ސައޫދީ އަރަބިއްޔާގެ ފުރަތަމަ އަމިއްލަ އިލެކްޓްރިކް ކާރު އިފްތިތާހުކޮށްފި

ސައޫދީ އަރަބިއްޔާގެ ސޮވަރިން ވެލްތު ފަންޑު، ޕަބްލިކް އިންވެސްޓްމަންޓް ފަންޑު (ޕީއައިއެފް) ގެ މައިގަނޑު ހިއްސާ އޮންނަ، އެ ގައުމުގެ ފުރަތަމަ އަމިއްލަ އިލެކްޓްރިކް ވެހިކަލް (އީވީ) ބްރޭންޑް "ސީރް މޯޓޯސް" ގެ ފުރަތަމަ ދެ މޮޑެލް އިފްތިތާހުކޮށްފިއެވެ. މިއީ އެމެރިކާގެ މަޝްހޫރު އީވީ ކުންފުނި ލޫސިޑް މޯޓޯސްގައި ސައޫދީން ބޮޑު ހިއްސާއެއް ގަނެފައިވާ ދަނޑިވަޅެއްގައި، އެ ގައުމުން އަމިއްލަ އުފެއްދުންތެރިކަން އިގްތިސާދީ މައިދާން ގައި ފުޅާކުރުމަށް އެޅި ޚާއްސަ ފިޔަވަޅެކެވެ.

ޖިއްދާގެ އުތުރުގައިވާ ކިންގް އަބްދުالله އިކޮނޮމިކް ސިޓީގައި ގާއިމުކޮށްފައިވާ ސީރް ގެ ކާރުޚާނާގައި އުފައްދާ "އެކްސޯބޮޓް" ސެޑާން އަދި އެސްޔޫވީ މޮޑެލްތައް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ މާރިޗު މަހުއެވެ. ސައޫދީ އަރަބިއްޔާގައި ފަރުމާކޮށް އެންޖިނިއަރިންގ މަސައްކަތްތައް ނިންމާފައިވާ މި ކާރުތަކަކީ 1,100 އަށްވުރެ މަތީ ހޯސްޕަވަރުގެ ބާރުމިން ހުރި، މަތީ ފަންތީގެ ޕްރީމިއަމް އިލެކްޓްރިކް އުޅަނދުތަކެކެވެ. މިއީ ޕީއައިއެފްގެ 58 އިންސައްތަ ހިއްސާ އޮންނަ އެމެރިކާގެ ލޫސިޑް ކުންފުނީގެ އެންމެ މޮޅު ކާރުތަކާ ދާދި އެއް ފެންވަރެއްގެ އުފެއްދުންތަކެކެވެ.

ސާއޫދީ ސަރުކާރުން އިލެކްޓްރިކް ވެހިކަލް ސިނާއަތަށް ވަނުމަށް ކުރާ މަސައްކަތުގެ ތެރެއިން، ޕީއައިއެފް އާއި ތައިވާނުގެ ފޮކްސްކޮން ކުންފުނި ގުޅިގެން 2022 ވަނަ އަހަރު އުފެއްދި ސީރް މޯޓޯސްއަކީ ސައޫދީގެ އަމިއްލަ ސިނާއީ ނިޒާމެއް ގާއިމުކުރުމުގެ މައިގަނޑު ސްޓްރެޓެޖީ އެކެވެ. ސީރް ގެ ސީއީއޯ ޖޭމްސް ޑިލޫކާ ހާމަކުރެއްވި ގޮތުގައި، އަންނަ އަހަރުގެ ކުރީކޮޅު އަމަލީގޮތުން އެ ކާރު ގުނަ އާދަދަކަށް އުފައްދަން ފަށާނެއެވެ. އަދި 2034 ވަނަ އަހަރާ ހަމައަށްދާއިރު، ކާރު އުފެއްދުމަށް ބޭނުންވާ ބާވަތްތަކުގެ ތެރެއިން ބޮޑުބައެއް ސައޫދީ އަރަބިއްޔާގެ އެތެރޭގެ ބާޒާރުން ހޯދުމަށް ވަނީ އަމާޒުހިފާފައެވެ.

މި އާ އިފްތިތާހާއެކު އެމެރިކާގެ ލޫސިޑްގެ ކުޅަދާނަކަން މާކެޓުގައި ކުޑަވެ، މި އަހަރުގެ ތެރޭގައި އެ ކުންފުނީގެ ހިއްސާގެ އަގު 60 އިންސައްތައަށްވުރެ ދަށްވެފައިވާއިރު، ސޫދީ ބާޒާރުގައި އެ ކުންފުނީގެ ވިޔަފާރި ވަނީ 57 އިންސައްތައަށް ދަށްވެފައެވެ. މީގެއިތުރުން، މުޅި މެދުއިރުމަތީގެ އީވީ މާރކެޓުގެ 60 އިންސައްތަ ކޮންޓްރޯލްކުރާ ޗައިނާގެ ބީވައިޑީ ކުންފުނީގެ ވިއްކުން ސޫދީގައި ވަނީ 369 އިންސައްތައަށް މަތިވެފައެވެ.

އޮޓޯމޮބިލިޓީ ކޮންސަލްޓެންސީގެ ސީއީއޯ ބިލް ރޫސޯ ފާހަގަކުރެއްވި ގޮތުގައި، ލޫސިޑަކީ ބައިނަލްއަގުވާމީ ފެންވަރުގެ ލަކްޒަރީ ބްރޭންޑަކަށްވީ ނަމަވެސް، ސީރް ގެ މައިގަނޑު މަގުސަދަކީ ސައޫދީގެ އަމިއްލަ އުފެއްދުންތެރިކަމުގެ ސިނާއީ ވެއްޓެއް ބިނާކުރުމެވެ. ސީރް އިން ބޭނުންކުރަނީ ކްރޮއޭޝިއާގެ ރިމާކް އަދި ސައުތު ކޮރެއާގެ ހިޔުންޑާއި ޓްރާންސިސްގެ މޯޓަރުތަކުގެ އިތުރުން ބީއެމްޑަބްލިއުގެ ޓެކްނޮލޮޖީއެވެ.

މި ދެ ކުންފުނީގެ ކާރުޚާނާތަކުން އަހަރަކު 240,000 އަށްވުރެ ގިނަ އުޅަނދު އުފެއްދުމުގެ ގާބިލުކަން ލިބިގެންދާއިރު، މިއީ ސޫދީގެ އެތެރޭގެ ބާޒާރަށް ބޭނުންވާ މިންވަރަށްވުރެ އިތުރު އަދަދެކެވެ. އިގްތިސާދީ ތަޖުރިބާކާރުން ބުނާ ގޮތުގައި ސޫދީން އުފައްދާ އީވީތަކުގެ 80 އިންސައްތައަށްވުރެ ބޮޑު ބައެއް އަމާޒުކުރާނީ ގަލްފުގެ ގައުމުތަކާއި، އުތުރު އާފްރިކާ އަދި ބައިނަލްއަގުވާމީ ބާޒާރުތަކަށް އެކްސްޕޯޓްކުރުމަށެވެ. އެހެންކަމުން ސައޫދީ އަރަބިއްޔާގެ އަމާޒަކީ ހަމައެކަނި އެތެރޭގެ ބާޒާރު ނޫން ކަމަށާއި، މުޅި ސަރަހައްދީ ފެންވަރުގައި ޗައިނާގެ ބީވައިޑީ އާއި އެމެރިކާގެ ޓެސްލާ ފަދަ ބޮޑެތި ކުންފުނިތަކާ ވާދަކުރުން ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

ހިއްސާ ކުރައްވާ!