މިސްރު ދަރިކޮޅުގެ އާދަމް ހަމަވީ ވެސް ވަނީ ނިއު ޖާޒީން އިންތިޚާބު ވެފައެވެ.
މިސްރު ދަރިކޮޅުގެ އާދަމް ހަމަވީ ވެސް ވަނީ ނިއު ޖާޒީން އިންތިޚާބު ވެފައެވެ.

އެމެރިކާ: މުސްލިމް ކެންޑިޑޭޓުން ތާރީޚީ ކާމިޔާބީތަކެއް ހޯދައިފި 

އެމެރިކާގެ ދައުރުގެ މެދު ތެރޭ އިންތިޚާބުގައި ފަލަސްޠީނު، ސޯމާލިއާ، އަފްޣާނިސްތާނު، މިސްރު އަދި އެފްރިކަން އެމެރިކަން ނަސްލަށް ނިސްބަތްވާ މުސްލިމް ކެންޑިޑޭޓުން ތާރީޚީ ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވައި، އެމެރިކާގެ ޤާނޫނުހަދާ މަޖިލީހާއި ސިޔާސީ ބާރުވެރިކަމުގެ އިސް މަޤާމުތަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. އިސްލާމޯފޯބިއާއާއި ނަފްރަތު ފެތުރުމަށް ޓްރަމްޕާއި އޭނާގެ އައުވާނުން ހިންގި ސިޔާސީ ހަރަކާތްތަކާ ދެކޮޅަށް އާންމު ރައްޔިތުން ނިކުމެ ވޯޓުދީ، ސިޔާސީ މައިދާން ގައި މުސްލިމުންގެ ދައުރު ވަނީ އިތުރަށް ފުޅާކޮށްދީ ފައެވެ.

  • އިންތިޚާބީ ނަތީޖާތަކަށް ބަލާއިރު، އެފްރިކަން އެމެރިކަން ނަސްލަށް ނިސްބަތްވާ އަންދުރޭ ކާސަން، ސޯމާލީ އެމެރިކަން ނަސްލުގެ އިލްހާން އުމަރު އަދި ފަލަސްޠީނު އެމެރިކަން ނަސްލުގެ ރަޝީދާ ޠުލައިބް ވަނީ އެމެރިކާގެ ކޮންގްރެސްގެ ގޮނޑިތައް ކާމިޔާބުކުރައްވާފައެވެ.
  • މީގެ އިތުރުން، އެފްރިކަން އެމެރިކަން ނަސްލުގެ ލަތީފާ ސައިމަން، އަފްޣާން އެމެރިކަން ނަސްލުގެ އައިޝާ ވައްހާބް، މިސްރު އެމެރިކަން ނަސްލުގެ އާދަމް ހަމަވީ، އެފްރޯ-ލެޓީނާ ނަސްލުގެ ދާރިއަލީޒާ އަވިލާ ޝެވާލިއޭ އަދި ފަލަސްޠީނު އެމެރިކަން ނަސްލުގެ އަބޭރް ކަވާސް ފަދަ ބޭފުޅުން ވަނީ ސްޓޭޓް ފެންވަރުގައާއި ލޯކަލް ސަރުކާރުތަކުގެ މުހިންމު ސިޔާސީ މަޤާމުތަކަށް އިންތިޚާބުވެވަޑައިގެންފައެވެ.

މި ކާމިޔާބީއާ ގުޅިގެން އާންމުކުރި ބަޔާންތަކުގައި މުސްލިމް ކެންޑިޑޭޓުންނާއި ސިޔާސީ ފަރާތްތަކުން ފާހަގަކޮށްފައިވަނީ، އިސްލާމްދީނާ ދެކޮޅަށް ހިންގާ ހަރަކާތްތަކާއެކުވެސް މުސްލިމް މުޖުތަމަޢުތަކުން ސިޔާސީ މައިދާން އަށް ނުކުމެ، އިންތިޚާބުތަކުގައި ވޯޓުދީ، ސިޔާސީ ތާރީޚު ބަދަލުކުރުމުގައި ދެމިތިބޭނެ ކަމަށެވެ. މުސްލިމް ބޭފުޅުން ސިޔާސީ ބާރު ވެރި މަޤާމުތަކަށް އައުމަކީ އެމެރިކާގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމެކެވެ.

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ޑިމޮކްރެޓުން ކޮންގްރެސްގެ އަޣުލަބިއްޔަތު ކަށަވަރުކޮށްފައިވާއިރު، އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު އާއި ނައިބު ރައީސް ޖޭޑީ ވެންސް ހިމެނިވަޑައިގަންނަވާ ސަރުކާރުގެ އިސް އޮފިޝަލުންގެ ސިޔާސަތުތަކަށް ޤާނޫނުހަދާ މަޖިލީހުގެ ތެރެއިން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވާނެއެވެ. ޚާއްސަކޮށް، ޔުކްރޭން ހަނގުރާމައާއި، ޣައްޒާ އަދި ހުޅަނގު އައްސޭރި ގެ މަސްރަހު އާ ގުޅޭގޮތުން އެމެރިކާއިން ގެންގުޅޭ ސްޓްރެޓެޖީ ތަކަށް ބަދަލުތަކެއް ގެނައުމަށް މަޖިލީހުގެ ތެރެއިން މަސައްކަތްކުރާނެއެވެ. މީގެ އިތުރުން ހުރުމުޒު ކަނޑުއޮޅި ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ސިފައިން ހަރަކާތްތެރިވާ ގޮތާމެދުވެސް ފާރަވެރިވާނެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް