އިނގިރޭސިވިލާތް އީޔޫއިން ވަކިވި ރެފަރެންޑަމަށް ރަޝިޔާއިން ނުފޫޒު ފޯރުވި: ބޮޑުވަޒީރު އެންޑީ ބާނަމް

2016 ވަނަ އަހަރު އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމަށް ނެގި "ބްރެކްސިޓް" ރެފަރެންޑަމު އޮޅުވާލުމަށް ރަޝިޔާއިން ސީދާ ނުފޫޒު ފޯރުވާފައިވާ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބާނަމް ވިދާޅުވެއްޖެއެވެ. އަދި ފްރާންސާއި ޖަރުމަނުވިލާތުގެ ސިޔާސީ މަސްރަހަށް ނުފޫޒު ފޯރުވުމަށް މޮސްކޯއިން ކުރަމުންދާ މަސައްކަތްތަކާމެދު އެ ގައުމުތަކުގެ ވޯޓުލާ އާންމު ރައްޔިތުން ސަމާލުވުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

"ދީ ރެސްޓް އިޒް ޕޮލިޓިކްސް" ޕޮޑްކާސްޓަށް ދެއްވި އިންޓަވިއުއެއްގައި ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ޑައުނިންގ ސްޓްރީޓާ ހަވާލުވެވަޑައިގަތުމަށްފަހު 2016 ގެ ރެފަރެންޑަމަށް ރަޝިޔާއިން ނުފޫޒު ފޯރުވާފައިވޭތޯ ސުވާލު ކުރެއްވުމުން، އެކަން ހިނގާފައިވާ ކަމުގެ ސާފު ސަރީހަ ޖަވާބު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ލިބިވަޑައިގެންފައިވާ ކަމަށެވެ. މިއީ މީގެ 10 އަހަރު ކުރިން ނެގި ރެފަރެންޑަމުގައި ރަޝިޔާގެ ނުފޫޒު އޮތް ކަމުގެ ހެކި ލިބިފައިވާ ކަމަށް އިނގިރޭސި ބޮޑުވަޒީރަކު އާންމުކޮށް އިޢުލާނު ކުރެއްވި ފުރަތަމަ ފަހަރެވެ.

ނަމަވެސް، ރަޝިޔާއިން ނުފޫޒު ފޯރުވާފައިވާ މިންވަރާއި، އެކަމާ ގުޅޭ ތަފްސީލީ ހެކިތަކުގެ އިތުރު ތަފްސީލެއް ބާނަމް ހާމަކުރައްވާފައެއް ނުވެއެވެ. މި ތުހުމަތުތަކާ ގުޅިގެން ލަންޑަނުގައި ހުންނަ ރަޝިޔާގެ އެމްބަސީން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. މީގެ ކުރިން ރަޝިޔާގެ ރައީސް ވްލާޑިމީރް ޕޫޓިން ގެ ސަރުކާރުން ވަނީ ބްރެކްސިޓް ރެފަރެންޑަމަށް ނުފޫޒު ފޯރުވި ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް، އިނގިރޭސިވިލާތުން މަސައްކަތް ކުރަނީ ރަޝިޔާއާ ދެކޮޅު ނަފްރަތު އުފެއްދުމަށް ކަމަށް ބުނެފައެވެ.

ބާނަމްގެ މި ވާހަކަފުޅަކީ ބްރެކްސިޓް ކެމްޕޭން އިސްވެ ހިންގެވި ކުރީގެ ބޮޑުވަޒީރު ބޯރިސް ޖޯންސަންގެ ނިންމެވުމާ މުޅިން ޚިލާފު ވާހަކަފުޅެކެވެ. 2020 ވަނަ އަހަރު ޖޯންސަން ވިދާޅުވެފައިވަނީ ރެފަރެންޑަމަށް ރަޝިޔާއިން ނުފޫޒު ފޯރުވި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. ނަމަވެސް 2020 ގައި އިނގިރޭސި ގާނޫނުހަދާ މަޖިލީހުގެ އިންޓެލިޖެންސް އެންޑް ސެކިއުރިޓީ ކޮމިޓީން ނެރުނު ރިޕޯޓެއްގައި، ބްރެކްސިޓް ރެފަރެންޑަމުގައި ރަޝިޔާގެ ނުފޫޒު އޮތް މިންވަރު ސަރުކާރުން އެކަށީގެންވާ ގޮތެއްގައި ވަޒަންކޮށްފައި ނުވާތީ ވަނީ ފާޑުކިޔާފައެވެ. އަދި 2014 ވަނަ އަހަރު ސްކޮޓްލޭންޑް މިނިވަންވުމަށް ނެގި ރެފަރެންޑަމަށްވެސް ރަޝިޔާއިން ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އިނގިރޭސިވިލާތް އަލުން އީޔޫއާ ގުޅުމާމެދު އާންމުންގެ ބަހުސް އަލުން ފެށިފައިވާ މި ދަނޑިވަޅުގައި، ބޮޑުވަޒީރު ބާނަމް ވަނީ އިނގިރޭސިވިލާތް އީޔޫއިން ވަކިވުމުގެ ސަބަބުން ލިބުނު ފައިދާއަށްވުރެ ލިބުނު ގެއްލުން ބޮޑުކަމަށް ވިދާޅުވެފައެވެ. ދާދިފަހުން ނެގުނު ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކާގޮތުގައި އިނގިރޭސިވިލާތުގެ 49 އިންސައްތަ ރައްޔިތުން އަލުން އީޔޫއާ ގުޅެން ތާއީދުކުރެއެވެ.

ހިއްސާ ކުރައްވާ!