އެމެރިކާގެ ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ޓްރަމްޕް އިސްތިހާރުކުރުން ކޯޓުން ހުއްޓުވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޝްތިހާރުކޮށް އޭނާގެ ސިޔާސީ މެސެޖުތައް ފެތުރުމަށް ދައުލަތުގެ ފައިސާއިން ޚަރަދުކޮށްގެން ޓީވީތަކުން ފޮނުވަމުންދިޔަ އިސްތިހާރުތައް ވަގުތުން ހުއްޓާލުމަށް އެމެރިކާގެ ކޯޓަކުން އާދީއްތަ ދުވަހު އަމުރުކޮށްފިއެވެ.

ނިއުޔޯކްގެ ފެޑެރަލް ޑިސްޓްރިކްޓް ޖަޖް ޖެނިފާ އެލް ރޮޗޮން ނެރުއްވި ވަގުތީ އަމުރުގައި، އާދީއްތަ ދުވަހުގެ ރޭ ފޮނުވުމަށް ހަމަޖެހިފައިވާ އިސްތިހާރުތަކާއެކު ސަރުކާރުން ތައްޔާރުކޮށްފައިވާ އެއްވެސް އިޝްތިހާރެއް ސަރުކާރުން ފައިސާ ދީގެން މީޑިއާގައި ދެއްކުން ވަނީ މަނާކޮށްފައެވެ. ކުރިއަށް އޮތް ދެ ހަފުތާގެ މުއްދަތަށް ނެރުނު މި އަމުރުގައި، އެފަދަ އިޝްތިހާރުތައް ތައްޔާރުކުރުމާއި، އުފެއްދުމާއި، ފެތުރުމުގެ އިތުރުން މީޑިއާއަށް ދިނުމާ ގުޅޭ އެއްވެސް އެއްބަސްވުމެއް ހެދުމާއި އާކުރުން ނުވަތަ ފުޅާކުރުންވެސް ސަރުކާރަށް ވަނީ މަނާކޮށްފައެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅީ މިނިވަން ޖަމްއިއްޔާއެއް ކަމަށްވާ "ކޮމަން ކޯޒް" އިންނެވެ. އެ ޖަމްއިއްޔާއިން ކޯޓުގައި ދައުވާކުރި ގޮތުގައި، ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ޓްރަމްޕްގެ ސިޔާސީ އިޝްތިހާރުތައް ދެއްކުމަކީ ގާނޫނާ ޚިލާފަށް ރައްޔިތުންގެ ފައިސާ ނާޖާއިޒު ގޮތުގައި ބޭނުންކުރުމެވެ.

މި އިސްތިހާރުތަކަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން 20 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާކަން ވަނީ ހާމަވެފައެވެ. މިއީ ޓްރަމްޕްގެ އިމިގްރޭޝަން ގާނޫނުތައް ތަންފީޒުކުރުމުގެ އެޖެންޑާގެ ދަށުން ކޮންގްރެސްއިން އެ ޑިޕާޓްމަންޓަށް ދޫކުރި 175 މިލިއަން ޑޮލަރުގެ ބަޖެޓުގެ ތެރެއިން ބޭނުންކުރި ފައިސާއެކެވެ.

މި މައްސަލައިގައި އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހޮނިހިރު ދުވަހުގެ ރޭ ކޯޓަށް ހުށަހެޅި ލިޔެކިއުންތަކުގައި ބުނެފައިވަނީ، ޝަކުވާ ހުށަހަޅާފައިވާ ކަންތައްތައް ކުރިއަށް އޮތް ދުވަހު ނިމުމަކަށް އަންނާނެތީ ވަގުތީ އަމުރެއް ނެރުން ބޭނުންތެރި ނޫން ކަމަށެވެ. އަދި ވައިޓް ހައުސްއިން ވަނީ މި އިޝްތިހާރުތަކަކީ ކުރީގެ ސަރުކާރުތަކުންވެސް ސިޔާސަތުތައް އިޝްތިހާރުކުރަން ބޭނުންކުރާ ފަދަ އާންމު ހޭލުންތެރިކަމުގެ ނަމުގައި ހިންގާ ކަމެއް ކަމަށް ބުނެ ދިފާއުވެފައެވެ.

ނަމަވެސް، މީގެ ކުރިން ބޭނުންކުރި އާންމު ހޭލުންތެރިކަމުގެ އިޝްތިހާރުތަކާ ޚިލާފަށް، ތްރަމްޕް އިޝްތިހާރު ކުރުމުގެ މައިގަނޑު މަގުސަދަކީ ޕްރޮޕެގެންޑާ ކުރުން ކަމަށާއި އެއީ ޚިދުމަތްތަކަށް މަގުފަހިކޮށްދިނުން ނޫންކަން ފާހަގަ ކޮށްފައި ވެއެވެ.

ހިއްސާ ކުރައްވާ!