެ. އަދި އިރާކުގެ އަރުބީލްގައި ހުންނަ އެމެރިކާގެ ސިފައިންގެ މަރުކަޒުތަކަށް މިސައިލާއި ބޮން ހަރުކޮށްފައިވާ ޑްރޯން ބޭނުންކޮށްގެން މިއަދު ހަވީރު ހަމަލާތަކެއް ދީފައިވާ ކަމަށްވެސް އިރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ބުނެފައެވެ.
އިރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ މި ވަރުގަދަ ކުރިމަތިލުންތަކުގެ ނުފޫޒު މިހާރު ވަނީ ގަލްފުގެ އެހެން ޤައުމުތަކަށްވެސް ފޯރަން ފަށާފައެވެ. އިރާނުން ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރި ސުޢޫދީ އަރަބިއްޔާގެ ތެޔޮ އުޅަންދަަކަށް ހަމަލާދިނުމާ ގުޅިގެން ކުވޭތުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ކުވޭތު ސިޓީގެ އާންމުން ދިރިއުޅޭ އިމާރާތަކަށް އިރާނުގެ ޑްރޯނެއް ވެއްޓި އަލިފާނުގެ ޙާދިސާއެއް ހިނގާފައިވާއިރު، ބަޙްރައިނުން ވަނީ އެ ޤައުމަށް އަމާޒުވި އިރާނުގެ ޑްރޯންތަކެއް ވައިގެ ދިފާއީ ނިޒާމުން ވައްޓާލާފައެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސުކޮޓް ބެސެންޓް ވަނީ އިރާނަށް އެހީތެރިވާ ޤައުމުތަކާއި ކުންފުނިތަކާ ދެކޮޅަށް އިޤްޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ސުޢޫދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ އެ ޤައުމުގައި ތިބި އެމެރިކާގެ ރައްޔިތުން ސަމާލުވެ ތިބުމަށާއި ދަތުރުފަތުރުގެ މަގުތައް ބަންދުވުމުގެ ފުރުޞަތު އޮތްކަމަށް ބުނެ އިންޒާރު ނެރެފައެވެ.







