މަސްދަރު ހޯދަން ފުލުހުން ނޫހަށް ވަދެ ނޫސްވެރިން ހައްޔަރުކޮށްފި

ނޭޕާލްގެ ނޫސްތަކުން ޝާއިޢުކުރި ޚަބަރުތަކެއްގެ މަސްދަރު ހޯދުމުގެ ނަމުގައި، އެ ޤައުމުގެ ފުލުހުން ވަކިވަކި ނޫސްއިދާރާތަކަށް ވަދެގަނެ، ސީނިއަރ ނޫސްވެރިންތަކެއް ހައްޔަރުކޮށް ސުވާލުކުރި މައްސަލައާ ގުޅިގެން މުޅި ޤައުމުގައި ބޮޑު ނުތަނަވަސްކަމެއް އުފެދި، އާންމުންނާއި ސިޔާސީ ޕާޓީތަކުގެ ނުރުހުން ސަރުކާރަށް އަމާޒުވެއްޖެއެވެ.

އޮކްޓޯބަރު 30 ވީ ހުކުރު ދުވަހު ހިންގި މި ހަރަކާތުގައި، ފުލުހުން ވަނީ "ނޭޕާލް ޕްރެސް" ގެ ބިޝްވަމަނީ ސުބޭދީއާއި، "މޯޓިވް ނިއުސް" ގެ އެޑިޓަރު ޝޯބްހަރާޖް ބަރާލް އަދި "ޑީ.އެން.އޭ ޚަބަރު" ގެ އެޑިޓަރު އިން ޗީފް ދީރަޖް ބަސްނެތު ހައްޔަރުކޮށްގެން ސައިބަރ ބިއުރޯއަށް ގެންގޮސްފައެވެ. މީގެ އިތުރުން "ނަޔާ ޕަތުރިކާ ޑެއިލީ" އާއި "ދިޔޯ ޕޯސްޓް" ގެ އޮފީހަށް ފުލުހުން ވަދެ، އެ އިދާރާތަކުގެ ނޫސްވެރިން ހައްޔަރުކުރުމަށް މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް، އާންމުންނާއި މީސް މީޑިއާ ގައި އިހުތިޖާޖުތައް ބޮޑުވުމާ ގުޅިގެން، ހައްޔަރުކުރި ނޫސްވެރިން ވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ދޫކޮށްލާފައެވެ.

މި ހާދިސާއާ ގުޅިގެން، ވެރިކަންކުރާ ރާޝްތުރިޔާ ސުވަތަންތުރަ ޕާޓީ (އާރް.އެސް.ޕީ) އާއި، ފެޑެރޭޝަން އޮފް ނެޕާލީ ޖާނަލިސްޓްސް (އެފް.އެން.ޖޭ) އަދި މަދަނީ ޖަމްޢިއްޔާތަކުން ވަނީ ފުލުހުންގެ މި އަމަލު ކުށްވެރިކޮށްފައެވެ. އެފް.އެން.ޖޭގެ ރައީސާ ނިރްމަލާ ޝަރުމާ ވިދާޅުވީ، ނޫސްތަކުގައި ޝާއިޢުކުރާ ލިޔުންތަކާ މެދު ޝަކުވާ ހުށަހަޅަންޖެހޭނީ ޕްރެސް ކައުންސިލް ނޭޕާލަށް ކަމަށާއި، ފުލުހުން މީޑިއާއަށް ވަދެގަތުމަކީ 2005 ވަނަ އަހަރު ރަސްގެފާނު ޔާނެންދުރަ ޝާހުގެ އޮތޯރިޓޭރިއަން ވެރިކަމުގައި ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަތް ގޮތް ހަނދާނަށް ގެނުވައިދޭ ކަމެއް ކަމަށެވެ.

ފުލުހުންގެ މި ހަރަކާތްތައް އަމާޒުވީ، މަނީ ލޯންޑްރިންގގެ ތުހުމަތުކުރެވޭ އިނާމް ސަޕްކޯޓާއާ ގުޅުންހުރި މައްސަލަތަކެއްގައި ނޭޕާލްގެ ސިފައިންނާއި ފުލުހުންގެ އިސްވެރިންނާ މެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ޚަބަރުތައް ނޫސްތަކުގައި ޝާއިޢުކުރުމާ ގުޅިގެންނެވެ. އެގޮތުން، ނޭޕާލްގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ދާން ބަހާދުރް ކާރްކީ އިސްތިއުފާ ދެއްވުމަށް ބޮޑުވަޒީރު ބާލެންދުރަ ޝާހުގެ ސެކްރެޓޭރިއަޓުން ފިއްތަމުންދާ ކަމަށް "ނޭޕާލް ޕްރެސް" އިން ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހަރީ ފުޔާލްއާއި، ޗީފް ޖަސްޓިސް މަނޯޖް ކުމާރު ޝަރުމާގެ އިތުރުން އާރް.އެސް.ޕީގެ މަޖިލިސް މެންބަރު ބިޝްވަރާޖް ޕޯޚްރެލްއާ ސަޕްކޯޓާއާ ދެމެދު ހިނގާފައިވާ މާލީ މުއާމަލާތްތަކުގެ ތަފްސީލުތައްވެސް އެކި ނޫސްތަކުގައި ވަނީ އާންމުކޮށްފައެވެ.

މި މައްސަލައިގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާއެކު، ބޮޑުވަޒީރުގެ އޮފީހުން ވަނީ ފުލުހުންގެ މި އަމަލުގައި ބޮޑުވަޒީރުގެ ނުވަތަ އެ އޮފީހުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފައެވެ. ބޮޑުވަޒީރުގެ އޮފީހުގެ މީޑިއާ މެނޭޖްމަންޓް ކޯޑިނޭޓަރު ދީޕާ ދަހާލް ވިދާޅުވީ، ހާދިސާގެ މައުލޫމާތު ލިބުނު ގޮތަށް، ހައްޔަރުކުރި ނޫސްވެރިން ވަގުތުން ދޫކޮށްލުމަށާއި ނޫސްއިދާރާތަކަށް ފުލުހުން ނުވަނުމަށް ބޮޑުވަޒީރު އަންގަވާފައިވާ ކަމަށެވެ.

ޕްރެސް ކައުންސިލް ނޭޕާލްގެ ރައީސް އުމޭޝް ޝްރެސްތާ ވިދާޅުވީ، ކޯޓު އަމުރެއް ނެތި އަދި މީޑިއާގެ ޤާނޫނީ އޮނިގަނޑުން ބޭރުން ފުލުހުން ބާރުގެ ބޭނުންކޮށްގެން ނޫސްވެރިންނަށް ބިރުދައްކަން މަސައްކަތްކުރުމަކީ ޤާނޫނުގެ ވެރިކަމާ ޚިލާފު ކަމެއް ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި ސަރުކާރުން މިކަމުގައި ޒިންމާދާރު ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ހިއްސާ ކުރައްވާ!