ރަޝިޔާގެ ހަކަތައިގެ ވަސީލަތްތަކަށް ދޭ ހަމަލާތައް ނުހުއްޓުވައިފިނަމަ ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލާނެކަމުގެ އިންޒާރު އެމެރިކާއިން ދީފި

ރަޝިޔާގެ ހަކަތައިގެ އިންފްރާސްޓްރަކްޗާއަށް ދެމުންދާ ދުރުރާސްތާގެ ހަމަލާތައް ހުއްޓާލުމަށް ޔުކްރޭނަށް މަޖުބޫރުކުރުވުމުގެ ގޮތުން، އެ ގައުމަށް ހަތިޔާރު ދިނުން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.

ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލުން ވަނީ ޔޫރަޕްގެ ގައުމުތަކުގެ ވެރިރަށްތަކަށާއި ކީވްއަށް ގުޅައި، ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ބާރުއަޅާފައެވެ.

އެމެރިކާއިން ވަނީ މި ހަމަލާތައް ނުހުއްޓުވައިފިނަމަ ޔުކްރޭނަށް ސީދާ ހަތިޔާރު ފޯރުކޮށްދޭ "ޕްރިއޯރިޓީ އުކްރޭނިއަން ރިކުއަރމަންޓްސް ލިސްޓު" ހުއްޓައިލުމުގެ އިތުރުން، އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުންވެސް މެދުކަނޑާލާނެ ކަމަށް ބުނެފައެވެ.

އެމެރިކާގެ ފިއްތުންތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ރައީސް ޓްރަމްޕް ވަނީ މީސް މީޑިއާ ގައި ޔުކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއަށް ވަރުގަދަ ހަމަލާތަކެއް އަމާޒުކުރައްވާފައެވެ. ޓްރަމްޕް ވަނީ ރަޝިޔާގެ ތެޔޮ ސާފުކުރާ ތަންތަނަށް ހަމަލާދިނުން "އެކީގައި ހުއްޓާލުން މާ ރަނގަޅުވާނެ" ކަމަށް ވިދާޅުވެ، މޮސްކޯއާއެކު ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ލިބުނު ފުރުސަތުތައް ޒެލެންސްކީ ނަގާލައްވާފައިވާތީ އިންތިޚާބަކުން އެމަނިކުފާނު ބަދަލުކުރުމަށްވެސް ގޮވާލައްވާފައެވެ.

މީގެއިތުރުން، ރަޝިޔާއާއި ޔުކްރޭނާ ދެމެދު ހަކަތައިގެ ވަސީލަތްތަކަށް ހަމަލާ ނުދިނުމުގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ޓްރަމްޕް ވަނީ "ޓްރޫތު ސޯޝަލް" ޕްލެޓްފޯމުގައި އިއުލާނުކުރައްވާފައެވެ. ނަމަވެސް، ޒެލެންސްކީގެ އޮފީހުން ވަނީ މިފަދަ އެއްވެސް އެއްބަސްވުމެއް އޮތްކަން އެނގިފައިނުވާ ކަމަށް ބުނެފައެވެ. ޓްރަމްޕްގެ އިއުލާނާއެކުވެސް ރަޝިޔާއިން ދިން ހަމަލާތަކުގެ ސަބަބުން ކީވްގެ ކަރަންޓާއި ފެނުގެ ޚިދުމަތް މެދުކެނޑި، އެ ޚިދުމަތްތައް އިއާދަކުރުމުގެ މަސައްކަތް ޔުކްރޭނުން ދިޔައީ ކުރަމުންނެވެ.

ރަޝިޔާގެ ރައީސް ވްލާޑިމީރް ޕޫޓިން އާއެކު ސުލްހައިގެ މަޝްވަރާތަކަށް މަގުފަހިކުރުމަށްޓަކައި 60 ދުވަހުގެ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ދިއުމަށް ޒެލެންސްކީ ހުށަހެޅުއްވި ނަމަވެސް، ވައިޓް ހައުސްއިން ވަނީ އެކަމުގައި ވަކި އެއްޗެއް ބުނަން އިންކާރުކޮށްފައެވެ.

ހިއްސާ ކުރައްވާ!