ދެ ގައުމުގެ ދެމެދުގައި ހުރި ދުރުމިނަށް ބެލިނަމަވެސް، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތީ ނުހަނު ބަދަހި އަދި ގާތް ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޗައިނާގެ 77 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ދެ ގައުމުގެ މެދުގައި އޮތް ގުޅުމަކީ ރާއްޖޭގެ ތަރައްގީއަށް ނުހަނު ބޭނުންތެރި، މުހިންމު ގުޅުމެއް ކަމަށެވެ. އަދި ފާއިތުވި ދިގު މުއްދަތުގައި މި ގުޅުމުގެ ސަބަބުން ދިވެހިރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންގޮސްފައިވާ ކަން ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ދެ ގައުމުގެ ގުޅުން ބިނާވެފައިވަނީ އިހުތިރާމާއި އިތުބާރުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ. "ޗައިނާއާއި ރާއްޖޭގެ ގުޅުމަކީ ހަމައެކަނި ޚާރިޖީ ބަޔާންތަކެއް ނޫން. އެއީ ލޮލަށް ފެންނަން އޮތް، ރައްޔިތުންނަށް ތަޖުރިބާ ކުރެވޭ ގުޅުމެއް. އަޅުގަނޑުމެންގެ ގުޅުމުގެ ވަރުގަދަކަން ހާމަވަނީ ސޮއިކުރާ އެއްބަސްވުންތަކަކުން ނޫން. އެ އެއްބަސްވުންތަކުން ހާސިލުކުރެވޭ ކަންކަމުން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން، ދެ ގައުމުގެ މެދުގައި ގާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އިތުރު ފުރުސަތުތައް ފަހިވަމުންދާ ކަމަށާއި، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއެކު މި ގުޅުން އިތުރު ހަރުފަތަކަށް އަރައިގެން ގޮސްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވަނީ، ޗައިނާގެ ހިލޭ އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއާއި، ވިލިމާލޭގައި ތަރައްގީކުރާ ޒަމާނީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ވިދާޅުވެފައެވެ. ސަފީރު ފާހަގަކުރެއްވި ގޮތުގައި، މި ދެ މަޝްރޫއުގެ ޑިޒައިން މަރުހަލާ ނިމި، ސާވޭތަކުގެ މަސައްކަތް މިހާރު އޮތީ ނިމުމުގެ މަރުހަލާގައެވެ.
ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މާކެޓްކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވީ، މިއަހަރުގެ މިހާތަނަށް އެ ގައުމުން 280،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. މިއީ ދެ ގައުމުގެ މެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ ތަރައްގީގެ ދާއިރާތަކުން ޗައިނާގެ އެހީތެރިކަން ލިބެމުންދާނެ ކަމުގެ ޔަގީންކަން ސަފީރު ވަނީ ދެއްވާފައެވެ.





