ފަރަންސޭސިވިލާތުގެ ރައީސް އެމެނުއެލް މެކްރޯން ޚަލީޖުގެ ޤައުމުތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށް ވަޑައިގެންފިއެވެ. އެމަނިކުފާނަށް އަބޫދާބީގެ ވައިގެ ބަނދަރުން މަރުޙަބާ ދެންނެވީ ޔޫ.އޭ.އީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒާއިދި އާލްނަޙްޔާނެވެ.
ޔޫއޭއީގެ ރަސްމީ ޚަބަރު އޭޖެންސީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި, ރައީސް މެކްރޯނަށް އެ ޤައުމުގެ ވައިގެ ބަނދަރުން މަރުޙަބާ ދެންނެވުމަށްޓަކައި ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެދީ, ޝަރަފުގެ ގާޑް އޮނަރެއް ވަނީ އަރުވާފައެވެ. އަދި ޔޫ.އޭ.އީގެ އިސް ބޭފުޅުން މި މަރުޙަބާ ދެންނެވުމުގެ ޙަފުލާ ގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގެ ކުރިން ރައީސް މެކްރޯން ވަނީ ކުވެއިރަށް ވެސް ވަޑައިގެން, އެ ޤައުމުގެ އަމީރު ޝައިޚް މިޝްޢަލް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙާ ބައްދަލުކުރައްވާފައެވެ. ސަރަޙައްދީ ޤައުމުތަކާ އެކު އޮންނަ އިޤްތިޞާދީ އަދި ދިފާޢީ ގުޅުންތައް ބަދަހިކުރުމުގެ މަޤުޞަދުގައި ފެއްޓެވި މި ދަތުރުފުޅުގެ ތެރެއިން ބަޙްރެއިނާއި ޤަޠަރަށް ވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ފަރަންސޭސި ރައީސްގެ މި ދަތުރުފުޅު މި ފެއްޓެވީ ފެބްރުއަރީ މަހު އެމެރިކާއިން އިރާނާ ދެކޮޅަށް ފެށި އުދުވާނީ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ޓްރަމްޕްގެ ހަނގުރާމައާ ގުޅިުގެން ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާ ގުޅިގެން ފަރަންސޭސިވިލާތުގައި ފާއިތުވި ދުވަސްތަކުގައި ބޮޑެތި މުޒާހަރާތަކާއި ހަމަނުޖެހުންތަކާ ގުޅިގެން ޤައުމުގެ އެތެރޭގެ ސިޔާސީ މަސްރަޙު ހޫނުވެފައިވާ ވަގުތެއްގައި ކަން ފާހަގަކުރެވެއެވެ.





