ރަސްމާލެ އިންވެސްޓަރު އަލްއަބައްރުގެ ވިޔަފާރިއަށް ހީނަރުކަމެއް ނެތް!

ގަލްފް ސަރަހައްދުގެ ސަރަހައްދީ ނުތަނަވަސްކަކާއެކު އިޢުމާރު ޕްރޮޕަޓީސްގެ ގެދޮރު ގަތުމުގެ ވިޔަފާރީގެ ކެންސަލޭޝަންތައް މަހަކު 1,200 އަށް ކުރިން މަތިވި ނަމަވެސް، މިހާރު އެ އަދަދު މަހަކު 600 އަށްވުރެ ދަށަށް ގޮސް، ވިޔަފާރިއަށް އޮތް އިތުބާރު ކުރީގެ ހާލަތަށް އިއާދަވެފައިވާ ކަމަށް އެ ކުންފުނީގެ ބާނީ މުޙައްމަދު އަލް އަބައްރު ވިދާޅުވެއްޖެއެވެ.

ޝާރްޖާ އިންވެސްޓްމަންޓް ފޯރަމް (އެސްއައިއެފް 2026) ގައި ވާހަކަދައްކަވަމުން އަލް އަބައްރު ވިދާޅުވީ، އާންމުގޮތެއްގައި އިޢުމާރުން މަހަކު 4,000 އާއި ގާތްކުރާ އަދަދަކަށް ޔުނިޓްތައް ވިއްކާއިރު، ކެންސަލޭޝަންގެ އާންމު ރޭޓަކީ މަހަކު 600 ޔުނިޓް ކަމަށެވެ. އަދި ގަލްފްގެ ހަނގުރާމައިގެ ސަރަހައްދީ ނުތަނަވަސްކަމާ ގުޅިގެން ކެންސަލޭޝަންތައް ކުއްލިއަކަށް އިތުރުވި ނަމަވެސް، އެއީ ވަގުތީ ކަމެއް ކަމަށާއި، މިހާރު ހާލަތު އާދައިގެ މިންވަރަކަށް ބަދަލުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަލް އަބައްރު ހާމަކުރެއްވި ގޮތުގައި، އީރާންގެ ހަމަލާ ތަކާއެކު މަސްރަހު ގޯސްވި ދުވަސްވަރުވެސް ކުންފުންޏަށް ލިބެންޖެހޭ އާމްދަނީ ހޯދުމުގެ މިންވަރު އުޅުނީ 9 އިންސައްތައިގައެވެ. އަދި އިޢުމާރުގެ އާމްދަނީގެ ގޮތުގައި އަދި ރެކޯޑުނުކުރެވި ހުރި ސޭލްސް ބެކްލޮގްގެ މިންވަރު 180 ބިލިއަން ދިރްހަމްގައި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ކުރިންވެސް ލިބެމުންދިޔަ އުސޫލުން އަނބުރާ ލިބެމުންދާކަމުގެ ހެކި ކަމަށާއި، މިއިން ރަމްޒުކޮށްދެނީ ކަސްޓަމަރުންގެ އިތުބާރު އޮތް މިންވަރު ކަމަށް އޭނާ ވިދާޅުވިއެވެ.

"ލީޑިންގ ތްރޫ ކޮންސްޓަންޓް ޗޭންޖް" ގެ ނަމުގައި ޝާރުޖާގައި ބޭއްވި ޚާއްސަ ސެޝަނެއްގައި ވާހަކަދައްކަވަމުން އަލް އަބައްރު ވިދާޅުވީ، ދުނިޔޭގެ މާލީ މައިދާން ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި އިންވެސްޓަރުންނާއި އާއިލާތަކުން އިސްކަންދެނީ ޓެކްސް އިނާޔަތްތަކަށްވުރެ ބޮޑަށް އަމިއްލަ މާލީ ރައްކާތެރިކަމަށް ކަމަށާއި، ތައުލީމީ ފެންވަރަށާއި، ދެމެހެއްޓެނިވި ތަރައްގީއަށް ކަމަށެވެ. އަދި އެކުވެރި އަރަބި އިމާރާތަކީ ސިޔާސީ އިޖުތިމާއީ ރައްކާތެރިކަން ވަރުގަދަ، އަމާން ގައުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އޭނާގެ އީ-ކޮމާސް ޕްލެޓްފޯމް "ނޫން" އިން ވިޔަފާރިކުރާ މީހުންގެ އަދަދު މަދުނުވާ ކަމަށާއި، ހޮސްޕިޓަލިޓީ ދާއިރާގެ ހަރަކާތްތައް ކުރިއަށްވުރެ 60 އިންސައްތަ މަތިވެފައިވާ ކަމަށްވެސް އަލް އަބައްރު ވިދާޅުވިއެވެ.

ކޮންމެ ދެ އަހަރަކާއި ހަތަރު މަހުން އެއްފަހަރު ބޮޑު ކާރިސާއެއް ނުވަތަ ހަނގުރާމައެއް ކުރިމަތިވާކަން ތާރީޚުން އެނގެން އޮތްއިރު، ވިޔަފާރިވެރިން ފަސް އަހަރުގެ ދިގު ރޭވުންތަކަށް ބަރޯސާވުމުގެ ބަދަލުގައި ކޮންމެ ތިން މަހުން އެއްމަހުން ސްޓްރެޓެޖީ ބަދަލުކުރަންޖެހޭ ކަމަށް އޭނާ އިރުޝާދު ދެއްވިއެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ ވިޔަފާރިތަކަށް ކޮންމެހެން ބޭނުންތެރި ވަސީލަތެއްގެ ގޮތުގައި ސިފަކުރައްވަމުން އަލް އަބައްރު ވަނީ އޭއައި ނިޒާމުތަކަށް ސަރީޙަ އިރުޝާދު ދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ވިޔަފާރިވެރިންނަށް ގޮވާލައްވާފައެވެ. އަދި އިޢުމާރުން އަގުހެޔޮކޮށް ތަންތަން ވިއްކުމުގެ ބަދަލުގައި އަބަދުވެސް އިސްކަންދެނީ އުފެއްދުންތެރިކަމުގެ ފެންވަރު މަތިކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!